އަންދަލުސްގެ ބާޒު – 25

(31 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސިއްހީ ފަރުވާދޭ ސިފައިން ކަންބޮޑުވެފައި ބަލަހައްޓައިގެން އެބަތިއްބެވެ. ބަޝީރް ބިން ޙަސަން އެމީހުންނާ މުޚާޠަބްކުރައްވައި ވިދާޅުވިއެވެ. [އަހަރެން މިއީ ކަލޭމެންގެ މަސައްކަތަށް ހުރަސްއެޅި މީހަކަށް ވާތީ ކުށްވެރިއެއް ކަމަށް ގަބޫލުކުރަމެވެ. އަހަންނަށް ފެނުނީ މި މީހާ ޒަޚަމްވެފައި ބާޒާރުމަތީގައި އޮއްވައެވެ. މަރުވެފައި އޮތް މީހަކު ކަމަށް ބަލައި ކަލޭމެން އޭނާ ބާއްވައިފައި އައީއެވެ. އަހަންނަށް އޭނާގެ ކިބައިން ދިރިއޮތްކަމުގެ އަލާމަތެއް ފެނުނީމާ އަވަހަށް މިތަނަށް ގެނައީއެވެ. ކަލޭމެން ފަރުވާދިނުމުގައި އަވަދިނެތި އުޅޭތަން ފެނުނީމާ އުނދަގޫ ނުކޮށް އަހަރެން އަމިއްލައަށް މީނާގެ ކަންތަކާއިގެން އުޅެގަތީއެވެ.]

ކޮމާންޑަރު ސަލާންކޮށްލުމަށްޓަކައި އަތް ދިއްކޮށްލަމުން ބުންޏެވެ. [ބަޝީރް ބިން ޙަސަންގެ ކުރިފުޅުމަތީގައި އަމިއްލަ ދެރަވަރުކަމަށް އިއުތިރާފުވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ޝަރަފެކެވެ. މަނިކުފާނު މީނާ ގެންނެވިތަން އަޅުގަނޑަށް ފެނުނެވެ. ޑަކްޓަރެއްގެ މަސައްކަތަށްވުރެ ބޮޑަށް އޭނާއަށް ބޭނުންވަނީ މުއުޖިިޒާތެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަންދަލުސްގައި އެފަދަ މުއުޖިޒާތްތައް ނިސްބަތްކުރެވެނީ ހަމައެކަނި ބަޝީރް ބިން ޙަސަނަށެވެ. އަޅުގަނޑުމެންގެ ތެރޭގައި މަނިކުފާނުގެ އެހީފުޅު ބޭނުންވާ ހައެއްކަ މީހުން އަދިވެސް އެބަތިއްބެވެ.]

ޒުވާން ސިފައަކު ބުނެފިއެވެ. [އަޅުގަނޑު ވަނީ ކޯރްދޮބާއިން މަނިކުފާނު ދެކިފައެވެ. އެކަމަކު މިއަދު ދަގަނޑުދަހަނާ އަޅުއްވައިގެން ހުންނެވީމާ ފާހަގަ ނުކުރެވުނީއެވެ.]

ބަޝީރް ވިދާޅުވިއެވެ. [ދަހަނާ އަޅައިގެން ނެތްނަމަ މާބޮޑަށް ބީރައްޓެހިކަން އިހުސާސް ކުރެވުނީހެވެ. ޒަޚަމްވެފައި ތިބި މީހުންގެ ތެރޭގައި އަހަރެމެންގެ މީހުންވެސް ތިއްބެވެ. އެއިން މީހަކަށް އަހަރެން ފާހަގަކުރެވިއްޖެއްޔާ އަޑުގަދަކޮށްގެންފާނެތީ ބިރުވެސްގަތީއެވެ. އެހެންވީނަމަ ކަލޭމެން ޒަޚަމްވެފައި ތިބި މީހުން ދޫކޮށްލާފައި އަހަރެންގެ މައްޗަށް ސަމާލުކަން ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަހަރެންގެ ސަމާލުކަންވެސް ކޮންމެވެސް ވަރަކަށް އެމީހުންގެ ފަރާތުން އެކަހެރިވުމަކީ އެކަށީގެންވާ ކަމެކެވެ.]

