
( 13 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ދިލްނަޝީން ހުރީ ފެންތަށްޓެއް ހިފައިގެންގޮސް ، ކުލްސޫމަށް ބޭސްކާންދޭށެވެ. ހިނިތުންވެލައިގެން އިނދެ ، ދިލްނަޝީން ދޭ ބޭސްތައް ކުލްސޫމް ކަމުން ގެންދިޔައެވެ. ދިލްނަޝީންގެ ކައިވެނި ބާއްޖަވެރިވެ ، އުފާވެރި މުސްތަޤްބަލަކަށް އެދި އޭރުވެސް ކުލްސޫމް ގެންދިޔައީ ﷲ އަށް ދުޢާ ދަންނަވަމުންނެވެ. މާމަދަރިފުޅު ލިބުމުން ، ދުނިޔެމަތިން ކުލްސޫމް އެދޭ ހުރިހާ އެދުމެއް ފުދުނީއެވެ. ދުނިޔެ އަޅައިދާނީ އުފާވެރިކަމާއެކީގައެވެ.
މިއަދު އެގެޔަށް އެއައީ ކާކުތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެއީ ، ދިލްނަޝީންގެ ދުރުތާ ތިމާގެމީހެއްކަމުގައި ދިލްނަޝީން ބުންޏެވެ. އޭނާގެ މަންމަގެ ފަރާތުން ، މަންމަ ބަލިވެ އުޅޭކަން އެނގިގެން ގޮވައިލަން އައީކަމުގައި ދިލްނަޝީން ބުންޏެވެ. އެހެންވީއިރު ، އެމީހާ ގޭތެރެޔަށް ނުވައްދައިގެން ކުލްސޫމްހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާއަށް ގޮވައިލަން އައި މީހަކު ، އޭނާއަށް ނުވެސް ފެނި ، ގެއަށް ނުވަދެ ދިޔައިމަ ކުލްސޫމް ދެރަވިއެވެ. އޭނާ ގޭތެރެޔަށް ވައްދަން ދިލްނަޝީން މަސައްކަތްކުރި ކަމަށް ބުންޏެވެ. އެކަމަކު ، އޭނާގެ އޮފީހުން ފޯނެއް އައިސްގެން ކުއްލިގޮތަކަށް އޮފީހަށްދާން ޖެހުނީކަމަށްބުނެ ، ދިލްނަޝީނަށް ހަދަންޖެހުނީ ދޮގެވެ.
" އެނގޭ ހެއްޔެވެ. ދިލްނަޝީންގެ މައުޞޫމިއްޔަތުން އަހަރެންގެ ހިތް ފިނިވެ ، ތިއީ އަހަރެންގެ ބަނޑުންވިހޭ ދަރިއެކޭ ބައެއްފަހަރަށް ހިތަށް އަރައެވެ. އަހަރެންގެ މައިދައިތަވެސް އަހަރެންގާތު އެވާހަކަ ބުންޏެވެ. އޭރު އެއީ ތަފާތު ޒަމާނެކެވެ. އެ ޒަމާނުގައި އަހަރެންނަކީވެސް ، އެޒަމާނުން ނުކުމެހުރި އެންމެ ޒަމާނީ މީހަކީމެވެ. ވަރަށް ޒުވާންވެސް ވާނެއެވެ. މިޒަމާނުގައި ޅީދަރިންނަކީވެސް ، އުފަންދަރިންގޮތަށް ބަލާމީހުން އެބަ އުޅެއެވެ. އަހަރެންވެސް ، ތިއީ އަހަރެންގެ އުފަން ދަރިއެއްގޮތަށް ބަލަން ނިންމައިފީމެވެ. ރަޙިމުގެ ގުޅުމެއްނޫނަސް ، އެއީ އިޙްތިރާމާއި ލޯތްބާ އަދި ކުލުނުން ފުރިގެންވާނެ މާތް ގުޅުމެކެވެ. " ކުލްސޫމް ބުންޏެވެ.
