( 28 ޖަނަވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( އަހަރެންގެ ގެ ސަލާމަތްކުރުމަށްޓަކައި ދޮގުހެއްކެއް ދޭން ޖެހިއްޖިއްޔާ އަހަރެން ހަދާނީ ކިހިނެއްކަން ބުނެދޭށެވެ. އެހެން ވާހަކައެއް ނުފަށާށެވެ. އަހަރެންނާ ޚިލާފަށް މެހެމަލް އަތުގައި ހެކިއެބަހުއްޓެވެ. އަހަރެންނާއި ޙަމްޒާއާއެކީ ނަގާފައިހުރި ފޮޓޯތައްވެސް މެހެމަލް އެ ހުރީ ހޯދައިގެންނެވެ. " ދިލްނަޝީން ބުންޏެވެ. )
ދިލްނަޝީންގެ އަޑުގައިވަނީ ވޭނާއި ރިހުމެވެ. އޭނާ ވާހަކަ ދައްކަމުން ގެންދިޔައީ އަޑުން އަޑުނަގައި ބާރަށް ރޮމުންނެވެ. އަނީސާ ދެލޯ މަރައިލިއެވެ. އެ ފޮޓޯތަކަކީ ، ފޭކް އެއްޗެތިކަމަށް ބުނެ ދޮގުހަދައި އެކަމަށް އިންކާރު ކުރުމަށް ، އަނީސާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްދިނެވެ. ދިލްނަޝީން ، މިހާރުވެސް އެހުންނަނީ އެއީ ފޭކްކަމަށްބުނެ ދޮގުހަދައިގެން ކަމަށް ބުންޏެވެ. އެކަމަކު ، ރިދާ އައިސް އެޙަޤީޤަތާ އެއްގޮތަށް ބަޔާންދީ ހެކިދައްކައިފިއްޔާ ދެންހަދާނީ ކިހިނެއް ހެއްޔެވެ ؟ މެހެމަލްހުރީ ، ރިދާއާ ގުޅައިލާފައެވެ. އެދެމީހުންގެވެސް ބޭނުމަކީ ، ދިލްނަޝީންގެ ދިރިއުޅުން ބަރުބާދު ކޮށްލުމެވެ. އެގެޔަށް ރިދާގެނެސް ، ދިރިހުރި ހެއްކެއްގެ ގޮތުގައި ޙައިދަރުގެ ކުރިމަތީ ، ހެކިދީފިއްޔާ ދެންހަދާނީ ކިހިނެއް ހެއްޔެވެ ؟
" މަންމާއެވެ ! އަހަރެންގެ ކައިވެންޏާއި އަހަރެންގެ ދިރިއުޅުމާ އަދި އަހަރެންގެ ގެ ސަލާމަތްކުރުމަށްޓަކައި ، ދޮގުހެކިދީ ހުވާކުރަން ޖެހިއްޖިއްޔާ ހަދާނެގޮތެއް ބުނެދީ ބަލާށެވެ. ހުރިހާ ވާހަކައެއް މިހާރަކު ދެއްކޭކަށް ނެތެވެ. " ދިލްނަޝީން ބުންޏެވެ.
ދޮގުހެކިދީ ދޮގުހުވާކުރުމަށް ، އަނީސާ އޭނާގެ ދަރިފުޅަށް އެންގިއެވެ. ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެނޫންގޮތެއް ނެތިއްޖިއްޔާ ، ދޮގުހުވާކުރުމަކީވެސް ކުރަންޖެހޭނެ ކަމެއްކަމަށް އަނީސާ ބުންޏެވެ. ޖާއިޒު ގުޅުމެއް ސަލާމަތް ކުރުމަށްޓަކައި ނާޖާއިޒުކަމެއް ކުރުންވެސް އެންމެ ރަނގަޅުތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. އެއީ އަދި އޭނާއަށް ދަސްވެފައި ނެތް ކަމެކެވެ. މާގިނަ ވާހަކަ ނުދައްކާ އޭނާ އެބުނިގޮތަށް ހެދުމަށް އަނީސާ އެންގިއެވެ. އެހުރިހާ ކަމަކީވެސް ، ޙަމްޒާއާއެކީ ގުޅުން ބާއްވައިގެން ނުކުތް ނަތީޖާކަމަށް އަނީސާ ބުންޏެވެ. ދިލްނަޝީނަށް އެއޮތީ ޖަޒުބާތުގައިޖެހި އެކަން ކުރެވިފައެވެ. އެކަމަކު ، މިހާރު އޭނާ އެހުރީ ޞައްޙަ ކައިވެންޏެއްގެ މަތީގައެވެ. ދިލްނަޝީން މަސައްކަތް ކުރަމުން އެގެންދަނީ އޭނާގެ ދިރިއުޅުން ބަރުބާދުވެގެން ދިއުމުން ސަލާމަތް ކުރުމަށްޓަކައެވެ. އެކަމަކު ، އަނީސާ އަދިވެސް އެގެންދަނީ ، ކުރިއެކޭ އެއްގޮތަށް ދިލްނަޝީނާ ދިމާލަށް އެއްޗެތި ގޮވައި ބަދުބަސް ބުނަމުންނެވެ.
