ދާންދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގއ. ދާންދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން މި ހަރަކާތް ހިންގަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި ހަރަކާތްތައް މެދުވެރިކޮށް މުސްތަޤުބަލުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައުގެ ކަންބޮޑުވުންތައް ދެނެގަނެ، މުޖުތަމައުގައި ހިނގާ ކުށްތައް މަދުކުރެވި، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ އަމާޒެކެވެ.

މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގައި ރައްޔިތުން އެންމެ ގިނައިން ގޮސް އުޅޭ ސަރަހައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ. އަދި ރަށުގައި އާންމުވަމުންދާ ކުށްތަކާ ގުޅޭ މައުލޫމާތާއި، ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މައުލޫމާތުގެ އިތުރުން ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތާމެދު ރައްޔިތުން ދެކޭގޮތް އޮޅުންފިލުވާފައިވެއެވެ.

މީގެ އިތުރުން، އަމާން މާހައުލެއްގެ ގޮތުގައި ރަށް ބޭއްވުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ބައްދަލުވި ރަށުގެ އިސް ރަށްވެއްސަކު، ރަށުގެ ތާރީހާއި ސަގާފަތުގެ މައުލޫމާތު ހިއްސާކޮށް އަދި ރަށުގެ ތަރައްގީއާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އަމާން މުޖުތަމައެއް ބިނާކުރުމުގައި އިސްރަށްވެހީންގެ ހިޔާލާއި މަޝްވަރާގެ މުހިންމުކަން މި ހަރަކާތުން ވެސް ފާހަގަވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.