
މި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށް ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށެވެ.
ވަޒީރު ވަނީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0"ގެ ނަމުގައި ރާޢްޖޭގެ އީފާސްގެ ޚިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. އަދި އީފާސްއަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީއަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނޯންނާނެ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސައްޚަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކާ މެދު އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށްޓަކައިވެސް މެމްބަރު ވަނީ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިއަދާއި ހަމައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް މުޢައްސަސާއަކުން އަންގާ ހިސާބުން އިސްތިސްނާއެއް ނެތި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.