ގެއިން ނުކުތްގޮތަށް ޙައިދަރު ދިޔައީ ދުރުގައި އޮތް ބީޗަކަށެވެ. އެތަނަށް އޭނާ ނުއަންނަތާ އެތައް ޒަމާނަކަށްފަހު ، މިއަދު އޭނާ އަލުން އެތަނަށް އެއައީ ، ކަނޑުގައި ބީހިލުމަށްފަހު އެއަންނަ ފިނިވައިރޯޅީގެ ހިތްގައިމުކަމުން ، އޭނާގެ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައެވެ. އޭގެކުރިން ، ޙައިދަރު އެބީޗަށް އައިސްފައިވަނީ ، މީގެ އަހަރުތަކެއްކުރިން ، މެހެމަލް އޭނާއަށް ދިން ލަނޑުން ހިތަށް ލިބުނު ތަކުލީފުތައް ދުރުކުރުމަށްޓަކައެވެ. އެކަމަކު ، މިއަދު ޙައިދަރު އައިސް ، ދެކޮޅަށް ހިނގަމުން އެގެންދަނީ ، އޭނާގެ ޙަލާލު އަނބިމީހާ ، ދިލްނަޝީންގެ ފަރާތުން އޭނާއަށް ލިބުނު ތަކުލީފުތަކަށް ކެތްނުކުރެވިގެން ، ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ ؟ މިއަދު އެލިބެމުންދާ ތަކުލީފަކީ ، އޭގެކުރިން ޙައިދަރުގެ ހިތަށް ލިބުނު ތަކުލީފަށްވުރެ އެތައް ގުނައެއް ބޮޑު ވޭނެކެވެ. އެހިތަށް ދާދި މިދާކަށްދުވަހު ލިބެމުން އައި ދިރުމަށް ހީނަރުކަން ލިބުމުން އޭނާގެ ހިތަށް ފޯރި ވޭނެކެވެ.
ދެކޮޅަށްދެކޮޅަށް ހިނގަހިނގާ ހުއްޓާ ، މަންމަގެ ފޯނެއް ޙައިދަރަށް އައެވެ. ނަގަން ނުނަގަން ހުރެފައި ފޯނު ނެގުމާއެކީ ، ޙައިދަރު އެއުޅެނީ ކޮންތާކުތޯ ކުލްސޫމް ސުއާލު ކުރިއެވެ. މަންމަގެ ފޯނުވެސް ނުނަގާ ، ދިޔަތަނެއް އަންގައިނުލާ ޙައިދަރު އުޅޭތަނެއް ނޭނގިގެން ކުލްސޫމް ހުރީ ކަންބޮޑުވެފައެވެ.
" އަހަރެން މިވަގުތު އެއްވެސް މީހެއްގެ ސުއާލަށް ޖަވާބުދޭކަށް ބޭނުމެއްނޫނެވެ. އަދި ، އެއްވެސް މީހަކާ ސުއާލެއްކުރާކަށްވެސް ބޭނުމެއްނޫނެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރު ގެޔަށް އައުމަށް ކުލްސޫމް އެދުނެވެ. އެހެނަސް ، އޭނާ ގެޔަށްދާންވީ ކާކަށްޓަކައިތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރަށް ހީކުރެވުނީ ދިލްނަޝީނަކީ ތަފާތު އަންހެނެއްކަމަށް ކަމުގައި ޙައިދަރު ބުންޏެވެ. އެކަމަކު ، އެކަން އެސާބިތުކޮށްދިނީ ، ޚުދު ދިލްނަޝީން އަމިއްލަޔަށެވެ. އޭނާއަކީވެސް ވަކި ، ތަފާތު އަންހެނެއްނޫނެވެ.
