
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫއަށް ޒިޔާރަތް ކުރައްވައި، އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.
އެ ކަމަނާ މި ޚިދުމަތް ފައްޓަވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ޑައިލިސިސްގެ ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިވެގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރަށް ޚާއްޞަކަމެއް ދެއްވައިގެން އެމަނިކުފާނުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތް ދެވޭ މަރުކަޒުތައް އިތުރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.
އެ ކަމަނާގެ މި ދަތުރުފުޅުގައި، ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ބައްލަވާލައްވައި، އެތަނުގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމާއެކު އެއް ބޭފުޅަކު މިއަދު ވަނީ ޑައިލިސިސްގެ ޚިދުމަތް އެ މަރުކަޒުން ހޯއްދަވާފައެވެ. މި ރަށުގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ ޖުމްލަ 6 މީހަކު ދިރިއުޅެއެވެ. ޞިއްޙީ މަރުކަޒުގެ ނަރުހުންނާއެކު މި ޚިދުމަތް މިއަދު ފެށިގެންދިޔައިރު، އެ މަރުކަޒުގައި މިއަދު ވަނީ ފިޒީޝަނެއްގެ ޚިދުމަތްވެސް ދެއްވަން ފައްޓަވާފައެވެ