މާލޭގެ އެންމެ ރަނގަޅު އެއް މަގު – ސޯސަން މަގު

މާލޭގެ ގިނަ މަގުތަކަކީ، ވަރަށް ގިނަ ގޮތް ގޮތުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ދަތި މަގުތަކެކެވެ. ނަމަވެސް ސޯސަން މަގު ބެލެވެނީ ގިނަ ގޮތް ގޮތުން ފަސޭހަ މަގެއްގެ ގޮތުގައެވެ. ބޮޑުތަކުރުފާނު މަގު ވަރު ނުވިޔަސް ސޯސަން މަގަކީ ވެސް ފުޅާ މަގެކެވެ. މިއީ މިންއަޅައިފައި ނުވަތަ މިން އެނގިގެން ދެންނެވި ވާހަކައެއް ނޫނެވެ. ބަލައި ބެލުމަށެވެ.

ދެން އޮތީ އެ މަގުން ލިބެން ހުރި ޚިދުމަތްތަކެވެ. ރާއްޖޭގައި އަދި މާލޭގައި ހުރި އެންމެބޮޑު އަމިއްލަ ހޮސްޕިޓާ ހުރީ ސޯސަން މަގުގައެވެ. ގިނަ އަދަދެއްގެ ބޭސް ފިހާރަތައް ހުރެއެވެ. ފޮތި ފިހާރައާއި ހެދުން ފިހާރަތައް ހުރެއެވެ. 24 ގަޑިއިރު ހުޅުވާފައި ހުންނަ ސުޕަރމާޓުތައް ހުރެއެވެ. އެކި ފެންވަރުގެ އެކި ރަހަތަކުގެ ކެފޭތައް ވެސް މަދެއް ނޫނެވެ. އަދި ބޮޑު ބޭކަރީއަކާއި "ޓޭކްއަވޭ"ކެއުންތައް ލިބޭނޭ ތަންތަން ވެސް ހުރެއެވެ. ބުނެވޭ ގޮތުގައި ބައެއް ފިހާރަތަކުން އާންމުކޮށް ގިނަ ތަކެތި އަގު ހެވެވެ. އެކަމަކު އާންމުކޮށް އަގު ބޮޑު ފިހާރަތައް ހުންނަ ކަމަށް ވެސް އަޑު އިވެއެވެ.

ފަސޭހައިން ނަމާދުކޮށްލުމަށް ޓަކައި އެ މަގުގައި ދިރިއުޅޭ މީހުންނަށް މާދުރުނޫން ހިސާބެއްގައި ހުކުރު ވެސް ކުރާ ދެ މިސްކިތެއް ހުރެއެވެ. އެއް މިސްކިތަކީ، މަޝްހޫރު އިބްރާހީމް މިސްކިތެވެ. މިހާރުގެ ނަމުން ނަމަ، މިސްޖިދު އިބްރާހީމެވެ. އިބްރާހީމް މިސްކިތް ހުންނަނީ، ސޯސަން މަގުގެ މެދަކާ ހިސާބުގައެވެ. އަދި އެ މަގުގެ އުތުރުކޮޅު ނިމޭ ހިސާބުގައި އަމީރު އަޙްމަދު މަގުގައި މަސްޖިދު އިބްރާހީމް އިސްކަންދަރެވެ. އެއީ، ސޯސަން މަގުގެ ދެކޮޅުގައި ދިރި އުޅޭ މީހުންނަށް ވެސް އޮތް ވަރަށް ބޮޑު ފަސޭހައެކެވެ.

ސޯސަން މަގު ވެފައި އޮންނަނީ، ސިޔާސީ ހަރަކާތްތަކަށް ވެސް ފަހި މަގެއްގެ ގޮތުގައެވެ. އެ ގޮތުން އާންމު ގޮތެއްގައި ސޯސަންމަގުގެ ދެކުނުކޮޅަކީ، ސިޔާސީ ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ޚާއްސަ ސަރަހައްދެކޭ ދެންނެވިދާނެއެވެ. އަދި އެފަދަ ހަރަކާތްތައް ބޭއްވުމަކުން، އެ ސަރަހައްދަށް މާބޮޑު ދަތިތަކެއް ކުރިމަތިވެއެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ސަރަހައްދުގެ ގޮތުން މަގުގެ "ޓްރެފިކަށް" މާބޮޑު ދަތިކަމެއް ނާދެއޭ ދެންނެވިދާނެއެވެ. މި ދެންނެވީ، ސޯސަން މަގުން ދެކުނަށް ދަތުރުކުރާ ތަކެއްޗަށް ބޮޑުރަސްގެފާނު މަގުން، ހުޅަނގަށް ދަތުރުކުރެވޭނެއެވެ. އަދި އެ މަގުން ގޮސް ދޮންއަދަރާދަ ހިނގުމުން ލޮނުޒިޔާރަތް މަގަށާއި ބުރުޒު މަގަށް ދަތުރު ކުރެވޭނެއެވެ. ނޫނީ، ޝަބްނަމް މަގުން މަޖީދީ މަގަށް ވެސް ދަތުރު ކުރެވޭނެއެވެ. އަދި ކަށިމާ ހިނގުމުން އުތުރަށް ދަތުރުކުރާ ތަކެއްޗަށް ވެސް ބޮޑުރަސްގެފާނު މަގުން ދަތުރުކުރެވޭނެއެވެ.