އެއީ ޙަޤީޤަތެއްނޫންކަމަށް ކުލްސޫމް ބުންޏެވެ. މެހެމަލް އެއުޅެނީ ބުހުތާން ދޮގެއް ހަދައިގެންނެވެ. މެހެމަލްގެ ބޭނުމަކީ ، ޙައިދަރުގެ ހިތުން ދިލްނަޝީން ބޭރުކޮށްލުމެވެ. މެހެމަލް އެގެޔަށް އައީއްސުރެ މަސައްކަތްކުރަމުން އެގެންދަނީ އެ މަޤްޞަދު ޙާޞިލްކުރުމަށް ކަމުގައި ކުލްސޫމް ބުންޏެވެ. އެހެނަސް ، އެއީ އޭނާގެ ހިތް އެކަމަށް ބޭނުންވިޔަސް ޙައިދަރަށް ޤަބޫލުކުރެވެން އޮތްކަމެއްނޫނެވެ. މެހެމަލް އެވަނީ ހެއްކާއެކު ، އެކަން ސާބިތުކޮށްދީ ، ޙައިދަރުގެ ކުރިމައްޗަށް ހުށަހަޅާފައެވެ. ދިލްނަޝީންގެ ކެހިވެރިކަން ބޭޒާރުކޮށްލާފައެވެ.
ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކަކީ ، ވާހަކަ ދައްކައިގެން ޙައްލުކުރަންޖެހޭ ކަމެއްކަމުގައި ކުލްސޫމް ބުންޏެވެ. ކަމެއް ދިމާވީމަ ، އެކަމަކަށް ފިލައިގެން އުޅެގެން އެމައްސަލައެއް ޙައްލެއް ނުކުރެވޭނެއެވެ. މައްސަލައެއްގައި ޝާމިލްވާ މީހުން ދެތަނެއްގައި ތިބެގެން އެ މައްސަލަޔަކާމެދު ވިސްނާ ވަރަކަށް އެމައްސަލައެއް ވާނީ ގޯހެވެ.
ޙައިދަރު ، ދެލޯމަރައިލިއެވެ. ގެޔަށް ދިޔައިމަ ދެން ކުރިމަތިވާނީ ކޮންކަމެއްކަންވެސް ނޭނގި ، ގެޔަށްދާން ޙައިދަރު އެއްބަސް ވިއެވެ. ވީ އެންމެ އަވަހަކަށް ޙައިދަރު ގެޔަށް އައުމަށް ކުލްސޫމް އެދުނެވެ.
ދިލްނަޝީން ، ކޮޓަރީގައި ރޯން އިންދާ މެހެމަލް އައިސް އެ ކޮޓަރިޔަށް ވަނެވެ. މެހެމަލްހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ދިލްނަޝީނަކީ އޭނާއަށްވުރެވެސް އެއްދަރަޖަ ކުރީގައިއުޅޭ މީހެކެވެ. ބުހުތާން ދޮގުތަކެއް ހަދައިގެން މުޅި މަންޒަރު ބަދަލުކޮށްލައިފިއެވެ. އެއީ ވަރަށް ކުޅަދާނަ މީހަކަށްނޫނީ ކުރެވޭނެކަމެއް ނޫންކަމަށް މެހެމަލްއަށްވެސް އެއްބަސްވާން ޖެހުނެވެ.
" އަހަރެން މިމަސައްކަތް ކުރަނީ ، އަހަރެންގެ ގެ ، ބަރުބާދުވުމުން ސަލާމަތް ކުރުމަށެވެ. އަހަރެން މިކުރަނީކީ ގޯސްކަމެއް ނޫނެވެ. އަހަރެންގެ މިޢަމަލަކީ ، ގޯސް ޢަމަލެއްވެސް ނޫނެވެ. " ދިލްނަޝީން ބުންޏެވެ.
