( 2 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( އެހެނަސް ، ދިލްނަޝީންގެ ޖަޒުބާތުތައް ޙައިދަރާ ހަމަޔަށް ގެންދެވޭގޮތެއް ނުވިއެވެ. ދިލްނަޝީން އޭނާގެ ހަށިގަނޑުގައި ބީހިލުމަށް ޙައިދަރު ، ފުރުޞަތެއް ނުދިނެވެ. ކުޑަވަގުތުކޮޅަކަށް އޭނާ އެކަނި ހުރެލަން ދޫކޮށްލަދިނުމަށް ޙައިދަރު އެދުނެވެ.)
ހިތަށްލިބިފައިވާ ނުތަނަވަސްކަމާއެކުގައިވެސް ، ނަފްސާއި ޖިސްމަށް ލިބިފައިވާ ވަރުބަލިކަމުގައި އެރޭ ނިދުނުގޮތެއްވެސް ، ދިލްނަޝީނަކަށް ނޭނގުނެވެ. ޙައިދަރު އެއާ އިދިކޮޅެވެ. އެންމެ ލޮލުފިޔައެއްވެސް އެރެޔަކު އޭނާއަކަށް ނުޖެހެއެވެ. ޙަތާޔަށް ކުރިމަތިވެގެން އެއައި ތޫފާނުގެ އަސަރުނުކުރާ އެންމެ ލޭނާރެއްވެސް ހަށިގަނޑުގައި ނެތެވެ.
ހެނދުނު އޮފީހަށްދާން ، ޙައިދަރު ތައްޔާރުވީއިރުވެސް ، ދިލްނަޝީނަށް އޮތީ ނިދިފައެވެ. އޮފީހަށް ދިއުމުގެކުރިން ދިލްނަޝީނަށް ގޮވާކަށް ހައިދަރެއް ނޫޅެއެވެ. ސައިވެސް ނުބޮއި ، އޮފީހަށްދާން ކާރަށް އަރައަރާ ހުއްޓައި ، އައިނުއައި ތަނެއްވެސް ނޭނގެއެވެ. މެހެމަލްއައިސް ޙައިދަރުގެ ކުރިމައްޗަށް ފުންމާލިއެވެ. ކާރުގެ ދޮރުހުޅުވައި ، ކުރީޝީޓުގައި އިށީނެވެ. މެހެމަލް މަޑުކޮށްގެން އެހުރީ ، ޙައިދަރަށްކަމުގައި ބުންޏެވެ. އަދި އޭނާއާއެކީ ، ލަސްނުކޮށް ދިއުމަށް އެދުނެވެ.
ޙައިދަރު ކުއްލިޔަކަށް ހުއްޓުނެވެ. ދޮރުހުޅުވާލައިފާ ، އޭނާގެ ކާރުން މެހެމަލް ފޭބުމަށް އެންގިއެވެ. ޙައިދަރުގެ ހިތުންވެސް އޭނާ ބޭރުވެދާނެކަމަށް ބުނެ ، ރުޅިއަރައިގެންފައި ، މެހެމަލް ، ކާރަކުން ނުފޭބިއެވެ. މެހެމަލް ބޭނުންވެގެން އެއުޅެނީ ކޮންކަމެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. މެހެމަލް ކުޑަކޮށް ހަމަޖެހިލިއެވެ. އަދި ، ހިނިތުންވެލާފައި ޙައިދަރާ މުޚާތަބު ކުރިއެވެ.
" އަހަރެންނަށް އަދި އެއްފުރުޞަތު ދޭށެވެ. އެއީ އެންމެ ފަހުގެ ފުރުޞަތުކަމަށް ބަލާށެވެ. އަހަރެން މިއުޅެނީ ، ޙަމްޒާގެ ގެޔަށް ޙައިދަރު ގެންދަންވެގެންނެވެ. "
މެހެމަލް އެހުރީ ހަމަހޭގައިތޯ ޙައިދަރު ސުއާލު ކުރިއެވެ. މެހެމަލްގެ ހޭބުއްދި ފިލައި ދިޔައީ ކޮންއިރަކު ހެއްޔެވެ ؟ ޢީޝަލް ދޫކޮށްލާފައި އެހެންމީހުންގެ ދިރިއުޅުމުގެ ތެރެޔަށް އަލިފާން އުކަން މެހެމަލް ދިމާކޮށްފައި އެހުރީ ކޮން އެއްޗެއް އޭނާއަށް ނުލިބިގެން ހެއްޔެވެ ؟ މެހެމަލް ބޭނުންވެގެން އެއުޅެނީ ޙައިދަރުކަމަށް ވަންޏާ އެއީ ނުވާނެ ކަމެއްކަމަށް ޙައިދަރު ބުންޏެވެ.