ދިލްނަޝީން އިނީ މައިދައިތަގެ ސަމާސާ ވާހަކަތަކުން ހިނިތުންވެފައެވެ. ހިތަށް ހަމަޖެހުންލިބި ، އުފާވެރިކަމުގެ މިޒާޖެއްގައެވެ. އެވަގުތު ދިލްނަޝީނަށް ފޯނެއް އައެވެ. އެއީ ރޭގަނޑެވެ. ދިލްނަޝީންގެ ހިތްތެޅިލިއެވެ. އެހެނަސް ، ހަމަޖެހިލާފައި ، ކުލްސޫމްގެ ހުއްދަ ހޯދައިގެން ފޯނުނަގައި ސަލާމް ގޮވައިލިއެވެ. ފޯނުކުރި ފަރާތުން އެއީ ދިލްނަޝީންތޯ ޔަޤީން ކުރިއެވެ. އެހެންކަމުން އެއީ ، ކުރިން ދިލްނަޝީނަށް ފޯނު ނުކުރާމީހެއްކަން އޭނާ ދެނެގަތެވެ. ފޯނުކުރީ ޙަމްޒާގެ މަންމައެވެ.
" މިއީ ، ކޮންމެ ދުވަހަކުވެސް އެތައްފަހަރަކު އެގެޔަކަށް ދިލްނަޝީން އައިސް ، ޙަމްޒާ ފެންނަފަށުގައި އުޅެ ، ޙަމްޒާގެ ހިތުގައި ލޯބިއުފައްދަން އުޅުނު ގޭގެ ވެރިމީހާ ، ބުޝްރާއެވެ. ތިއީ ހާދަ ގޮތްކުޑަ އަންހެނެކެވެ. އަހަރެން ކިހާވަރަކަށް ދިލްނަޝީން ލަދުގަންނުވައިލިން ހެއްޔެވެ ؟ ކިހާ ތަކުލީފެއް އަހަރެން ދިލްނަޝީނަށް ދިނިން ހެއްޔެވެ ؟ އަބުރާއި ޢިއްޒަތް ދުއްވައިލީމެވެ. އެކަމަކު އެހުރިހާކަމެއް ކުރީމަވެސް ، ލަދެއް ހަޔާތެއްނެތި ، އަދިވެސް އަހަރެންގެ ދަރިފުޅުފަހަތުން އަޅައިގަނެގެން ނުނެއްޓިގެން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ އެންމެ ދެރަވެގެން ، ތިމާގެ ޙަލާލު ފިރިމީހާއަށް އިޚްލާސްތެރިވެ ، އިޙްސާންތެރިވިއްޔާ ވާނީ ކީއް ހެއްޔެވެ ؟ ފިރިމީހާއަށް ވަފާތެރިވާން ދަސްކޮށްބަލާށެވެ. އެއްކަމެއް ހަނދާނުގައި ބަހައްޓާށެވެ ! އަހަރެންގެ ދަރިފުޅު ، ދިލްނަޝީނަށް ކޮންމެ ހުވަފެނެއް ދައްކާފަ އޮތަސް ، އަހަރެންގެ ދަރިފުޅާއެކީ ދިރިއުޅެން ނިންމައިފިނަމަ ، އަހަރެން ދިލްނަޝީންގެ ދުވަސް ދުއްވައިލާނަމެވެ. ދުނިޔެއަށް ގިނަކޮށް މަގުމަތި ކޮށްލާނަމެވެ. ކުރިން އަހަރެމެން ކަންކުރި ގޮތް އަދިވެސް ދިލްނަޝީންގެ ހަނދާނުގައި ހުންނާނެކަމަށް ހީކުރަމެވެ. މިފަހަރު ، އެއަށްވުރެވެސް ބޮޑުވަރު ކޮށްލާނަމެވެ. ތިޢާއިލާއިން ފަހަރަކު މީހަކު ، ހިތަށް ތަދުވެގެންގޮސް ، މިދުނިޔެއިން ވަކިވާވަރު ކޮށްލާނަމެވެ. މީހަކާ އިނދެ ވަރިކޮށްފައިހުރި އަންހެނަކު ، އަހަރެންގެ ޅީދަރިއެއްގެ ގޮތުގައި ދުވަހަކުވެސް ބަލައެއް ނުގަންނާނަމެވެ. އަހަރެމެންގެ ގޭގެ ޢިއްޒަތް ވެއްޔާ މޮޑެއެއް ނުލާނަމެވެ. އެނގިއްޖެ ހެއްޔެވެ ؟ " ދިލްނަޝީނާ ދިމާލަށް ބުޝްރާ އެތިވަރު ގޮވަމުން ގެންދިޔައެވެ.