މެހެމަލްހުރީ ރުޅިއައިސް ރަތްވެފައެވެ. ދިލްނަޝީން އެކުޅެނީ އަލިފާނާކަމުގައި މެހެމަލް ބުންޏެވެ. އަދި ، މެހެމަލްއާ ކުޅުމަކީ ، ބަނޑުހައިވެފައި އޮތް ސިންގާޔަކާ ކުޅުންފަދަ ކަމެއްކަން ހަނދާން ކޮށްދިނެވެ. މެހެމަލްއަކީ ، ދޮގުހަދާ މީހެއްގެ މޫނު ، ޙަޤީޤަތުން ތެންމާލެވޭވަރުގެ ކުޅަދާނަކަން ލިބިގެންވާ މީހެއްކަމުގައި ބުނެ ، ދިލްނަޝީނާ ދިމާލަށް އިންޒާރުގެ ބަސްތައް ބުނެ ، ދިލްނަޝީން ބިރުގަންނުވަމުން ގެންދިޔައެވެ. މެހެމަލްގެ އެއިންޒާރުގެ ބަސްތަކުން ދިލްނަޝީންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.
ދިލްނަޝީންގެ ދެއަތް ޖޯޑުކޮށް ، މެހެމަލްއަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެގެއިން ނުކުމެގެންގޮސް އޭނާވަންނާނެ ތަނެއް ނެތްކަމަށް ބުނެއެވެ. ދިލްނަޝީންގެ މަންމަވަނީ ، އެމީހުންގެ ގޭގެދޮރު ، ދިލްނަޝީނަށްޓަކައި އަބަދުގެ އަބަދަށްޓަކައި ބަންދު ކޮށްފައެވެ. ދިލްނަޝީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއި ދުލުން ބޭރުވަމުންގެންދިޔަ އާދޭހުގެ ބަސްތައް އެއީ ، މެހެމަލްއަށް ކުޑަވެސް އަސަރެއް ކުރާނެ ކަމެއްނޫނެވެ. އޭގެ ބަދަލުގައި ، ދިލްނަޝީނަށް ލިބޭ ކޮންމެ ދެރަޔަކީ އަދި ތަކުލީފަކީ މެހެމަލްއަށް ލިބޭ އުފަލެކެވެ. ދިލްނަޝީން ވަންނާނެތަނެއް ނެތްކަން އެނގުމަކީ ، ކުރިންވެސް ދިލްނަޝީން ކުރަންޖެހޭނެކަމެއްކަމަށް މެހެމަލް ބުންޏެވެ. އެއީ އޭނާއާ ބެހޭ ކަމެއްނޫނެވެ.
" މިގެއިން ނުކުމެގެންގޮސް ވަންނާނީ ކޮންތަނަކަށް ކަމާމެދު ، މިއަދުން ފެށިގެން ވިސްނަން ފަށާށެވެ. މިގެޔާއި ޙައިދަރުގެ ދިރިއުޅުމުން އަހަރެން ، ދިލްނަޝީން ބޭރުކޮށްލާނަމެވެ. " ދަތްކުނޑި ވިކައިގެންނހުރެ ، މެހެމަލް ބުންޏެވެ.
ލޮލުން ފައިބަފައިބާހުރި ކަރުނަތައް ފުހެލައި ދިލްނަޝީން ހަމަޖެހިލިއެވެ. އަދި ، މެހެމަލް ކުރަން ބޭނުންވާކަމެއް ކުރާށޭ ބުންޏެވެ. އޭނާގެ ދިރިއުޅުން ސަލާމަތްކުރުމަށްޓަކައި ، ކުރަންޖެހުނު ކޮންމެކަމެއް ، ދެންވެސް ކުރާނެކަމަށް ދިލްނަޝީން ބުންޏެވެ. އެވަގުތު ، ނޯކަރަކު އައިސް ، ސާހިބުކަމަނާ ދިލްނަޝީނަށް އެބަގޮވާކަމުގައި ބުންޏެވެ.
