ޑރ. ޞަލާޙުލް ބުދައިރު، ރައީސުލްޖުމުހޫރިއްޔާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ. މިއީ އެމަނިކުފާނު ރާއްޖޭއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަނީ އިޒުނަ ދެއްވާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.