" އަހަރެން ، އެގެޔަށްގެންދަން މެހެމަލް ތިއުޅެނީ ، އަހަރެންގެ އަނބިމީހާއާ ޚިލާފަށް ހަމްޒާ ހުވާކުރާތަން ދައްކަން ހެއްޔެވެ ؟ މޮޔަވީ ހެއްޔެވެ ؟ ދެންއިތުރަށް މިކަމުގެ ތެރެޔަށް މެހެމަލް ނުވަންނާށެވެ. އިތުރުކަމެއް ކޮށްފިނަމަ ، މެހެމަލް އަހަރެންނަށް އުނދަގޫކޮށް ޖެއްސުންކުރަނީކަމަށް ބަލާނަމެވެ. " މެހެމަލްއާ ދިމާލަށް ޙައިދަރު އަޑުގަދަކުރަމުން ގެންދިޔައެވެ.
މެހެމަލް ކާރުން ނުފައިބާނެކަން އެނގުނީމާ ، ޙައިދަރު އައިސް މެހެމަލްގެ އަތުގައި ހިފާ ގަދަކަމުން ކާރުން ބޭރަށް ނެރުނެވެ. އަދި ، މެހެމަލް ޙައިދަރަށް ގޮވަގޮވާ އޮއްވާ ކާރަށް އަރައިގެން ނައްޓާލިއެވެ.
ޙަމްޒާމެންގެ ގޭތެރޭގައި އެންމެން ރޮނީއެވެ. މަތިންދާބޯޓު އެކްސިޑެންޓެއްގައި ، ޙަމްޒާގެ ބައްޕަ ޞާދިޤް ނިޔާވީއެވެ. ރިދާވެސް އިނީ ރޯށެވެ. ރިދާ ރޯން އިންދާ ، މެހެމަލް އެތައްފަހަރަކު ފޯނުކޮށްފިއެވެ. އެލިބުނު ހިތާމައިގާ ރިދާއަކަށް އެހެންކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. މަންމަޔާ އަދި ތިމާގެ އެންމެންވެސް ތިބީ ރޯށެވެ.
އޮފީހަށް ނުވަދެވެނިސް ، ޙައިދަރަށް ފޯނުކޮށްފައި އޮފީހުން ފޯނުކޮށްފައި ބުނިގޮތުގައި ، އެމީހުންގެ ކޮންޓްރެކްޓަރެއްކަމުގައިވާ ޞާދިޤް ނިޔާވެގެން ، ތަޢުޒިޔާ ކިއުމަށްޓަކައި ، ޙައިދަރު އެގެޔަށް ދާންޖެހޭކަމަށް އެންގިއެވެ. ޞާދިޤަކީ ، ޙައިދަރު އެހާބޮޑަށް ދަންނަ މީހެއްވެސް ނޫނެވެ. މުއްސަނދި ވިޔަފާރިވެރިޔެއްކަން އެނގެއެވެ. އެހެންނަމަވެސް ، ސަހަރުގެ އާދަކާދަ އޮންނަގޮތުން ، މުއްސަނދިންގެ ނާރެހުގައި އުޅޭ މީހުންކުރެ މީހަކު ނިޔާވެއްޖިއްޔާ ، އެންމެންވެސް އެގެޔަށް ޒިޔާރަތްކޮށް ތަޢުޒިޔާ ކިޔާނެއެވެ.