މޫނުދޮވެލައިގެން ، ދިލްނަޝީންގޮސް ކުލްސޫމްގެ ކޮޓަރިޔަށް ވަނެވެ. ކޮޓަރީގެ އެއްކަނެއްގައި ، ޙައިދަރުވެސް ހުއްޓިލައިގެން ހުއްޓެވެ. ދިލްނަޝީން އައުމާއެކީ ، ވުޟޫކޮށްލައިގެން އައުމަށް ދިލްނަޝީންގާތު ، ކުލްސޫމް ބުންޏެވެ. ދިލްނަޝީން ހުވައެއްކުރަން ޖެހުނީއެވެ. ލަސް ހިނގުމެއްގައި ހިނގަމުން ގޮސް ފާޚާނާއަށްވަދެ ، ވުޟޫކޮށްލައިގެން ނުކުމެ ، ކުލްސޫމްގެ ކުރިމަތީގައި ދިލްނަޝީން ހުއްޓިލިއެވެ.
" ދަރިފުޅާއެވެ ! ހުވާކުރުވަން މިޖެހުނީ އަހަރެން ދިލްނަޝީނަށް އިތުބާރު ނުކުރާތީކީ ނޫނެވެ. ހަމައެކަނި ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައެވެ. ކީރިތި ޤުރުއާނުގައި އަތްލައި ﷲ ގަންދީ ހުވާކުރާށެވެ. " ކުލްސޫމް ބުންޏެވެ.
ޚަތިމުގައި އަތްލާފައި ހެއްޔެވެ ؟ ދިލްނަޝީނަށް ސުއާލުކޮށްލެވުނެވެ.
" އާނއެކެވެ. ފިރިހެނުންގެ ހިތުގައި އުފެދޭ ޝައްކާއި ވަހުމަކީ ، އެމީހުންގެ ހތުން އެއްކޮށް ފިލުވައިލާން ޖެހޭ އެއްޗެކެވެ. އެއާއެކީ ފިރިހެނުންނަކަށް ދިރިއެއް ނޫޅެވޭނެއެވެ. އެހެން ނޫންކަމަށް ވަންޏާ ، ދިރިއުޅުމުގެ ހުޅުކޮޅު ، މަޑުމަޑުން ނިވެމުންގޮސް އެއްކޮށް ހުލިވާނެއެވެ. ކަލޭމެން ދެމަފިރިންގެ ދެމެދަށް ހުރަސްވި މި ފާރަކީ ، ޗައިނާގެ ބޮޑުފާރެކޭ އެއްފަދަ އެއްޗެކެވެ. ދެމީހުންގެ މެދުގައި އުފެދިގެން މިދިޔަ ދުރުމިން ، ދެމީހުންކުރެ އެކަކަށްވެސް ކައިރިއެއް ނުކުރެވޭނެއެވެ. " ކުލްސޫމް ބުންޏެވެ.
ޙައިދަރުވެސް ، ކުލްސޫމާގާތަށް ޖެހިލިއެވެ. ދިލްނަޝީން ، އޭރުދިޔައީ ޚަތިމުގައި އަތްލައި ހުވާކުރަން ތައްޔާރުވަމުންނެވެ. މެހެމަލްވެސް އެތަން ބަލަން ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
ދިލްނަޝީންގެ ކަނާތް މަޑުމަޑުން އުފުލެމުން ދިޔައެވެ. ކިރިޔާ ޚަތިމުގައި އަތްޖެހޭނުޖެހޭ ހިސާބަށްދިޔަތަނާ ، އެކަން ހުއްޓައިލުމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީންގެ އަތް އެހިސާބުން ހުއްޓުނެވެ. ދިލްނަޝީންގެ އަތުގައި ޙައިދަރު ހިފައި ، ދިލްނަޝީންގެ އަތް ތިރިކޮށްލިއެވެ.
" މަންމާއެވެ ! ދިލްނަޝީން ހުވާކުރުވާކަށް އަހަރެން ބޭނުމެއްނޫނެވެ. " ޙައިދަރު ބުންޏެވެ.
