ވިހަ ތީރު (107)

( 22 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދޮގުހަދައިގެން ، ކުލްސޫމް ހައްލަން މަސައްކަތްކުރާތީ ، ކުލްސޫމް ޝަކުވާ ކުރިއެވެ. ދިލްނަޝީން ގުޅުމެއް ހިންގާކަން އޭނާއަށް ސާފުކޮށްދީ ތެދަށް ބުނުމަށް ކުލްސޫމް އެދެމުން ގެންދިޔައެވެ.

" އަހަރެމެން އެންމެންގެ ލޮލުގައި ދިލްނަޝީން ، ކެހިވެރިކަމުގެ އަނދުން އަޅުވައި އަހަރެމެންނަށް އޮޅުވައިލީއެވެ. އަދި ނުވިތާކަށް ، އަހަރެންގެ މާމަދަރިފުޅުވެސް ............. " ރޮވިގެންގޮސް ކުލްސޫމަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

އޭނާގާތު ހުރިހާ ވާހަކައެއް ދިލްނަޝީން ދައްކާކަމަށް ޙައިދަރު ، އެންމެފަހުން އެއްބަސްވިއެވެ. އޭނާއަށް ހުރިހާކަމެއްވެސް އެނގެއެވެ. ދިލްނަޝީން ހަމައެކަނި ބޭނުންވީ ، އެކުއްޖާއާ އިންނާށެވެ. އެހެންކަމަށް ވަންޏާ ، ޙައިދަރު އޭނާ ވަރިކޮށްފައި މޫނުމައްޗަށް ސެޓްފިކެޓް ނުޖެހީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ.

" އެކަހަލަ ގޮތެއްފޮތެއް ނެތް އަންހެންކުއްޖަކު ގޭގައި ބުދެއްހެން ބައިންދައިގެން އަހަރެމެންގެ ޖަޒުބާތާ ކުޅެން ، ބެހެއްޓީ ކީއްވެގެން ހެއްޔެވެ ؟ " ކުލްސޫމް ސުއާލު ކުރިއެވެ.

ދިލްނަޝީން އިނީ ޙައިދަރުގެ ދަރިޔަކަށް ބަލިވެއެވެ. އެޙާލަތުގައި ، އޭނާއަށް ދިލްނަޝީން ވަރިކުރެވޭނީ ކިހިނެއްތޯ ، ޙައިދަރު އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ. ދަރިފުޅު ވިހާފައި އަހަރެމެންނަށް ދަރިފުޅުދީފައި ، މަންމަގެ ބަލި ރަނގަޅުވީމަ ، މިގެއިން ނުކުމެގެން ދިލްނަޝީން ދާގޮތަށް އެ ދެމީހުން ތިބީ އެއްބަސް ވެގެންނެވެ.  އެކަމަކު ، އެ ދަރިފުޅުވެސް އުފަންވެގެން ދުނިޔެއަކަށް ނައެވެ. ދެނެއް އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތްކަމަށް ޙައިދަރު ބުންޏެވެ. މިހާރު އެއޮތީ ހުރިހާކަމެއް ނިމިފައެވެ. މަންމަ އެކަމާ އެހާބޮޑަށް ނުވިސްނުމަށް ޙައިދަރު އެދުނެވެ.

މަޢޫޞޫމިއްޔަތުކަން ދައްކައިގެން ، އެމީހުންނަށް އޮޅުވާލައިގެން ދިލްނަޝީން އެއުޅުނު ޗާލާކީ އުޅުމަށް ކުލްސޫމް ތަޢުރީފް ކުރިއެވެ. އެމީހުންނާއި އެގޭގެ ފައިދާ ދިލްނަޝީން އެނެގީ ދުނިޔެއަށް މިސާލެއް ދައްކަމުންނެވެ. ކުލްސޫމްދެކެ ލޯބިވާކަމަށް ހެދިގެން ، ގެއިން ނުކުމެގެން އެދިޔައީ ކުލްސޫމްގެ ކުލުނާއި ލޯބިވެސް ހިފައިގެންނެވެ. އިޙްތިރާމާއި ޤަދަރުވެރިކަމާ އެކީގައެވެ. ކުލްސޫމް ބެލީ އެއީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި ކުލްސޫމަށް ދިލްނަޝީން އެދިނީ ކިހާބޮޑު ލަނޑެއް ހެއްޔެވެ ؟ ރޮމުންރޮމުންގޮސް ، ކުލްސޫމްގެ ޚަބަރުހުސްވެގެން އެނދުމައްޗަށް ވެއްޓުނެވެ.