ބުޝްރާ ކިޔަމުންދިޔަ އެއްޗެތީގެ އަޑުއަހަން ، ކަންބޮޑުވެފައި ދިލްނަޝީން ހުއްޓެވެ. ދިލްނަޝީން އަނގަޔަކުން ނުބުނެއެވެ. ޙަމްޒާގެ މަންމަ އޭނާއާ ދިމާލަށް ނުގޮވާކަ އެއްޗެއް ނެތެވެ. ކުރިންވެސް އެހުރިހާކަމެއް ދިލްނަޝީންވަނީ ތަޖުރިބާ ކޮށްފައެވެ. ތަފާތަކީ އެއީއެވެ. ބުޝްރާއަކީ ޙަމްޒާ ފަދައިން ޚަޞީލަތް ނުބައި ހަރުކަށި މީހެކެވެ. ކުލްސޫމަކީ ، ޙައިދަރު ފަދައިން އިޙްސާންތެރިކަމާއެކީ މުޢާމަލާތުކުރާ ހިތްތިރި ޚުލްޤު ހެޔޮ މީހެކެވެ. ކުލްސޫމަކީ ، އޭނާގެ މައިދައިތައެވެ. އެ މައިދަޔަށް މާމަކިޔާނެ ދަރިފުޅަކަށް ދިލްނަޝީން މިހާރު އެއިނީ ބަލިވެއެވެ. އެ މައިދައިތަ ދޫކޮށްލާފައި ދިލްނަޝީން ދާން އެއުޅެނީ ކޮންފަދަ އަންހެނެއްގެ ގާތަށްކަން ދިލްނަޝީން ވިސްނަން ޖެހެއެވެ. އެއީ ގަނޑުވަރަކުން ހުރަގެޔަކަށް ބަދަލުވުންފަދަ ކަމެކެވެ. ރަނގަޅާއި ނުބައި ދެނެގަނެ ، އޭނާގެ ދިރިއުޅުމުގެ މިޞްރާބު ހަމަމަގަށް އަޅުވަންޖެހޭ ވަގުތަކީ މިއީއެވެ.
މަތީބުރިޔަށް އަރާ ސިޑީގެ އެއްފަރާތު ފާރުގައި ބެހެއްޓިފައިހުރި ، ޙައިދަރާއި ދިލްނަޝީންގެ ހަމައިސްކޮޅަށްހުރި ފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން ، ސިޑީގެ މެދެއްހާ ތަނުގައި ހުއްޓިލައިގެން ޙައިދަރު ހުއްޓެވެ. ފޯނު ބާއްވާފައި ދިލްނަޝީން ނުކުތްތަނުން އެފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޙައިދަރާ ދިމާވިއެވެ. ދިލްނަޝީން ފެނުމާއެކީ ، ދިލްނަޝީން މިހާރު އެއްގޮތަކަށްވެސް ، ރަނގަޅަށް ނުކާކަމުގެ ޝަކުވާ ޙައިދަރު ކުރިއެވެ. އަދި ، ދިލްނަޝީން ރަނގަޅުތޯ އަހައިލިއެވެ. އޭނާ ރަނގަޅުކަމަށް ދިލްނަޝީން ޖަވާބު ދިނެވެ.