އެގެޔަށް ދިއުމަކީ ޙައިދަރަށް އުނދަގޫ ކަމެއްނަމަވެސް ، ވިޔަފާރީގެ އަސާސްތައް އޮންނަގޮތުން ނުގޮސްވާކަށްވެސް ނެތެވެ. އެހެންކަމުން ، ޙައިދަރު އެގެޔަށް ދާން އެއްބަސްވިއެވެ. އެހެންނަމަވެސް ، އޭނާއަށް އޮފީހަށް ދެވެންވާއިރަށް ، އޭނާއާ އެކީ އެގެޔަށްދާނެ އިސްމީހަކު ދޮރުމައްޗަށް ނުކުމެ ހުރުމަށް އެންގިއެވެ.
އެމީހުންނަށް ތަޢުޒިޔާކިއުމަށްޓަކައި ދޮރުމައްޗަށް ނުކުމެހުރީ ޙަމްޒާއެވެ. ޙައިދަރު ކޮންސްޓްރަކްޝަންގެ ސީއީއޯގެ ނަމުން ، ޙަމްޒާއަށް ، ޙައިދަރު ތަޢާރުފް ކޮށްދެވުނެވެ. ޙަމްޒާއަށް ޙައިދަރު ފެނުމާއެކީ ، ދިލްނަޝީންގެ ކައިވެނީގެ މަންޒަރުތައް އޭނާގެ ކުރިމައްޗަށް ނިއުޅެމުން ދިޔައެވެ. ޙައިދަރަށްވެސް ، އޭނާގެ ކުރިމަތީހުރި ފިރިހެންކުއްޖާއާ ރެސްޓޯރެންޓަކުން ދިމާވެ ، އޭނާގެ އާދަޔާޚިލާފް ޢަމަލުތައް ހަނދާނަށް އައެވެ. އަދި ހަމަ ކުއްލިޔަކަށް ، މެހެމަލް ދެއްކި ފޮޓޯތަކުގައިވެސް ހުރީ އޭނާގެ ކުރިމަތީހުރި ފިރިހެންކުއްޖާކަން ހަނދާން ވިއެވެ. އެދެމީހުންވެސްތިބީ އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ބަސް ހުއްޓިފައެވެ.
" އަހަރެންނަކީ ޙަމްޒާއެވެ. " ޙަމްޒާ ވާހަކަ ދައްކަން ފެއްޓިއެވެ.
އެގެޔަށް އައިތަނުން ، އޭނާއަށް ޙަމްޒާ ތަޢާރުފް ކޮށްދީފިކަމަށް ޙައިދަރު ބުންޏެވެ. އަދި ، ޙަމްޒާއަށް އެލިބުނު ގެއްލުމަށް ހިތާމަކުރާކަމަށް ޙައިދަރު ބުންޏެވެ. އެއީ ވަރަށްބޮޑު ގެއްލުމެކެވެ. އެވަގުތު ، ޙައިދަރުގެ ހަނދާނަށް އައީ އެހެން ޙާދިސާއެކެވެ. ދިލްނަޝީނާ އޭނާ ކައިވެނިކުރިރޭ ، ކުރިމަތިވި ކާރު އެކްސިޑެންޓްގައިވެސް ދިމާވީ ހަމަ މި ފިރިހެންކުއްޖާއާއެވެ. އެރޭވެސް ، ގެއްލުމެއް ލިބުނުހޭ ޙައިދަރު އެހުމުން ، އެކުއްޖާ އެރޭވެސް ބުނެފައިވަނީ ، އޭނާއަށް އެލިބުނީ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
މެހެމާނުންނަށް މަރުޙަބާ ކިޔަމުން ، ޙަމްޒާ ދުރަށްޖެހިލިއެވެ. ޙައިދަރުވެސް އެއްކައިރިޔަކަށް ޖެހިލައި މަޑުކޮށްލިއެވެ. އަދި އޭނާގެ ފޯނުނަގައި ، މެހެމަލް އޭނާއަށް ފޮނުވި ފޮޓޯއަށް ބަލައިލިއެވެ. ޙަމްޒާ ވަށްކަޅިޔަކުން ބަލައިލިއރު ، ޙައިދަރުވެސް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ދެމީހުން ހަތަރުކަޅި ހަމަކޮށްގެން އެތައްއިރަކު ބަލަހައްޓައިގެން ތިއްބެވެ.