ޙައިދަރަށް ހަދާނެގޮތް ބޮޑުވިއެވެ. ޝާހިދަށް ފޯނުކޮށް މަންމަގެ ޙާލަތު ކިޔައިދިނުމުން ، ޝާހިދު އިރުޝާދުދިންގޮތަށް ، ދޫދަށަށް ލައްވާ ބޭސް ލެއްވުމަށްފަހު ، އެނދުމަތީ ރީއްޗަށް ބޭއްވިއެވެ.

ދިލްނަޝީން ހޭއެރުމާއެކީ ، ނަރުސްކުއްޖާގާތު އެންމެ ފުރަތަމަވެސް އަހައިލެވުނީ ، އޭނާގެ ގޭގެމީހުން ކޮބައިތޯއެވެ. ބޭރުގައި އެމީހުން އެބަތިބިކަމަށާއި އެމީހުންނަށް ގޮވައިލަންވީތޯ ނަރުސްކުއްޖާ އެހިއެވެ. ދިލްނަޝީން އާނއެކޭ ބުނުމަށް މަޑުމަޑުން ބޯ ޖަހައިލިއެވެ.

ނަރުސްކުއްޖާ ބޭރަށް ނުކުތްތަނުން އެކޮޓަރިޔަށް އެވަނީ ޢާފިޔާއެވެ. މަންމަ ކޮބައިތޯއާއި މަންމަޔަށް ގޮވާލަ ދިނުމަށް ދިލްނަޝީން އެދުނެވެ. ޢާފިޔާ އެތަނަށް އެވަނީ ، އަނީސާ ގާތު ކިޔާކިޔާވެސް ނުވަދެގެންނެވެ. އަނީސާ އެތަނަށް ވަންނާކަށް ބޭނުމެއްނޫނެވެ. ޙައިދަރު ކޮބައިތޯ ދިލްނަޝީން ސުއާލު ކުރުމާއެކީ ، އެތަނަށް އައިސް އިރުކޮޅެއްނުވެ ، ޙައިދަރާ ސާރާއާ ކުލްސޫމް އެތަނުން ނުކުމެގެންދިޔަ ވާހަކަ ޢާފިޔާ ބުންޏެވެ. އެއީ ކީއްވެގެންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ނުވަނީ ކޮންކަމެއްތޯ ޢާފިޔާ ސުއާލު ކުރިއެވެ. ދިލްނަޝީންގެ ގެޔާއި އެގެއިން ލިބިފައިވާ ލޯތްބާއި އިޙްތިރާމާ ، ޙައިދަރުގެ ގާތްކަމާ އަދި އެންމެ ދެރަވެގެން ، ދިލްނަޝީންގެ ބަނޑުގައި އޮތްދަރިފުޅުވެސް ދިލްނަޝީނަށް ގެއްލިފައިވާކަމުގައި ޢާފިޔާ ބުންޏެވެ. ދިލްނަޝީން ބާއްވަމުން އައި ނާޖާއިޒް ގުޅުމުން ހުރިހާ އެއްޗަކާއި ކަމެއް ގެއްލުވާލައިފިއެވެ.

" ނޫނެކެވެ. ދައްތާއެވެ ! އަހަރެން ދިޔައީ ޙަމްޒާއަށް ނޫނެކޭ ބުނެ އޭނާއާ ވަކިވާށެވެ. އެވާހަކަ ދައްކާށެވެ. އަހަރެން ޙަމްޒާއާ ބައްދަލުކުރަން ދިޔައީ ، އަހަރެންގެ ފިރިމީހާދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުނަން ވެގެންނެވެ. އަހަރެން ބަލިވެ އިންވާހަކަވެސް ބުނާށެވެ. އަދި އަހަރެން ދޫކޮށްލުމަށް އެދޭށެވެ. ދައްތާއެވެ ! މި އެކްސިޑެންޓްވީ ، އެކަމާ ރުޅިއައިސްގެން ޙަމްޒާ ހަމައިން ނައްޓައިގެންނެވެ. އެއްފަހަރު ނަމަވެސް މަންމަޔަށް ގޮވައިލަ ދޭށެވެ. ބޭބެއަށްވެސް ގޮވައިލަދޭށެވެ. ޙައިދަރަށް ނަމަވެސް ، އެއިން ކޮންމެވެސް މީހަކަށް ގޮވާލަ ދޭށެވެ. " ބަލި އަޑަކުން ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