އަބުލްޙަސަން ވިދާޅުވިއެވެ. [ތިޔަފަދަ ކަންކަމަށް ސަމާލުކަން ނުދެވުނީތީ ވަރަށް ހިތާމަކުރަމެވެ. މަނިކުފާނު ވަޑައިގެން އެހެން މީހުންނަށްވެސް ފަރުވާ ދެއްވާށެވެ. އޭގެ ފަހުން އަޅުގަނޑާ ބައްދަލުކޮށްލެއްވުންވެސް ވަރަށް ބޮޑަށް އެދެމެވެ.]

އަބުލްޙަސަނާއި ބަދްރު ބިން މުޣީރާއާއި މޫސާއާ ތިން ބޭފުޅުން އެނބުރި ވަޑައިގެންފިއެވެ. ބަޝީރް ބިން ޙަސަން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާކުރެއްވުމާއިގެން އުޅުއްވާން ފައްޓަވައިފިއެވެ. އަންދަލުސްގެ އެހެން ސަހަރުތަކެކޭ އެއްފަދައިން ގްރަނާދާއަށްވެސް ވަނީ ބަޝީރްގެ ކުޅަދާނަފުޅުކަމުގެ ޚަބަރު ފެތުރި މަޝްހޫރުވެވަޑައިގެންފައެވެ. ސިފައިންގެ މީހުންތައް އައިސް އޭނާޔާ ސަލާކޮށް އޭނާގެ އަތްޕުޅުގެ ދަށުގައި މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށް ބުނެ އުފާކުރާން ފަށައިފިއެވެ. އެބައިމީހުންގެ އުފާވެރިކަމުގެ މައިގަނޑު އެއް ސަބަބަކީ ބަޝީރަކީ ސަރަހައްދީ ބާޒުގެ ބައިވެރިއަކަށް ވުންވެސް މެއެވެ.

ކޮމާންޑަރު ކުރެވުނު ކަންތަކާ މެދު ކަންބޮޑުވެފައި އެތައް އިރަކު ހުރުމަށް ފަހު އެންމެ ބަޝީރަށް ދަންނަވައިފިއެވެ. [އަޅުގަނޑު މި ހުންނަނީ މައާފަށް އެދި ދަންނަވާނޭ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ. މަނިކުފާނުގެ ހިތްޕުޅު މިހާރު އަޅުގަނޑުގެ މައްޗަށް ރަނގަޅެއް ނުވާނެއޭ ހިތައި ބިރުންވެސް މެއެވެ.]

ބަޝީރް ވިދާޅުވިއެވެ. [ކަންބޮޑުނުވާށެވެ. އަހަރެން ތިޔަ މަގާމުގައި ހުރިނަމަ ބީރައްޓެއްސަކު އައިސް މި ގޮތަށް އުޅޭތަން ފެނުނީމާ އަމަލުކުރީހީ މާ ހަރުކަށި ގޮތަކަށެވެ.]

މީގެ އިރުކޮޅެއް ކުރީން ބަޝީރް ބިން ޙަސަން ފަރުވާދެއްވި މީހާ ދެބަހޭގައި އޮވެ މަޑުމަޑުން ކުކުރައިލައިފިއެވެ. ބަޝީރް ތަށްޓަކަށް ބޭހެއް އަޅުއްވައިފައި އެހީތެރިއެއްގެ އަތަށް ދެއްވައިފައި ވިދާޅުވިއެވެ. [މާ ގިނަ އިރުތަކެއް ނުވެ މީނާ ހޭއަރައިފާނެއެވެ. ހޭއެރުމާއެކު މި ބޭސް ދޭށެވެ. ބޭސް ބުއިމާއެކު އޭނާއަށް ނިދިދާނެއެވެ. އޭނާގެ ހާލު ބަލައިލާން ހަވީރު އަހަރެން އަންނާނަމެވެ. ނިދާފައި އޮންނައިރު އޭނާޔާ ވާހަކަދައްކަން އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. އަދި ހޭލައްވަންވެސް އުޅެގެން ނުވާނެއެވެ.]

