
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ.
މިތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ދެނެގަނެވިފައިވާ ތަކެއްޗެވެ. މި ތަކެތި ނައްތާލާފައިވަނީ 2025 އެޕްރީލް 24 ހެނދުނު ކ. ދޫނިދޫގައެވެ.
އެގޮތުން އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ ކާޓަން ވަނީ ނައްތާލާފައެވެ.
މި ތަކެއްޗަކީ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 3 ވަނަ ބާބު (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުން)، 8 ވަނަ ބާބު (ހުއްދަ ދޫކުރުން) އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓިފައިވާ ތަކެތިކަމުގައިވާތީ، ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.