ކޮންމެވެސް މީހަކަށް ގޮވާލަ ދިނުމަށް ދިލްނަޝީން އާދޭސް ކޮށްކޮށް އޮއްވާ ޢާފިޔާވެސް އެކޮޓަރިން ނުކުތެވެ.

 

ކޮޓަރިތެރޭ އެކަނި ގިސްލަގިސްލާފައި ރޯން ޙައިދަރު ހުއްޓެވެ. އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން އެދަނީ ، އޭނާގެ މަންމަ އާއި ބުޝްރާ ދެއްކި ވާހަކަ ތަކެވެ. ޙައިދަރާ ދިމާލަށާއި އޭނާގެ ޝަޚުޞަށް ނިޞްބަތްކޮށް ، އޭނާގެ އަގުވައްޓާލައި އަބުރު ދުއްވައިލުމަށްޓަކައި ، ހޮސްޕިޓަލްތެރޭ ހުރެ ، އޭނާއާ ދިމާލަށް ، ބުޝްރާ ނުގޮވާކަ އެއްޗެއް ނެތެވެ. ދިލްނަޝީންގެ އަޚުލާޤާއި ޝަޚުޞާބެހޭގޮތުން ، މަންމަ އެދެއްކި ވާހަކަތަކަކީ ، ޙައިދަރަށް ކެތްކުރެވޭވަރުގެ ވާހަކަތަކެއް ނޫނެވެ. ދިލްނަޝީން އެކުރީ މީހުން ކުރާކަހަލަ ކަމެއްނޫނެވެ.

 

ޝާހިދު އައިސް ކޮޓަރިޔަށް ވަނުމާއެކީ ޙައިދަރު ކުޑަކޮށް ހަމަޖެހިލިއެވެ. ދައްތަގެ ބީޕީ ހަމަޔަކަށް އެޅުނީ ވަރަށް އުނދަގުލުންކަމުގައި ޝާހިދު އައިސް ބުންޏެވެ.

" ދޮގެއް އެއީ ތެދެއްގެ ގޮތުގައި ފޮރުވައިގެން ގެނގުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ އަހަރެމެން މިހަދާ ދޮގު އެއްދުވަހަކުން ފަޅާ އަރާނެއެވެ. އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދިލްނަޝީން އެކުރީ ވަރަށް ހަޑިކަމެކެވެ. ކުޑަދުވަސްކޮޅަކަށް ކެތްކޮށްލި ނަމައެވެ. ކަންކަން މިދިމާވިގޮތުން ، ދިލްނަޝީނާ އެއްވެސް ގުޅުމެއް ބޭއްވުމުގެ ބޭނުމެއް ނެތެވެ. " ޝާހިދު ބުންޏެވެ.

މަންމަ އުފަލުގައި ބެހެއްޓުމަށްޓަކައި ، ޙައިދަރަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. މަންމަގެ ހުރިހާވެސް އުފަލަކީ ދިލްނަޝީނެވެ. ޙައިދަރުވެސް ދިލްނަޝީން ދެކެ ވަރަށް ލޯބިވެއެވެ. އެމީހުންގެ ކައިވެނި ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރި ހިތަކުން ޙައިދަރު އެތައް މަސައްކަތެއް ކޮށްފިއެވެ. ޙައިދަރު ކުރި ހުރިހާ މަސައްކަތެއް މިހާރު އެވަނީ ފެނަށް ވެފައެވެ. އޭނާއަކީ ނާކާމިޔާބު އިންސާނެއްކަމަށް ޙައިދަރު ބުންޏެވެ. އެއްވެސްކަމެއް އޭނާއަކަށް ސަލާމަތެއް ނުކުރެވުނެވެ. މަންމަވެސް އޭނާއާ ވަކިވެ ދަނީއެވެ. އަދި އުފަންވާން އުއްމީދުކުރި އޭނާގެ ދަރިފުޅުވެސް އޭނާއަށް ގެއްލިގެން ދިޔައީއެވެ.