" މިފޮޓޯ ލޯގަނޑު ހަރުކޮށްފައި އެހުރީ ، މަންމަ ކިޔާކިޔާ އުނދަގޫ ވެގެން ، މަންމަ ދެރަވެދާނެތީއެވެ. ދިލްނަޝީން އެކަމާ އެއްޗެއް ހީނުކުރާނެކަމަށް ހީކުރަމެވެ. އެއީ ފޮޓޯގަނޑެކެވެ. ދިލްނަޝީން މިގެއިން ނުކުމެގެން ދިޔައިމަ އެތަނުން ނެގިދާނެއެވެ. މި ތަޞްވީރާއި ދިލްނަޝީނާ ތަފާތެއް ނެތެވެ. ތަޞްވީރުވެސް ވާހަކައެއް ނުދައްކާނެއެވެ. ދިލްނަޝީންވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ، ތަޞްވީރުން ތަކުލީފެއް ނުފެނެއެވެ. ދިލްނަޝީންގެ މޫނުމަތިން އަހަރެންނަށް ތަކުލީފު އެބަ ފެނެއެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރު ވާހަކަ ދައްކަދައްކާ ހުއްޓާ ދިލްނަޝީންގެ ފޯނު ރިންގވާން ފެށިއެވެ. ޙައިދަރުވެސް އެ ފޯނަށް ބަލައިލިއެވެ. އެކަމަކު ، ދިލްނަޝީން ، ފޯނުކަނޑައިލުމަށްފަހު ، މައްޗަށް އަރައިގެން ދިޔައެވެ.
ކޮޓަރިޔަށްގޮސް ، ބެލްކަންޏަށް ނުކުމެ ، ޙަމްޒާއަށް ގުޅައި ، ކިހިނެއްވީތޯ ؟ ކީއްވެގެންތޯ އެހާ އަވަސްއަވަހަށް އެގުޅަނީ ، ދިލްނަޝީން ސުއާލު ކުރިއެވެ. ޙަމްޒާ އެގުޅީ ، ދިލްނަޝީންގެ އަޑުއަހާލާހިތުން ނުހުރެވިގެންކަމަށް ބުންޏެވެ. އަޑުއަހަން ބޭނުންވަނީ ކޮންވާހަކައެއްތޯ ދިލްނަޝީން ސުއާލި ކުރިއެވެ.
" އަހަރެންގެ ނަން ބުނެލާށެވެ ! އެއާ ވިދިގެން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނާށެވެ ! ބުނާށެވެ ! " ޙަމްޒާ ބާރަށް ބުންޏެވެ.
ޙަމްޒާދެކެ ލޯބިވާ ވާހަކަ ދިލްނަޝީން ބުންޏެވެ. ދިލްނަޝީން ލޯބިވަނީ ހަމައެކަނި ޙަމްޒާދެކެކަން އޭނާއަށް އެނގޭކަމުގައި ޙަމްޒާ ބުންޏެވެ. ޙަމްޒާ ނޫން އެހެންމީހަކު ދެކެ ދިލްނަޝީނަށް ލޯތްބެއް ނުވެވޭނެއެވެ. އަދިވެސް އެއްފަހަރު ، އޭނާދެކެ ލޯބިވާ ވާހަކަ ބުނުމަށްފަހު ، އެގެއިން ދިލްނަޝީން ނުކުތުމަށް ޙަމްޒާ ބުންޏެވެ. އެހެން އެއްވެސް މީހެއްގެ ވަސްވެސް ނުފޯރާހާ ދުރަށް ، އޭނާ ދިލްނަޝީން ގެންދާނެއެވެ. އެއަށްފަހު ، އޭނާއާ ބައްދަލުކުރުމަށް ، އޭނާ ބުނާތާކަށް މާދަމާ އައުމަށް ޙަމްޒާ އެންގިއެވެ. އަންނާނަންދޯއޭ ބުނެ ، ޙަމްޒާ ހަޅޭއްލަވައިގަތުމާއެކީ ، ދިލްނަޝީނަށް ސިހުންލިބުނެވެ. ކުޑަކޮށް ވިސްނައިލުމަށްފަހު ، އޭނާ ދާނެކަމުގައި ދިލްނަޝީން ބުންޏެވެ.
