އިޒްރޭލުގެ ޢުދުވާނުގައި ސުންނާފަތިވެފައިވާ ޣައްޒާގައި ދިރިއުޅޭ ފަލަޞްޠީނުގެ ހަގީގީ ރަށްވެހިން އެ ރަށުން ބާލައި އަވަށްޓެރި ގައުމުތަކުގައި އާބާދު ކުރައްވައި ޣައްޒާގައި ދުނިޔޭގެ އެތަންމިތަނުން އަންނަ މީސްމީހުން އާބާދު ކުރައްވަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ އިއްޔެ (އަންގާރަ ދުވަހު) އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ފަހު، ދެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ޣައްޒާގެ އަހުލުވެރިން ތިބީ އެ ރަށް ދޫކޮށްލާ ހިތުންނެވެ. މިއީ ކިހިނެއް ލިބިވަޑައިގަތް މައުލޫމާތެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. މި ވާހަކަފުޅާ ގުޅިގެން ޙަމާޞްއިން ބުނެފައިވަނީ ޓްރަމްޕް ބޭނުންފުޅުވަނީ މެދުއިރުމަތީގައި ނާމާންކަމާއި ހަމަނުޖެހުން އުފައްދަވަން ކަމަށާއި އެކަމަށް ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ފުރުސަތެއް ނުދޭނޭ ކަމަށެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުން ކުރިއަށް ދިޔައިރު ވައިޓް ހައުސްގެ ބޭރުގައި މީހުން އެއްވެފައި އޮތެވެ. އެމީހުން އަޑު އުފުލަމުން ގެންދިޔައީ ހަނގުރާމައިގެ މުޖުރިމަކު (ނަތަންޔާހޫ) ވައިޓް ހައުސް އަށް ވެއްދެވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމުގައެވެ.
އިޒްރޭލުނބް ޣައްޒާގައި ހިންގި ޢުދުވާނުގައި 61700 މީހުން ވަނީ މަރުވެފައެވެ.