މަންމަޔަށް ކާންދޭންވީ ކޮންއެއްޗެއްކަން ޝާހިދު ނުބުނަމެއްނޫންހޭ ބުނަމުން ސާރާ އައިސް ކޮޓަރިޔަށް ވަނެވެ. މަންމަޔަށް ކާންދޭންވީ ކޮން އެއްޗެއްތޯ ސާރާ ސުއާލު ކުރިއެވެ. މަންމަ ކާހިތްވާ ކޮންމެ އެއްޗެއް ދިނަސް އެނމެ ރަނގަޅު ކަމަށާއި ލޮނު މަދު ކުރަން ޝާހިދު ބުންޏެވެ.

ސާރާއަށް މަންމަގެ ބަލީގެ ވާހަކަ އެނގޭތޯ ޙައިދަރުކުރެން ޝާހިދު އެހިއެވެ. ޙައިދަރަށް ކުއްލި ސިހުމެއް ލިބުނެވެ. އެވާހަކަ ސާރާގާތު ނުބުނުމަށް އެދި ޝާހިދާ ދިމާލަށް ޙައިދަރު ބޯ ހޫރައިލިއެވެ. އެއީ ކީއްވެގެންތޯ ޝާހިދު ސުއާލު ކުރިއެވެ. އެއީ ސާރާގެވެސް މަންމައެވެ. އެކަން އެނގުމުގެ ފުރިހަމަ ޙައްޤު ސާރާއަށްވެސް ލިބިގެން ވެއެވެ. މަންމަގެ ތަކުލީފުން ލިބޭ ހިތާމަތައް ސާރާއަށް ނާންގައި ، ޙައިދަރު އަމިއްލަޔަށް ތަޙައްމަލުކުރަން ނޫޅުމަށް ޝާހިދު އެދުނެވެ. ޑރ. ޝާހިދު އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސާރާ ސުއާލު ކުރިއެވެ. ބޭބެ އެކަނި ތިއުފުއްލަނީ ކޮން ތަކުލީފެއްތޯ ސާރާ ސުއާލުކުރަމުން ގެންދިޔައެވެ.

ޙައިދަރަށް ނުބުނެވޭކަމަށް ވަންޏާ އޭނާ އެވާހަކަ ބުނަންވީތޯ ޝާހިދު ސުއާލު ކުރިއެވެ. ބުނަން އޮތީ ކޮންވާހަކައެއްތޯ އަހައި ، ޝާހިދާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ. ސާރާގެ ޙާޟިރުގައި އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމުގައި ޙައިދަރު ބުންޏެވެ. އެކަމެއް އެނގެން ސާރާ އިތުރށް ބޭނުންވިއެވެ. މަންމަގެ ސިކުނޑީގައި ޓިއުމަރެއް އެބައިން ކަމުގައި ، އެހެން އެއްވެސް ގޮތެއް ނެތިގެން ، ޙައިދަރު ބުންޏެވެ. ޙައިދަރު އެވާހަކަ ބުނުމާއެކީ ، ކަކުލުހުޅުން ވާގިދޫވެގެން ބިންމައްޗަށް ސާރާ ތިރިއެވެ. އަދި ، އަޑުގެ ނެތްތަނަށް ރޯން ފެއްޓިއެވެ.

 