މާދަމަޔަށް އިންތިޒާރު ކުރާނަމޭ ބުނެ ދިލްނަޝީންދެކެ އޭނާ އިންތިހާއަށް ލޯބިވާކަމުގައި ޙަމްޒާ ބުނުމާއެކީ ، ދިލްނަޝީން ފޯނުކަނޑައިލިއެވެ. އަދި ، އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލިއެވެ. އެވަގުތު ، ދިލްނަޝީންގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ޙަމްޒާގެ މަންމަ ، ބުޝްރާ އޭނާއާ ދިމާލަށް އެދުވަހު ފޯނުކޮށްފައި ގޮވި އެއްޗިއްސެވެ.
ހެނދުނު ހެނދުނާ ދިލްނަޝީންގޮސް މަންމަޔަށް ބޭސްތައް ކާންދޭން އުޅެނިކޮށް ، އެދުވަހު މާބޮޑަށް ބޮލަށް އެނބުރުން އެބައަރާކަމުގައި ކުލްސޫމް ބުންޏެވެ. އާދަޔާ ޚިލާފު ބަލިމަޑުކަމެއް އޭނާގެ އެބަހުރިކަމުގެ އިޙްސާސް ކުލްސޫމަށްވެސް މިހާރު ކުރެވެން ފަށައިފިއެވެ. އެކަމަކު ، ދިލްނަޝީން އެކަމަކަށް އެއްބަހެއް ނުވިއެވެ. މާގިނަބޭސްތައް އެއްފަހަރާ ކާންފެށީމަ ، ބޮލަށް އަސަރުކުރަނީކަމަށް ބުނެ ، ބަހަނާއެއް ދައްކައިގެން މަންމަ ހަމަޖައްސައިލެވޭތޯ ، ދިލްނަޝީން މަސައްކަތް ކުރަމުން ގެންދިޔައެވެ.
ދިލްނަޝީން ބުނެފިއްޔާ އެވާހަކަ ކުލްސޫމް ޤަބޫލުކޮށްފާނެއެވެ. ކުލްސޫމް ޤަބޫލުކުރާގޮތުގައި ދިލްނަޝީނަކީ އޭނާއަށް ލިބުނު ޕަރީއެކެވެ. ރޫޙާނީ ބާރެކެވެ. ދޮގެއް ނުހަދާނެއެވެ. ބުނާވާހަކައެއް ބުނާނީ ތެދަށެވެ.
ކާކަށް ލިބުނު ކޮންޕަރީއެއްހޭ ބުނެ ، ސާރާ އެވަގުތު ކޮޓަރިތެރެޔަށް ވަނެވެ.
އެ ޕަރީއަށްވާނީ ، އޭނާގެ ޅީދަރިފުޅު ނޫން އެހެންކާކުތޯ ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީން ވަރަށް އަދަބުވެރިކަމާއެކީ ، ސާރާއަށް ސަލާމް ގޮވައިލިއެވެ. އަދި ދިލްނަޝީނަށް ސާބަސްދެމުން ، މިހާރު މަންމަވެސް ދިލްނަޝީންގެ ބާރުގެދަށަށް ގެނައީދޯއޭ ބުނެ ދިމާކޮށްލިއެވެ. އެހެން ނުވާނީ ކިހިނެއް ހެއްޔެވެ ؟ އެހާވަރަށް މަންމަޔަށް އެބަ އަޅައިލަމުއެވެ. ދިލްނަޝީން އެވަގުތު އިނީ އެއްޗެތިތަކެއް ގަންނަން މޯލްއަކަށް ދާން ބޭނުންވެފައެވެ. ސާރާވެސް އައުމާއެކީ ، ބޭރަށް ދާން ދިލްނަޝީނަށް ފަސޭހަވިއެވެ. އަދި ސާރާވެސް ، މަލާމާތަކަށް ނަމަވެސް ، އެކަމަށް ބާރުއެޅުމުން ކުލްސޫމްގެ ހުއްދަ ހޯދައިގެން ދިލްނަޝީން ނައްޓައިލިއެވެ.
ދިލްނަޝީން އެހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދިލްނަޝީން އޭނާއަށް ވަރަށް ހެޔޮވެފައި އަޅައިލާކަމަށާއި ، އެގޮތުގައި ދިލްނަޝީން ލެހެއްޓެވުންއެދި ދުޢާކުރުމަށް ، ސާރާގެ ކިބައިންވެސް ކުލްސޫމް އެދުނެވެ.