ދެފަހަރުވެސް ، ދޮގުހުވައެއްކުރުމުން ، ﷲ ތަޢާލާ އޭނާ ސަލާމަތްކުރެއްވީއެވެ. ދިލްނަޝީނަށް ލިބުނު ޙައިރާންކަމުގައި އަނގަ ހުޅުވިފައި ހުއްޓެވެ. އޭނާގެ ހިތުން ، ﷲ އަށް ޙަމްދާއި ޝުކުރު ކުރިއެވެ. ކުލްސޫމްވެސް ހުރީ ބަސްހުއްޓިފައެވެ. މެހެމަލް ހުރީ އަދިވަކިންބޮޑަށް ޢަޖައިބު ވެފައެވެ. ދެ ކަމަކާއެވެ. އެއްކަމަކީ ، އެވަރުގެ ބޮޑު ދޮގުހުވައެއްކުރަން ދިލްނަޝީނަށް ކެރުނުކަމަށް ޓަކައެވެ. އަނެއްކަމަކީ ، ދިލްނަޝީން ހުވާކުރުމަށް ޙައިދަރު ފުރުޞަތު ނުދިނުމެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު ، ދިލްނަޝީން އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އެހުރިހާކަމެއް ބަލަހައްޓައިގެން ، ގަބުވެފައި މެހެމަލް ހުއްޓެވެ.
ދިލްނަޝީން އައިސް ކޮޓަރިޔަށް ވަތްއިރު ، ޙައިދަރު ފެންނާކަށް ނެތެވެ. އޭނާހުރީ ބޭރަށްނުކުމެ ބެލްކަނީގައެވެ. ދިލްނަޝީން ދުވެފައިގޮސް ، ފަހަތުން ޙައިދަރުގެ ގައިގާ ބައްދައިލިއެވެ. އަދި ޙައިދަރަށް ޝުކުރު އަދާކުރިއެވެ. ދިލްނަޝީންގެ ޝުކުރު އެތައް ފަހަރަކު ތަކުރާރު ކުރިއެވެ.
" އަހަރެންގެ އަމިއްލަ ނަޒަރުން ، ސަލާމަތްވުމަށް އެހީވެދިނީތީ ވަރަށްބޮޑަށް ޝުކުރިއްޔާއެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީން ސަލާމަތްކުރަން ޙައިދަރު އެއްވެސް ކަމެއް ނުކުރާކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު ސަލާމަތްކުރީ އޭނާގެ އަމިއްލަ ނަފްސެވެ. ދިލްނަޝީންގެ އަބުރަށް އަރައިގަނެވި ، އިޙްތިރާމް ކަނޑައިލެވޭ ކޮންމެ ހިނދެއްގައި އޭނާ އެކަން ހުއްޓުވާނެކަމަށް ޙައިދަރު ބުންޏެވެ. އެއީ ، ޙައިދަރުގެ އަބުރަށާއި ޢިއްޒަތަށް އަދި އޭނާގެ އަމިއްލަ ނަފްސަށްވެސް ލިބޭ އުނިކަމެކެވެ. އެވާހަކަ ސާފުކޮށް އެންމެންގެ ކުރިމަތީގައި ބުނަން ޙައިދަރު ބޭނުން ނުވީއެވެ.
" ބުނެބަލާށެވެ ! ދިލްނަޝީންއެވެ ! އަހަރެންނާއި ދިލްނަޝީން ފިޔަވައި އެހެން އެއްވެސްމީހަކު ، އަހަރެމެންގެ ޙަޔާތުގައި ނެތްކަމުގައި ބުނެބަލާށެވެ. ކޮންމެކަމެއް ކޮންމެ ގޮތަކަށް އޮތަސް ، ދޮގުނުހަދާ ތެދަށް ބުނާށެވެ. ދޮގަކަށްވިޔަސް އެކަން އަހަރެންގެ ހިތުގެ އަޑީގައި ފޮރުވާފައި ބާއްވާނަމެވެ. ކިތަންމެބޮޑު ވޭނެއް ތަޙައްމަލުކުރަން ކެހުނަސް ހެވެވެ. އަހަރެން ، ދިލްނަޝީނަށް ވަޢުދުވަމެވެ. މިވާހަކަ ، މިއަދުންފެށިގެން އަހަރެންގެ ދުލުން އިތުރަކަށް ބޭރެއް ނުވާނެއެވެ. އެކަމާ ބެހޭގޮތުން ސުއާލެއް ނުކުރާނަމެވެ. ޙަޤީޤަތަށް ބުނާށެވެ ! " ޙައިދަރު ބުންޏެވެ.
