
އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒީލް ރަޝީދު ވަކިކުރަން ނިންމާފއިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އޭނާ މި މަގާމުން ވަކިކުރަން ނިންމާފައިމިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަންގައި ހުރި ފަޒީލް އާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ މާދަމާއިން ފެށިގެން މަގާމުން ވަކިކުރަން ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. އަދި އެއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ބޯޑުން އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.
މީގެ އިތުރުން ފަޒީލްގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސްމަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށް ބޯޑުން ދެކޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.