ގެޔަށްގޮސް އެރޭވެސް ، ދިލްނަޝީން ފެންނަހިސާބަކަށް ޙައިދަރެއް ނުދެއެވެ. އޭނާއިނީ ސްޓަޑީރޫމްގައި ސިނގިރޭޓް ބޯށެވެ. އިރުއިރުކޮޅުން ، ޙައިދަރުގެ ކުރިމަތީ ނިއުޅިގެން އެދަނީ ، ޙަމްޒާއޭ ކިޔާމީހަކު ނުދަންނަކަމަށް ދިލްނަޝީން ހުވާކުރަން އުޅުނު މަންޒަރެވެ.
ޙަމްޒާވެސް އެރޭ ހޭދަކުރީ އޭނާގެ ކޮޓަރީގައި ސިނގިރޭޓް ބުއިމުގައެވެ. ޙަމްޒާއުޅޭގޮތެއް ބަލައިލުމަށް ، ކޮއްކޮ ރިދާއާއި އޭނާގެ މަންމަ ބުޝްރާ ، ޙަމްޒާގެ ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އޭރުވެސް ، ހަމްޒާއިނީ ސިނގިރޭޓެއް ބޯށެވެ. ދެމައިން ގޮސް ޙަމްޒާގެ ޙާމާމެދު ކަންބޮޑުވެގެން ރޮމުން ގެންދިޔައެވެ. ދިލްނަޝީން މީހަކާ އިންތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ޙަމްޒާގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެހާވަރަށް ސިނގިރޭޓް ބޮޔެވެ. ރޭގަނޑު ގެޔަށް އަންނަނީ އެހާ ލަހުންނެވެ. ގިނަރޭރެޔަށް ގެޔަށް އަންނައިރު ، ގެޔަށް ވަދެވެނީ ކިރިޔާއެވެ. ކިޔެވުންވެސް އެހުންނަނީ ހުއްޓާލައިގެންނެވެ. ބައްޕަގެ ވިޔަފާރީގައި ކުރިން ޙަރަކާތްތެރިވިނަމަވެސް ، ބައްޕަޔަށް އެހީވުމަށްޓަކައި އޮފީހަކަށް ނުދެއެވެ. ހިނިތުންވެލުމާއި ސަމާސާކުރުން އެއީ ޙަމްޒާގެ ހަނދާނުގައި ނެތްކަމެކެވެ. ރޯކަށްވެސް މިހާރަކު އޭނާއަކަށް ނޭނގެއެވެ.
ޞާދިޤް ނިޔާވުމުން ، އެޢާއިލާގެ ވިޔަފާރި ހިންގައި ބަލަހައްޓާނެ މީހަކުވެސް ނެތެވެ. ޙަމްޒާގެ އަމިއްލަ ޙާލަށް ދޫކޮށްނުލައި ، އޮފީހަށްގޮސް ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް ، ޙަމްޒާއަށް ނަޞޭޙަތްދިނުމަށް ރިދާ އޭނާގެ މަންމަގާތު ބުންޏެވެ. މަންމަގެ ބަސް ، ޙަމްޒާ އަހާނެކަމުގައި ރިދާއަށް ފެނުނެވެ. ބުޝްރާ ވާހަކަ ދެއްކުމުގެކުރިން ރިދާގޮސް ޙަމްޒާއާ ވާހަކަ ދައްކައިލުމަށް ، ރިދާގެ ކިބައިން ބުޝްރާ އެދުނެވެ. އެގޭގައި މިހާރު ހަމައިގާ އެތިބީ އެދެމައިން އެކަންޏެވެ.