ދެން އޮތީ ޕާކިންގެ މައްސަލައެވެ. މަގުގައި ދިރިއުޅޭ އެންމެންނާ ގާތުގައި ނޫން ނަމަވެސް، މަގުގެ މެދަކާ ހިސާބާއި މަގުގެ އުތުރުކޮޅުގައި (ކުރީގެ ނާސަރީ ހުރި ބިމާއި ކުރީގެ ގައުމީ މަރުކަޒު ހުރި ބިމުގައި) އާންމު ސައިކަލު ޕާކިންގއެއް އޮވެއެވެ. އޭގެ އިތުރުން ނުގަވައިދުން ނަމަވެސް ދެ ފަރާތުގައި ޕާކުކޮށްފައި އޮންނައިރު ވެސް ވަރަށް ބޮޑަށް ދަތިވުމަށް ވުރެ، އެހެން މަގުތަކުގެ ނިސްބަތުން ފަސޭހައޭ ދަންނަވަން ޖެހެއެވެ. އެކަމަކު އެއީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދެންނެވި ވާހަކައެއް ނޫނެވެ. ގަވާއިދަށް ކިޔަމަންވެ، ދެ ފަރާތުގައި ޕާކު ނުކުރާ ނަމަ، ސޯސަން މަގު ބެލެވޭނީ "ރަސް މަގެއް"ގޮތުގައެވެ.

ސޯސަން މަގުގެ އެންމެ ހިތްގައިމު ދެ ކަންތައް އަދި ނުދެންނެވެއެވެ. އެއް ކަމަކީ، އެ މަގުގެ ފެހިކަމާއި ފިނިކަމެވެ. ޚާއްސަކޮށް އެ މަގުގެ ދެކުނުކޮޅު ވަރަށް ތަފާތެވެ. ގަސްބޯ ފެހި ޖަންގައްޔެކޭ އެއްފަދައެވެ. އަނެއް ކަމަކީ، ވަރަށް ގިނަ މަގުތަކުގައި އާންމުކޮށް ފެން ބޮޑުވާ ވަރަށް ވާރޭ ވެހުނަސް، ސޯސަން މަގުގައި ފެން ނުހެދޭ ކަމެވެ. ފެނުގައި ނުޖެހި ދަތުރުކޮށްލަައި ހިނގައިލުމުގެ ފުރުސަތު ލިބޭކަމެވެ.

މި ހިސާބުން މި ލިޔުމުގައި ވެސް ހަތަރުއަނގޮޅިއަކަށް އާދެވުނީއެވެ. އާދެ! އަޅުގަނޑަށް މި އާދެވުނީ، ސޯސަން މަގާއި މަޖީދީ މަގާ ގުޅުނު ހަތަރު އަނގޮޅިއަށެވެ. 2000ގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި "ޓްރެފިކް ލައިޓް" ހުރި ހަތަރުއަނގޮޅިއެކެވެ. ނަމަވެސް މިހާރު އެއީ، ހަވީރާއި ރޭގަނޑުގެ ބައެއް ގަޑިތަކުގައި ވަރަށް ހާސްކަން ބޮޑު ހަތަރުއަނގޮޅިއެކެވެ. ކޮންމެ މީހަކު ވެސް އެ މީހަކު ދާން ބޭނުންވާ ކޮޅަކަށް ސިކުންތެއް ވެސް މަޑުނުކޮށް ދާން ބޭނުން ވެފައިވާ ތަން ފެންނަ ހަތަރުއަނގޮޅިއެކެވެ. އުުތުރުން ދެކުނަށް ނުވަތަ ދެކުނުން އުތުރަށް ދާން ބޭނުން މީހުން، އިރުން ހުޅަނގަށް ނުވަތަ ހުޅަނގުން އިރަށް ދާން ބޭނުންވާ މީހުން، އެއް ބަޔަކު އަނެއް ބަޔަކަށް މަދު ސިކުންތުކޮޅެއް ދޭ ނަމަވެސް ހާދަހާ ފަސޭހަވާނެއޭ ހިތަށް އަރާ ހަތަރުއަނގޮޅިއެކެވެ. އެކަމަކު ކުރާނެކަމެއް ނެތެއް ނޫންތޯއެވެ. ކޮންމެ މީހަކު ވެސް އިސްކަން ދެނީ ހަމަ އެމީހަކަށެވެ. އަނެކާއާ ދިމާއަށް ބަލައިލުމެއް ވެސް ނެތިއެވެ.

ކޮންމެ އަކަސް އަޅުގަނޑު ބަޔާން ކުރެވޭތޯ މި އުޅުނު، ސޯސަން މަގު – މާލޭގެ އެންމެ ފަސޭހަ އެއް މަގަށް، ސައްތައިން ސައްތަ ނުވެދާނެ ކަމަށް އަޅުގަނޑަށް ޝައްކުވާ ހަމައެކަނި ސަބަބަކީ، މި ހަތަރު އަނގޮޅިއެވެ. ސޯސަން މަގާއި މަޖީދީ މަގާ ގުޅޭ ހަތަރުއަނގޮޅީގައި ޓްރެފިކް ލައިޓެއް ހަރުކުރެވިއްޖެ ނަމަ، އަޅުގަނޑު ސޯސަން މަގަށް ސައްތައިން ސައްތަ ދޭނަމެވެ. ތިޔަ ބޭފުޅުންނޯލައެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.