ބުޞްރާއާއި ރިދާ އަދި ހާރޫންތިބީ ، ޙަމްޒާއަށް ވާގޮތެއް ނޭނގި ކަންބޮޑުވެފައެވެ. ނަރުސްކުއްޖަކު އައިސް ، ޙަމްޒާ ހޭއެރިވާހަކަ އާއި އެތަނަށް ވަދެވޭނީ އެކަކަށް ކަމަށް ބުނުމާއެކީ ، ބުޝްރާ ފުންމައިގެން ތެދުވެ ، ޙަމްޒާއޮތް ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ. ޙަމްޒާ ފެނުމާއެކީ ، އޭނާގެ ދަރިފުޅު ސަލާމަތްކޮށްދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކޮށް ، ޙަމްޒާއާ ގާތަށް ޖެހިލިއެވެ. ޙަމްޒާގެ ބޯ އޮތީ އެއްކޮށް ބެންޑޭޖް ކޮށްފައެވެ. މޫނުގެ އެތައްމިތަން މަށައިގެން ގޮސްފައި ހުއްޓެވެ. ޙަމްޒާ ލޯހުޅުވައިލުމަށްފަހު އެންމެ ފުރަތަމަވެސް ބުނިވާހަކަޔަކީ ، އޭނާ ކައިވެނިކުރަން ބޭނުން ވާހަކައެވެ. ޙަމްޒާ ބޭނުންގޮތެކޭ ބުނެ ، އިހަށް ޙަމްޒާ ރަނގަޅުވުމަށް ބުޝްރާ ބުންޏެވެ. ރަނގަޅުވީމަ ، ޙަމްޒާ ބުނާކަމެއް ބުނާގޮތަކަށް ކޮށްދޭން ، ބުޝްރާ ވަޢުދުވިއެވެ. ޙަމްޒާ ބޭނުންވީ ހަމަ އެދުވަހުން އެދުވަހަށް ، ހޮސްޕިޓަލުގައި އޮވެ ، ކައިވެނި ކުރާށެވެ.

އެވަގުތު ، ނަރުސްކުއްޖަކު ވަދެ ، ބުޝްރާ ނުކުތުމަށް އެދުނެވެ. ޙަމްޒާ އެއޮތީ އަދިވެސް ހަމަ ހޭގައެއްނޫނެވެ. ޙަމްޒާ އެވާހަކަ ދެއްކީ ހަމަހޭގައި އޮވެގެންނެއް ނޫނެވެ. ބުޝްރާ ދެއްކި އެއްވެސް ވާހަކައެއްވެސް ޙަމްޒާއަކަށް ދޭހައެއް ނުވާނެއެވެ. އަދިވެސް އެއޮތީ ، މަސްތުވާ ތަކެއްޗަށްދިން ބޭހަށް ޢަމަލުވާ ޙާލަތެއްގައެވެ. ޙަމްޒާ ރަނގަޅުވާނީ ވަރަށް ދުވަހުންކަމަށް ނަރުސްކުއްޖާ ބުންޏެވެ.

 

ގެޔަށްގޮސް އަނީސާއަށް ފެންތަށްޓެއްވެސް ނުބޮވުނެވެ. އެންމެންވެސް ތިބީ މޮޅިވެފައެވެ. އެގެއިން މީހަކު މަރުވިފަދަ ހިތާމަވެރި ޙާލަތެއްގައެވެ. އައްވަލް ބުނިގޮތުގައި އެގެއިން މީހަކު މަރުވެއްޖެއެވެ. އެއީ ދިލްނަޝީނެވެ.

" އަހަރެން މިހުންނަނީ އައްވަލްގާތު ބުނާނީ ކީކޭކަންވެސް ނޭނގި ، ވަރަށް ލަދުންނެވެ. ބަސްއަހާ ކިޔަމަންތެރި އަންހެން ކޮއްކޮއެއް ، އަހަރެންނަށް އައްވަލަކަށް ހޯދައެއް ނުދެވުނެވެ. މީހުންގެ ތެރެޔަށް ނުކުމެ އިސްއުފުލާލައިގެން އައްވަލަށް އުޅެވޭނެ ، އަދި ފަޚުރެއްކަމުގައި ބަލައިގެން ލޯބިވާނެ ކޮއްކޮއަކަށް ދިލްނަޝީނެއް ނުވިއެވެ. ބަސްއަހާ ކިޔަމަންތެރި އަންހެންދަރިޔަކު ، އައްވަލަށް ދެއްވުންއެދި އަހަރެން ، ﷲ އަށް ދުޢާ ކުރާނަމެވެ. " އަނީސާ ބުންޏެވެ.