ރިދާގޮސް ، ޙަމްޒާގެ ކޮޓަރިޔަށް ވަތްއިރު ، ޙަމްޒާ އިނީ ސިނގިރޭޓެއް އަނބުރާށެވެ. ރިދާ އެދިޔަގޮތަށްގޮސް އެއެއްޗެތިތައް އުކައިލިއެވެ. ޙަމްޒާގާތަށް އައި ރުޅީގައި ރިދާއާ ދިމާލަށް އެއްޗެހި ކިޔައިގަތެވެ. ޙަމްޒާ ބުނިގޮތުގައި އެކަން ކުރުމުން އޭނާގެ ހިތަށް ތަސައްލީ ލިބެއެވެ. އެހެނަސް ރިދާ ޤަބޫލުކުރާގޮތުގައި އެއީ ޙަމްޒާގެ މޮޔަކަމެވެ. އެމީހަކަށްޓަކައި ، ޙަމްޒާގެ ދިރިއުޅުން ބަރުބާދު ކުރަމުން އެގެންދާ މީހާ އެހުރީ ، އެހެންމީހަކާ އިނދެގެން އުފަލުގައެވެ.
ރިދާ ، އެގެޔަށްދިޔަވާހަކަ ، ޙަމްޒާއަށް ކިޔައިދިނެވެ. ދިލްނަޝީންހުރީ އޭނާގެ ފިރިމީހާއާއެކީ އުފަލުގައެވެ. ޙަމްޒާއޭ ކިޔާމީހެއްގެ މަތިން ، ދިލްނަޝީން މިހާރު ހަނދާން ނެތިއްޖެއެވެ. އަބަދު ހުންނަނީ ހިނިތުންވެފައެވެ. ފިރިމީހާއާ އެހާ ގާތެވެ.
" ގަދަކަމުން ވާ ހިނިތުންވުމާއި މަޖުބޫރުންވާ ހިނިތުންވުމުގައި ތަފާތުތަކެއް ހުންނާނެއެވެ. އެއިން ކޮންމެ ހިނިތުންވުމެއްގައިވެސް ފޮރުވިފައިވާ ސިއްރުތަކަކާއި މާނައެއް އޮންނާނެއެވެ. " ޙަމްޒާ ބުންޏެވެ.
ކޮންމެ މާނައެއް ކޮންމެގޮތަކަށް އޮތްނަމަވެސް ، ދިލްނަޝީނަކީ ، އަލުން ޙަމްޒާގެ ދިރިއުޅުމަށް އަންނާނެމީހެއްނޫންކަން ޙަމްޒާއަށް ވިސްނައި ދެވޭތޯ ، ރިދާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ދިލްނަޝީން މިހާރު އެހުރީ ޙަމްޒާގެ މަތިން ހަނދާން ނައްތާލައިގެންނެވެ. އެއީ ރިދާއަށް ކުރެވޭ ކުށްހީއެއް ކަމަށާއި ، އޭނާގެ މަތިން ، ދުވަހަކުވެސް ދިލްނަޝީނަށް ހަނދާން ނައްތައި ނުލެވޭނެކަމަށް ޙަމްޒާ ބުނަމުން ގެންދިޔައެވެ. ޙަމްޒާއަށް ކުރިމަތިވެފައިވާ ނިކަމެތިކަމުގެ އަޞްލަކީ ، ރިދާމެންގެ ގޮތްދޫނުކުރުމާއި ބޮޑާކަމެވެ. އެކަން އެހެން ނެތްނަމަ ، ދިލްނަޝީން އެހެންމީހަކާ އިންނަން މަޖުބޫރެއްވެސް ނުވީހެވެ. ކަން އެހެން އޮތްއިރު ، ޙަމްޒާގެ ޙާލަތަށް ހަމްދަރުދީވެގެން ، ރިދާވެސް އަދި މަންމަވެސް އުޅޭނެކަމެއް ނެތްކަމަށް ޙަމްޒާ ބުންޏެވެ. ރިދާ ދައްކަމުންގެންދިޔަ އެއްވެސް ވާހަކައެއް ޙަމްޒާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އަދި ، ރިދާ އެކޮޓަރިން ނުކުމެގެން ދިއުމަށް އަންގައި ، ކޮއްޕަމުން ، އެކޮޓަރިން ރިދާ ނެރެލިއެވެ. އެއަށްފަހު ، އޭނާގެ ފޯނުނަގައި ދިލްނަޝީންގެ ފޮޓޯއަށް ބަލަހައްޓައިގެން އޮތުމަށްފަހު ، މޭމަތީ ފޯނުބާއްވާލައިގެން އޮވެ ، އެނދުމައްޗަށް ވެއްޓިގަތެވެ. ޙަމްޒާމަތިން ދިލްޝީން ހަނދާން ނައްތައިނުލާނެކަން ޙަމްޒާއަށް އެނގެއެވެ. އެއީ ، ދިލްނަޝީން ކިތަންމެ ބޭނުންވިޔަސް ، ދިލްނަޝީނަށް ކުރެވޭނެކަމެއް ނޫނެވެ.