(4)

ބަޝީރާ ވަހަކަފުޅު ދައްކަވައިލާނޭ ވަގުތެއް ބަދްރަށް ލިބިވަޑައިގަތީމާ ކުއްލިއަކަށް ވަޑައިގަތް ސަބަބަކާމެދު ސުވާލު ކުރެއްވިއެވެ. ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު އެންމެ ދެކޭހިތުން ހުރި މަންޒަރަކީ އަބުލްޙަސަންގެ ލަޝްކަރު ގްރަނާދާއިން ފުރައިގެންދާ މަންޒަރެވެ. އެކަމަކު އަޅުގަނޑަށް ޚަބަރު ލިބުނުއިރު ލަޝްކަރު ފުރައިފިއެވެ. އެހެންވީމާ ދެން ހިތުގައި އެޅީ ހަނގުރާމައިގެ ތެރޭގައި ލަޝްކަރާ ގުޅޭށެވެ. އަޅުގަނޑާއެކު ވަޑައިގަންނަވާން އަބޫ ދާވޫދްވެސް ބޭނުންފުޅުވިއެވެ. އަޅުގަނޑުގެ އެދުމާއި އަބޫ ދާވޫދްގެ ދެންނެވުމާއެކު ފުރައިގެން އައުމުގެ އަމުރުފުޅު މަންޞޫރު ބިން އަޙްމަދު އަޅުގަނޑުމެން ދެ މީހުންނަށް ދެއްވީއެވެ. ލަޝްކަރު އޮތް ހިސާބު އަޅުގަނޑަށް އެނގުނީ ގްރަނާދާއަށް ދިޔައީމައެވެ. އަޅުގަނޑު ހަމަ ވަގުތުން މި ދިމާއަށް މިސްރާބު ޖަހައިފީމެވެ. އާދެވުނު އިރު މި އޮތީ މިތަން ފަތަހަވެފައެވެ.]

ބަދްރު ބިން މުޣީރާ ހިނިތުންވެވަޑައިގަތެވެ. [އަޅުގަނޑު ޒަޚަމެއް ނުވެއެވެ. އެހެންވީމާ އަޅުގަނޑުގެ ބަދަލުގައި ބަޝީރްގެ ބޭސްކޮޅުގެ ފައިދާކުރީ އެހެން މީހުންނަށެވެ. ބަޝީރް މިތަނަށް ވަޑައިގަތީ އަޅުގަނޑާހެދި ނޫންކަން އަޅުގަނޑަށް އެނގެއެވެ.]

[އަޅުގަނޑުގެ މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ މަނިކުފާނުގެ ސަލާމަތްތެރިކަމެވެ.]

[އެންމެ މީހަކުގެ ސަލަމަތާމެދު ވިސްނެވުމަކީ އެހައި ބޮޑަށް ފަޚުރުވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.]

ލޯތްބާއި ގާތްކަން އެކުލެވޭ ނަޒަރުފުޅަކުން ބަޝީރް، ބަދްރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ބަދްރެވެ. އަޅުގަނޑުގެ ކުރިމަތީގައި މަނިކުފާނަކީ ވަކި ފަރުދެއް ނޫނެވެ. ބޮޑު ގައުމެކެވެ. ބޭސްވެރިކަމުގެ ބަހުރުވައިން ދަންނަވާނަމަ މަނިކުފާނަކީ އިސްޕޭނުގެ ޒަޚަމްވެފައިވާ ހަށިގަނޑުގައި ވިންދު ޖަހަޖަހައި އޮތް ހިތެވެ.]

ބަދްރު ވިދާޅުވިއެވެ. [ތިޔައީ ޅެންވެރިންގެ ބަހުރުވައެވެ.]

ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑު ޅެންވެރިއަކަށް ނުވީތީ ﷲ އަށް ޝުކުރުވެރިވަމެވެ. އައްޒަޣަލްގެ ސުފުރާމަތީގައި އަޅުގަނޑަށް ދެތިން ހަތަރު ޅެންވެރިއަކާ ބައްދަލުވެވުނެވެ. އެމީހުން މަނިކުފާނަށް ސަނާ ކިއުން ހުރީ އަޅުގަނޑުގެ ހިތަށްވެސް ނާރާފަދަ ފެންވަރެއްގައެވެ.]

[އެ މީހުން ކިޔަނީ ކީކޭ ހެއްޔެވެ؟]

[އެމީހުން ކިޔާ ގޮތުގައި މަނިކުފާނު އުދުހިވަޑައިގަނެއެވެ. ކަނޑުގައި ހިންގަވައެވެ. މަނިކުފާނު ފެނުމާއެކު ކަނޑުގެ ރާޅުތައް މައިތިރިވެދެއެވެ. އަދި ކޯރު...]