ދިލްނަޝީން ކާރުންފައިބައިގެން މޯލްއަށް ވަދެ ، އޭނާ އައިކާރު ނައްޓައިލުމާއެކީ ޙަމްޒާ ، ދިލްނަޝީނާ ގުޅިއެވެ. ޙަމްޒާ އެއިނީ ، މޯލްގެ ފަހަތުގައި ވަންނަން ހުންނަ ދޮރުކައިރީ އެއްފަރާތެއްގައި ކަމަށާއި ، އެދިމާލަށް ދިލްނަޝީން އަވަހަށް އައުމަށް ޙަމްޒާ އެދުނެވެ. ޙަމްޒާގެ އަމުރުވެރި ރާގުން ދިލްނަޝީން ޖެހިލުންވެސް ވިއެވެ. އެހެންނަމަވެސް ، އޭނާ އެއައީ ވަކި މަޤްޞަދެއްގައެވެ. މިއަދު ގެޔަށް ވަންނާނީ އެ މަޤްޞަދު ޙާޞިލްކޮށްފައިކަމުގައި ދިލްނަޝީން ނިންމިއެވެ.
ދިލްނަޝީން އައިސް ކާރަށް އަރައި އިށީނުމާއެކީ ޙަމްޒާ ، ކާރު ދުއްވައިލިއެވެ. ޙަމްޒާ އެދަނީ ކޮންތާކަށްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދިލްނަޝީން ގޮވައިގެން ޙަމްޒާ އެދަނީ ، ދިލްނަޝީންގެ ފިރިމީހާ ލައްވައި އެމީހުންގެ ކުންފުނިން ހަދާފައިވާ އެޕާޓްމަންޓަކަށް ކަމުގައި ޙަމްޒާ ބުންޏެވެ. އެތަނަށް ދާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ. ޙަމްޒާއަށް ފެނުނުގޮތުގައި ، ހަމަޖެހިލައިގެން ތިބެގެން ވާހަކަ ދައްކައި ލެވޭނެ މިނިވަންކަން ބޮޑަށް އޮންނާނީ އެކަހަލަ ތަނެއްގައެވެ.
" އަހަރެމެންނަކީ ، ލޯބިވުމަށްފަހު ، އެތައް ދުވަހެއްވީއިރުވެސް ، އެލޯބީގައި ޙައްދުންބޭރުނުވެތިބި ހަމައެކަނި ދެމީހުންނެވެ. އަހަރެންގެ އަޚުލާޤަށް އުފާކުރާށެވެ. އެކަހަލަ ޢަމަލެއް ހިންގާކަށް އަހަރެންނަކަށް ފުރުޞަތެއް ނުލިބުނެވެ. އެކަމާވެސް އުފާކުރާށެވެ. " ޙަމްޒާ ބުންޏެވެ.
ޙަމްޒާގެ ވާހަކަ އެހުރީ ، ދިލްނަޝީންގެ އެއްވެސް އަޚުލާޤެއް ނެތްކަން ދޭހަވާފަދަ ގޮތަކަށެވެ. އެކަމާ ދިލްނަޝީން ހިތްހަމައެއް ނުޖެހުނެވެ. ދުނިޔޭގެ ނަޒަރުގައި ، ދިލްނަޝީނަކީ އެކަހަލަ މީހެއްކަމަށް ޙަމްޒާ ބުންޏެވެ. މީހަކާ އިނދެގެންހުރެ ، ކުރީގެ ލޯބިވެރިޔާއާއެކީ ވަގުތު ހޭދަކުރާނީ ، ކޮންކަހަލަ އަޚްލާޤެއްގެހުރި މީހެއްކަން އެންމެންނަށްވެސް އެނގޭނެއެވެ.
މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރުމަށް ދިލްނަޝީން ޙަމްޒާގާތު އެދުނެވެ. ޙަމްޒާގާތު އެވަގުތު ދައްކަންހުރި ވާހަކަ އެބަހުރިކަމަށް ދިލްނަޝީން ބުންޏެވެ. އެހެނަސް ، ޙަމްޒާ ބޭނުންވީ ، އެޕާޓްމަންޓަށް ގޮސް ހަމަޖެހިލައިގެން ތިބެ ލޯތްބާއެކީ ވާހަކަ ދައްކާށެވެ. އެހާ ރުންކުރުކޮށެއްނޫނެވެ.
" އަހަރެން އެތަނަށް ދާން ބޭނުންނުވާ ވާހަކަ ބުނެފީމެއްނޫން ހެއްޔެވެ ؟ މަގުގެ އެއްފަރާތެއްގައި ކާރު ޕާކު ކުރާށެވެ ! އަހަރެން ޙަމްޒާއާ ވާހަކަ ދައްކަން ބޭނުމެވެ. " ދިލްނަޝީން ، ޙަމްޒާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
ދިލްނަޝީނަށް ކުއްލިޔަކަށް ވެގެން އެއުޅެނީ ކީއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ކަމެއް ވެގެން އުޅެނީ ދިލްނަޝީނަކަށް ނޫނެވެ. ގޮތެއްވެގެން އުޅެނީ ޙަމްޒާއަށް ކަމަށް ދިލްނަޝީން ބުންޏެވެ. ޢަމަލުވާ އެއްޗެތި ބޭނުންކުރީމަ މީހާގެ ސިކުނޑި ހަމައިންނައްޓާ ކަމަށް މީހުން ބުނާއަޑު ދިލްނަޝީނަށް އޮތީ އިވިފައެވެ. އެކަމަކު ، އިންސާނާގެ ވިސްނުމަށް އެހާބޮޑަށް ބަދަލު އަތުވެދާނެކަމެއް ދިލްނަޝީނަށް އެނގިފައެއް ނުވެއެވެ. ޙަމްޒާއަށް ގޯސްކޮށް އެއްޗެއް ބުނެވުނީތޯ ، އޭނާ ސުއާލު ކުރިއެވެ.
" ޙަމްޒާ އެއްޗެކޭ ބުނެގެންނެއްނޫނެވެ. އަހަރެން މިހާރު ޙަމްޒާދެކެ ފޫހިވާން ފަށައިފިއެވެ. ފޫހިވެގެންގޮސް އަވަދިވާ ވަރު ވެއެވެ. " ދިލްނަޝީން ބުންޏެވެ.
ބާރަށް ދުއްވަމުން އައިކާރު ، ކުއްލިޔަކަށް ޙަމްޒާ ، ބުރެކިޖައްސައި ހުއްޓައިލިއެވެ. ދިލްނަޝީން އެބުނި ވާހަކަޔަކުން ބެރެކި ޖެހިގެން ދިޔައީއެވެ. ދިލްނަޝީންވެސް އެއްލިގެން ނުދިޔައީ ކިރިޔާއެވެ. ދިލްނަޝީން އެބުނީ ކީކޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާއަށް އަޑު އެއިވުނީ އެއަޑު އިވިގެން ޙަމްޒާގެ ކާރުގެ ބްރެކި ޖެއްސި ޖުމްލަ ކަމަށާއި މަގުގެ އެއްފަރާތުގައި ކާރު ޕާކް ކުރުމަށް ދިލްނަޝީން އެދުނެވެ. އަދި ، ޙަޤީޤަތުގައިވެސް ، ޙަމްޒާއާއި އޭނާގެ ގުޅުން ކަނޑައިލަން ޖެހޭކަމަށް އޭނާއަށް ފެންނަކަމުގައި ދިލްނަޝީން ބުންޏެވެ. އަދި ، މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރުމަށް ތަކުރާރުކޮށް ، ދިލްނަޝީން އެދެމުން ގެންދިޔައެވެ. މަގުމެދުގައި ބްރޭކިޖައްސާފައި ކާރު ނުބާއްވައި ، އެހެންމީހުން މަގުންދާން ތަން ދައްކާފައި ، މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރަން އަނެއްކާވެސް ، ދިލްނަޝީން އެދުނެވެ. ( ނުނިމޭ )