ކުލްސޫމް ބުނެގެން ދިލްނަޝީން ، ޙައިދަރަށް ފޯނުކުރަމުން ގެންދިޔައެވެ. އެކަމަކު ، ޙައިދަރު ފޯނެއް ނުނަގައެވެ. ޙައިދަރުގެ ޢަމަލުތައް މިހާރު އެހުންނަނީ ، ޙައިދަރު ދޫކޮށްލާފައި މެހެމަލް މީހަކަ އިނދެގެން ދިޔައިމަ ހުރިގޮތަށްވުރެ މާމަތީގައެވެ. މިހާރު އެއުޅޭގޮތަށް ދުވަހަކުވެސް ، ޙައިދަރު އުޅެފައެއް ނެތެވެ. މަންމަ މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލައެވެ. އަދި މަންމަގެ ބަސްވެސް ޤަބޫނުކޮށެއް ނުހުރެއެވެ. މިހާރު ކުރިމަތިވެގެން އެއުޅޭ މައްސަލައިގާ ، ވިސްނާނުލައި ޙައިދަރާ ދިމާލަށް ކުލްސޫމަށް ކިޔުނު އެއްޗިއްސާމެދު ، ކުލްސޫމް އެހުންނަނީ ދެރަވެފައެވެ.
ޙައިދަރު އޮފީހުގައި ، އޭނާގެ ކޮޓަރީގައި ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލަ ހުއްޓާ މަންމަގެ ފޯނެއް އައެވެ. އެއީ ޖެހިޖެހިގެން އައި ތިންވަނަ ކޯލެވެ. ދިލްނަޝީން އެކުރިކަމަކުން މަންމަދެކެ ރުޅިއަންނަންވީ އެއްވެސް ސަބަބެއް ނެތެވެ. ޙައިދަރު ފޯނުނެގުމާއެކު ސަލާމް ގޮވާލާފައި ވާހަކަދައްކަން ފެއްޓިއެވެ. އޭނާ އެއުޅެނީ އޮފީހުގައި ވަރަށް އަވަދިނެތިކަމަށާއި ގެޔަށް ދެވޭނީ ވަރަށް ލަހުންކަމުގައި ޙައިދަރު ބުންޏެވެ.
" ގެޔަށް އަންނަން ކިހާއިރެއް ވާނެހެއްޔެވެ ؟ " މަންމަގެ ބަދަލުގައި ފޯނުން ވާހަކަ ދެއްކީ ދިލްނަޝީނެވެ.
ޙައިދަރު ، އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ފޯނު ކަނޑައެއް ނުލައެވެ. އޭނާގެ އަޑު އިވޭތޯ ދިލްނަޝީން ސުއާލު ކުރިއެވެ. އޭނާއަށް މާކުރިން އަޑުއިވިފައިވާކަމަށް ޙައިދަރު ބުންޏެވެ. އެއީ ކޮންއަޑެއްކަމެއް ދިލްނަޝީނަކަށް ނޭނގުނެވެ. އެއީ ، ދިލްނަޝީންގެ އަޑުކަމުގައި ޙައިދަރު ބުންޏެވެ. އަދި ، އެރޭގެ ރޭގަނޑު ކެއުމަށް އޭނާއަށް އިންތިޒާރު ނުކުރުމަށްވެސް ޙައިދަރު ބުންޏެވެ. މަންމަޔަށް ކާންދީފައި ދިލްނަޝީންވެސް ކެއުމަށް ބުނެ ، އޭނާކާނެކަމަށް ބަލައިގެން އިންތިޒާރު ނުކުރުމަށް ބުނަމުން ފޯނު ކަނޑައިލިއެވެ.
