ބްރޯޑްކޮމް އަށް ސަރާހަތާއި މުހައްމާ ހޮވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އާމިނަތު ސަރާހަތު ޢިއްޒަތާއި މުހައްމަދު ޢަބްދުﷲ (މުހައްމާ) އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހޮވަން ވޯޓަށް އެހީ ކޮމިޓީން ވޯޓު ދީފައިވާ ތަރުތީބުންނެވެ. އެންމެ ފުރަތަމަ ވޯޓަށް އެހީ ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ސަރާހަތު ޢިއްޒަތަށެވެ. އޭނާ ހޮވަންފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ހޮވަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އެހުމުން ފާހެއް ނުވިއެވެ. ޝިފްޒާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވިއެވެ.

ކޮމިޓީ ލިސްޓުގައި ތިން ވަނައަށް އޮތް މުހައްމަދު ޢަބްދުﷲ (މުހައްމާ) އަށް ވޯޓަށް އެހުމުން އޭނާ ހޮވަން ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

ސަރާހަތާއި މުހައްމާ ހޮވަން ފާސްވުމާއެކު އިތުރު މެންބަރަކަށް ވޯޓަށް ނާއްސަވާނޭ ކަމަށް ރިޮޔާސަތުން އިއުލާނު ކުރެއްވިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހޮވިވަޑައިގަތް ދެ ބޭފުޅުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އާއި މެންބަރު ޢަލީ ޔޫސުފްގެ ދައުރު ހަމަވުމާ ގުޅިގެން، އެ ދެ ބޭފުޅުންގެ ބަދަލުގައި ހޮވި ދެ ބޭފުޅުންނެވެ.

ހުސްވީ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބާރަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ހުށަހެޅުނެވެ. ރައީސް ހުށަހެޅުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ޢަބްދުﷲ (މުހައްމާ) އާއި އިބްރާހީމް މުޢާޒްގެ ނަންފުޅެވެ.

ކޮމިޓީން މާކްސް ދެއްވިއިރު ފާސްވާ ވަރަށް މާކްސް ނުލިބޭތީ މުޢާޒްގެ ނަން ވަނީ ކަޓައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.