އެއްވެސް މީހެއްގެ އަންހެން ކޮއްކޮއެއް އަދި ދައްތަޔަކާމެދު ، ގޯސްހިތަކުން އޭނާ ނުދެކޭކަމަށް އައްވަލް ބުންޏެވެ. އެމީހުންގެ ނަޞީބުގައި އެފަދަ އަންހެނަކު ނެތީ ކީއްވެތޯ އައްވަލް ސުއާލު ކުރިއެވެ. އެވަގުތު އައްވަލަށް ހޮސްޕިޓަލުން ފޯނެއް އައެވެ. ހޮސްޕިޓަލުން އެގުޅީ ދިލްނަޝީން އެދިގެންނެވެ. އޭނާ ހޮސްޕިޓަލަށް އައިސް ދިލްނަޝީނާ ބައްދަލު ކުރުމަށް ހޮސްޕިޓަލުން އެދުނެވެ. އެއަކަށް އައްވަލް ޖަވާބެއް ނުދެއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ފޯނު ކަނޑައިލިއެވެ.

އެއީ ހޮސްޕިޓަލުން އައި ފޯނެއްކަން އަނީސާއަށްވެސް އެނގުނެވެ. ދިލްނަޝީނަށް ގުޅާފައި ، ހޮސްޕިޓަލުން ދޫކޮށްލީމަ ، އަތިރިމައްޗަށްގޮސް ، ކަނޑަށް އެރި މަރުވާން ދިލްނަޝީންގާތު ބުނުމަށް އައްވަލްގާތު އަނީސާ ބުންޏެވެ. އައްވަލް އެކުރަނީ ކީއްތޯއާއި ދިލްނަޝީންގެ ޒިންމާއާއި މަސްއޫލިއްޔަތު މިހާރުއޮތީ އައްވަލްގެ ބޮލުގައި އެޅިފައިކަމަށް ޢާފިޔާ ބުންޏެވެ. އޭނާގެ ޒިންމާ ފުރިހަމަކޮށްފައިވާނެކަމަށް އައްވަލް ބުންޏެވެ.

" ހޮސްޕިޓަލުން އެގުޅީ ، އައްވަލާއެވެ. އެއީ ކަމެއްވެގެން ނޫންހެއްޔެވެ ؟ އެމީހުން ދެންގުޅާނީ ކާކަށް ހެއްޔެވެ ؟ އަހަރެންނަށް ހީވާގޮތުގައި އެއްފަހަރު ނަމަވެސް ، ދިލްނަޝީންގެ ވާހަކަ އަޑުއަހަން އައްވަލަށް އެބަޖެހެއެވެ. " ޢާފިޔާ ބުންޏެވެ.

ދިލްނަޝީންގެ މޫނުވެސް ދެކިލަން އައްވަލް ބޭނުން ނުވާކަމަށް ބުންޏެވެ. ދިލްނަޝީނާ ވާހަކަ ދެއްކުން އެއީ ނުވާނެ ކަމެކެވެ.

" ދިލްނަޝީން ބުނިގޮތުގައި ، ޙަމްޒާއާ ބައްދަލުކުރަން އޭނާ ދިޔައީ ، ޙަމްޒާއަށް ނޫނެކޭ ބުނުމަށެވެ. " ޢާފިޔާ ބުންޏެވެ.

ދިލްނަޝީން އެގެންދަނީ އެމީހުންނަށް ، ދޮގަކަށްފަހު ދޮގެއް ހަދަމުން ކަމަށްބުނެ ، އައްވަލް ހަޅޭއްލަވައިގަތެވެ. ދިލްނަޝީން އެއުޅެނީ ، ހުރިހާކަމެއް ނިމިދިޔައިމަ ، އެހެންގޮތެއް ނެތި ، އަނެއްކާވެސް އާ ޑްރާމާއެއް ކުޅެން ކަމަށް އައްވަލް ބުންޏެވެ. މަންމަވެސް އަދި ޢާފިޔާވެސް ، ދިލްނަޝީނާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ގޮސްގެން ނުވާނެކަމަށް އައްވަލް އެންގިއެވެ. އަނީސާ ޢާފިޔާއަށް ގޮވައިލިއެވެ. ދިލްނަޝީން އެކޮނުނީ ، އޭނާގެ އަމިއްލަ ކަށްވަޅުކަމުގައި ދިލްނަޝީންގާތު ބުނުމަށް އަނީސާ އެދުނެވެ. އަދި ، އަމިއްލަޔަށް ކޮނުނު ކަށްވަޅަށް އެރެންޖެހޭނީ އަމިއްލަޔަށް ކަމުގައިވެސް ބުނުމަށް އަނީސާ ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.