[ކޯރަށް ވަނީ ކިހިނެކޭތޯއެވެ؟]

[އަޅުގަނޑު މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ހަނދާން ބަލި ނޫންނަމަ އެމީހުން ކިޔާ ގޮތުގައި ފަރުބަދަމަތީން ތިރިއަށް އޮހިގެން އަންނަ ފެންއާރު މަނިކުފާނާ ބައްދަލުވީމާ އަލުން މައްޗަށް އަރައިގެން ހިނގައިދެއެވެ.]

ބަދްރު ވިދާޅުވިއެވެ. [އެއީ ހައްތަހާވެސް މޮޔައިންނެވެ.]

ބަޝީރް ހިނިފުޅު މައިތިރިކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. [އެންމެން މޮޔައެއް ނޫނެވެ. އެކަކުގެ ޅެމުގައި ބުއްދިވެރި ވާހަކަތަކެއްވެސް ހުއްޓެވެ.]

[އެއީ ކޮން ވާހަކައެއްތޯއެވެ؟]

[އޭނާ ކިޔާ ގޮތުގައި ސަރަހައްދީ ބާޒުގެ އަސްކޮޅުގެ ހުދުކަން މައުންޓް ސިއެރާ ނެވާޑާގެ ސުނޯއަށްވުރެވެސް ބޮޑެވެ. އަދި އެ އަސްކޮޅުގެ ފައި ބިންމަތީގައި ޖެހިލީމާ އެ ބިމަށް ގުޑުން އަރައެވެ. މަނިކުފާނުގެ ކަނޑިކޮޅުގެ ވިދުވަރުގެ ގަދަކަމުން އިރުގެ އަލިވެސް ފަނޑުވެގެން ދެއެވެ.]

ބަދްރު ބަޝީރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ބަޝީރްގެ އުފާފުޅާއި ޖޯޝުގެ ސިއްރަކީ މި ފަތަހަތޯއެވެ؟ ނުވަތަ އެހެން ކަމެއްވެސް އެބައޮތްތޯއެވެ؟]

ބަޝީރް ވިދާޅުވިއެވެ. [ހަގީގަތުގައިވެސް އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަޅުގަނޑަށް އިހުސާސްކުރެވޭ ގޮތުގައި އެތައް އަހަރެއްގެ ހުވަފެނުގެ ތައުބީރުގެ ޒަމާން ފެށިއްޖެއެވެ.]

ބަދްރު ސުވާލުކުރެއްވިއެވެ. [އެންޖެލާ ކިހިނެއްތޯއެވެ؟]

ބަޝީރް ވިދާޅުވިއެވެ. [އޭނާގެ ހާލު ރަނގަޅެވެ. ރަބީޢާގެ ވާހަކަ ނޭއްސެވީ ކީއްވެގެންތޯއެވެ؟]

[އޭނާއަށް ކިހިނެއްވީތޯއެވެ؟]

[އައްދޭ... އެކަންވެސް އެނގިވަޑައެއް ނުގަނޭތޯއެވެ؟]

[އޭނާޔާ ބެހޭ ނުބައި ޚަބަރެއް އަނެއްކާ އޮތީތޯއެވެ؟]

ބަޝީރް ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ.

[ތިޔައީ ފައްކާ ޖޯކަރެކެވެ.]

[އޭނާ ބަދްރަށް ސަލާން ދެންނެވިއެވެ.]

[ދޮގު ނުހައްދަވާށެވެ.]

[އެންމެ ރަނގަޅެވެ. އޭނާ މަނިކުފާނުގެ ސަލާމަތަށް އެދި ދުޢާކުރެއެވެ. މިވަރުން ވެއްޖެތޯއެވެ؟]

[ތިޔަ ވާހަކަ ގަބޫލުކުރާކަށް އަޅުގަނޑު ދެކޮޅެއް ނުހަދާނަމެވެ. ދެން ސަމާސާ ހުއްޓަވައިލައްވާފައި ވިދާޅުވެ ބައްލަވާށެވެ. އަބޫ ދާވޫދްގެ ހާލުކޮޅު ކިހިނެއްތޯއެވެ؟]

[އޭނާވެސް ހުންނެވީ ވަރަށް އުފާފުޅުންނެވެ. ގްރަނާދާއަށް ވަޑައިގެންނެވުމާއެކު އައްޒަޣަލް އޭނާ އަބޫ ޢަބްދުﷲގެ ޚާއްސަ އެކުވެރިއަކަށް ހައްދަވައިފިއެވެ. އޭނާ ހުންނަވަން އަލްޙަމްރާ ގަނޑުވަރުން ކޮޓަރިކޮޅެއް ހަމަޖައްސަވައިފިއެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އަބޫ ޢަބްދުﷲއާއި އަބޫ ދާވޫދްގެ އެކުވެރިކަން ވަރަށް ބަދަހިކުރައްވާނެއެވެ.]