ބުނާނީ ކީކޭކަމެއް ދިލްނަޝީނަކަށް ނުވިސްނުނެވެ. އޭނާހުރީ ބިރުންގޮސް ތުރުތުރު އަޅައަޅައެވެ. އިރުއިރުކޮޅުން ޙައިދަރާދިމާލަށް ބަލައިލެވެއެވެ. އެންމެފަހުން ، ފުންމާނޭވާއެއްލާފައި ، ޙައިދަރާ ކުރިމަތިލިއެވެ.
" އެކަމާބެހޭގޮތުން ، އަހަރެންބުނި ކޮންމެ ވާހަކަޔަކީ .............. ތެދެވެ. " ހިތްވަރު ކޮށްފައި ދިލްނަޝީން ބުންޏެވެ.
އަނެއްކާވެސް ، ދިލްނަޝީނަށް އިތުބާރުކޮށްފައި ، ދިލްނަޝީން އެބުނި ވާހަކަ ، އޭނާ ޔަޤީންކޮށްފިންކަމުގައި ޙައިދަރު ބުންޏެވެ. އަނެއްކާވެސް ، އޭނާ ދިލްނަޝީނަށް އިތުބާރު ކުރީއެވެ. ހިތާ ދެކޮޅަށެވެ. އެއީ ދިލްނަޝީނަށް ޙައިދަރު ދިން ދެވަނަ ފުރުޞަތެވެ. އެކަމަކު ، ތިންވަނަ ފަހަރަށް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ، އޭނާއަށް ކޮންމެފަދަ ކަމެއްވެސް ވެދާނެކަމަށް ޙައިދަރު ބުންޏެވެ.
ދިލްނަޝީން ޙައިދަރާގާތަށް ޖެހިލިއެވެ. ޙައިދަރަށްޓަކައި އޭނާގެ ފުރާނަ ދުއްވާލަންވެސް ތައްޔާރަށް ހުރިކަން އަންގައިލުމަށް ދިލްނަޝީން ބޭނުންވިއެވެ. ދިލްނަޝީންގެ މާޒީއަކީ ، މިހާރު އޭނާއާއެކީގައިވާ އެއްޗެއްނޫނެވެ. އެހުރިހާކަމެއް މިހާރު އޭނާ އެހުރީ ހިތުން އެއްކޮށް ފިލުވާލައިގެންނެވެ.
އެހެނަސް ، ދިލްނަޝީންގެ ޖަޒުބާތުތައް ޙައިދަރާ ހަމަޔަށް ގެންދެވޭގޮތެއް ނުވިއެވެ. ދިލްނަޝީން އޭނާގެ ހަށިގަނޑުގައި ބީހިލުމަށް ޙައިދަރު ، ފުރުޞަތެއް ނުދިނެވެ. ކުޑަވަގުތުކޮޅަކަށް އޭނާ އެކަނި ހުރެލަން ދޫކޮށްލަދިނުމަށް ޙައިދަރު އެދުނެވެ. ( ނުނިމޭ )
ދެރަ ކަމެކޭދޯ ! މި ހުންނަނީ މައިންބަފައިންގެ ފަރާތުން ދަރިންނަށްލިބޭ އަނިޔާއާއި ތަކުލީފު. ދިލްނަޝީނަށްވެސް ޙަމްޒާއަށްވެސް އަދި ޙައިދަރަށްވެސް އެލިބޭ ތަކުލީފަކީ އެމީހުންގެ މައިންބަފައިންގެ ފަރާތުން ލިބޭ އަނިޔާ
ވަރަށް ރީތި ޝުކުރަން
ތިޔަ ދޮގުހުވާކުރަން ނޫޅެ ، ޙައިދަރަށް ހުރިހާ ވާހަކައެއް ކިޔައިދިންނަމަ ދިލްނަޝީން. ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެ. ޙައިދަރުގެވެސް މާޒީއެއް އެބައޮތް. ޕޮއިންޓަކީ ، ޙައިދަރާ އިންފަހުން ދިލްނަޝީނެއް ޙައިދަރަށް ބޭވަފާތެރިއެއް ނުވޭ. ޙައިދަރުގެ ވިސްނުން އެއްގޮތަކަށްވެސް ކަމަކުނުދޭ.
ޗުއްޕު ވިދާޅުވީ ވަރަށް ރަނގަޅުވާހަކައެއް، ހައިދަރުގެ މާޒީ
މާނުބައި މިހުރިހާ ހައިޖާނެއް މިޖެހެނީ އެހެންވެ!