ޙައިދަރުގެ ނަޒަރުގައި ދިލްނަޝީނަކީވެސް ތަފާތު އަންހެނެއްނޫނެވެ. މެހެމަލް އެކޭ އެއްގޮތަށް ، ދިލްނަޝީންވެސް އެވަނީ އޭނާގެ ހިތް ފޮތިފޮތިކޮށްލާފައެވެ. އޭނާގެ ނަޞީބުގައި ލޯބި އެއީ އޮތް އެއްޗެއްނޫނެވެ. ކުރިމަތިވި ޙާލަތަށް ކެތްކޮށްލައިގެން އުޅުންނޫން އެހެންގޮތެއް ، ޙައިދަރަކަށް ނެތެވެ. ފޮނި އުއްމީދެއްކޮށް ، ދިލްނަޝީނަކީ އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާކަމަށް ބަލައިގެން އުޅޭކަށް ޙައިދަރު ، މިހާރަކު ބޭނުމެއް ނޫނެވެ. ދިލްނަޝީންގެ ފަރާތުންވެސް ، އެންމެ ކުޑަމިނުން ހިނިތުންވުމެއްވެސް ޙައިދަރު ބޭނުމެއްނޫނެވެ. ޙައިދަރުގެ ދިރިއުޅުމަށް އެއައި ބަދަލާމެދު ، އެންމެބޮޑަށް ކަންބޮޑުވަނީ ކުލްސޫމެވެ. އެއީ މީގެ ކުރިން ޙައިދަރު އުޅެފައި އޮތްގޮތެއް ނޫނެވެ. އެއީ އާދަޔާޚިލާފް ބަދަލެކެވެ. އެބަދަލުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް އޮންނާނެކަން ކުލްސޫމަށް އެނގެއެވެ.
ޙައިދަރުގެ ޢަމަލުތައް ހުންނާނެގޮތާއި ވިސްނުން ގެންގުޅޭނެގޮތް އެންމެ ބޮޑަށް އެނގޭނީ ކުލްސޫމަށެވެ. ޙައދަރުގެ ޙަޔާތުން މެހެމަލް ދިޔައިމަ ، ކެތްތެރިކަން އިސްކޮށް ، އޭނާގެ އަމިއްލަ ނަފްސު ، ހަމަމަގަށް އެޅުވިއެވެ. ދިލްނަޝީނާ ގުޅިގެން ދިމާވި މައްސަލަވެސް ހިތްވަރުކޮށްފައި ޙައްލުކޮށްދީފިއެވެ. މެހެމަލްއަށްވުރެ އެ ހަނގުރާމައިގައި ދިލްނަޝީނަށް ލިބުނު ކާމިޔާބީ މަތިވެރިއެވެ. އެހެނަސް ، އެހުރިހާކަމެއް ޙައްލުވެ ނިމުނީމަވެސް ، ޙައިދަރުގެ އުޅުމަށް ބަދަލެއް ނައެވެ. އެކަމުގައި ސަބަބުތަކެއް އޮންނާނެކަމަށް ކުލްސޫމް ބުންޏެވެ. އަދި އެ ސަބަބުތައް ދެނެގަތުމަކީ ، ދިލްނަޝީންގެ ވާޖިބެކެވެ. އެކަން ކުރުމަށްޓަކައި ދިލްނަޝީނަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ކުރިން ވާހަކަ ދެއްކިގޮތަށް ، ދިލްނަޝީނާ ، ޙައިދަރު ވާހަކައެއް ނުދައްކައެވެ. ވާހަކަ ދައްކާލާނެ ފުރުޞަތެއްވެސް ތަނަވަސްވިޔަކަ ނުދެއެވެ. ޙައިދަރު ވާހަކަ ނުދައްކަންޏާ ، އިސްވެ ، ދިލްނަޝީން ވާހަކަ ދެއްކުމަށް ކުލްސޫމް ލަފާދިނެވެ.
( ނުނިމޭ )