މިހައިތަނުން މޫސާ ވަޑައިގަތީމާ ދެ ބޭފުޅުންގެ ވާހަކަފުޅުގެ މިސްރާބު ބަދަލުކޮށް ލައްވައިފިއެވެ. މޫސާ ވަޑައިގަތީ އަބުލްޙަސަން ދެ ބޭފުޅުންނަށް ދަޢުވަތު ދެއްވި ވާހަކަ ދަންނަވާށެވެ.

އައު އަޒުމުތައް

(1)

ޞަޚްރާ ފަތަހަ ކުރެއްވުމަށް ފަހު އަބުލްޙަސަން ތައްޔާރުކުރައްވާން ފެއްޓެވީ ކްރިސްޓިއަނުންނާ ދެކޮޅަށް ފައިސަލާކުރަނިވި ބޮޑު ހަނގުރާމައެއް ކުރައްވާށެވެ. މިހައި ތަނަށް ބަރްބަރީ އިސްލާމުންނާއި އަރަބި އިސްލާމުންނާއި އިސްޕޭނީ އިސްލާމުންގެ މެދުގައި އޮތް ދާޚިލީ ހަމަނުޖެހުމާއި އަރައިރުމުގެ ތެރޭގައި އުޅުނު އަމީރުންނާއި ގަބީލާތަކުގެ ސަރުދާރުން އެ ހުރިހައި ކަމެއް ދޫކޮށްލައިފައި ދުޝްމިނުންނާ ދެކޮޅަށް އެކަތިގަނޑަކަށް ވާން ފަށައިފިއެވެ. އިސްޕޭނިންނާއި ބަރްބަރީން ގަބޫލުކުރި ގޮތުގައި އަބުލްޙަސަނަކީ ހަމައެކަނި ވެރިއަކީއެއް ނޫނެވެ. އެއީ ހުރިހައި އިސްލާޟުންގެ ވެރިޔާއެވެ. އޭނާ ވަނީ ސަލީބީ ދިދައިގެ ބަދަލުގައި ހަނދުފަޅީގެ ދިދަ އުހަށް އުފުއްލަވައިފައެވެ. ޢިލްމުވެރިންގެ ގިނަ ބަޔަކު ވަނީ މި ހަނގުރާމައަކީ ޖިހާދެއް ކަމަށް ފަތުވާ ނެރެފައެވެ. ޞަޚްރާގެ ފަތަޙައަށް ފަހު ގްރަނާދާއަށް ވަޑައިގެންވުނީމާ އަބުލްޙަސަނަށް ހަގީގީ މާނައިގައި ގްރަނާދާގެ ވެރިއަކަށް ވެވަޑައިގެންނެވުނު ކަމުގެ އިހުސާސް ކުރެއްވުނެވެ. ރައްޔިތުން ނުކުމެ ރަށްބޭރުން ފަށައިގެން ގަނޑުވަރާ ހަމައަށް އޮތް މުޅި މަގު ފުރައިލީ އެކި ބާވަތުގެ މަލުންނެވެ. ރޭގަނޑު އަބުލްޙަސަން އަލްޙަމްރާ ގަނޑުވަރުގެ މުންނާރަށް އަރައިވަޑައިގެން ރަށުތެރެއަށް ބައްލަވައިލެއްވިއެވެ. މުޅި ރަށް އޮތީ ދިއްލައި އަޅައިފައެވެ. މީސްތަކުންގެ އުފާވެރިކަމުގެ ނަޣަރާގެ ކެނޑިގެންނެއް ނުދެއެވެ. މި މަންޒަރު ފެނިވަޑައިގަތީމާ އަބުލްޙަސަން އުޑާ ދިމާއަށް ބައްލަވައިލައްވާފައި ދެއަތްޕުޅު އުފުލައިލެއްވުމަށް ފަހު ދުޢާ ކުރެއްވިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.