މާރިޗު މަހު މީރާއިން 3.38 ބިލިއަން ރުފިޔާ ބަލައިގަނެފި

ރިޗު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.38 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.11 އިތުރު އަދަދެކެވެ. އަދި، މާރިޗު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.2 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މާރިޗު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވުމެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ގެ އާމްދަނީ މި މުއްދަތުގައި ބަލައިގަނެފައިވުމަކީވެސް މި މުއްދަތުގެ ޖުމުލަ އާމްދަނީ އިތުރުވި ސަބަބެކެވެ. ފެބުރުވަރީ 2024 އާ އަޅައިބަލާއިރު ފެބުރުވަރީ 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %1.5 ދަށްވެފައިވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ ދަށްވެފައެވެ. ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވިކަމުގައިވިޔަސް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީ ބަލައިގަނެފައިވާތީ މި މަހުގެ އާމްދަނީ ވަނީ އިތުރުވެފައެވެ.

މާރިޗު 2025 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %26.2 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ފެބުރުއަރީ 2025 ގެ ސުންގަޑި މާރިޗުމަހަށް ބަދަލުވުމާއި ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ އާމްދަނީ މި މުއްދަތުގައި ލިބިފައިވުމެވެ. މީގެ އިތުރުން، ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 6.9% އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ.

މާރިޗު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.0 ނުވަތަ 1.93 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒްމް ލޭންޑް ރެންޓްއިންނެވެ. އެއީ %11.4 ނުވަތަ 384.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 270 މިލިއަން ރުފިޔާ (8.0%)، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 180 މިލިއަން ރުފިޔާ (%5.3)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ (%4.8) އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ (%4.6) ލިބިފައި ވެއެވެ.

މާރިޗު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 174.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.