27 July 2025 (Sunday)

ނައިބު ރައީސް އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުން ހިއްސާކުރާ ތާރީޚާއި، ފަރުދީ ފެންވަރުގެ ޒަމާންވީ ގުޅުންތަކުގެ މަތީގައި ބިނާކޮށްފައިވާ ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން، ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް އިސްކަންދިނުމާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކޮށްދީގެން ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، ސިއްޙީ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމާއި، ދެ ޤައުމަށްވެސް ފައިދާކުރަނިވި މަސައްކަތްތައް ކުރިއެރުވުމުގެ އަޒުމުގެ މަތީ ސާބިތުވެ ތިއްބެވިކަން ހާމަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.