ވިހަ ތީރު (40)

(13 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)

( ދިލްނަޝީން އެދުނީ ، ޙައިދަރުގެ ކާނާވެސް އަވަހަށް ގެންގޮސްދިނުމަށެވެ. ޙައިދަރުގެ އިންތިޒާރަށް ލަސްނުކޮށް ނިމުން ގެނެސްދިނުމަށެވެ. ދިލްނަޝީން ކާކަށް ބޭނުމެއް ނުވިއެވެ. އެވަގުތު އޭނާގެ ހިތަށްވީ ތަދު އިޙްސާސްކޮށްލުމަށްޓަކައި ، ކާމޭޒުދޮށުގައި އިރުކޮޅަކު މަޑުކޮށްލިއެވެ.)

" ކުރިން ކައިއުޅުނުގޮތަށް ، ދެމީހުން އެއްތަށިން ކަމާހެއްޔެވެ ؟ އެއްތަށިން ކައިއުޅެންޏާ ލޯބި އިތުރުވާނެކަމަށް މީހުން ބުނެ އުޅެއެވެ. " މެހެމަލް ބުންޏެވެ.

ލޯބި އިތުރުކޮށްގެން އެމީހުންކުރާނީ ކީއްތޯ ، ޙައިދަރު ސުއާލު ކުރިއެވެ. މިހާރު ހިނގަމުންމިދާ ކަންތައްތަކުން މެހެމަލްއަށް ނުފުދެނީ ހެއްޔެވެ ؟ މެހެމަލްއަށް ދޭޏެޖަވާބެއް ނޭނގުނެވެ. ދެމީހުންވެސް ކާން ފެއްޓިއެވެ.

ކުޑަކުޑަކޮށް ލަސްވީ ނޫންހެއްޔޭ ބުނެ ، އަނެއްކާވެސް މެހެމަލް ވާހަކަ ފެއްޓިއެވެ. މެހެމަލްގެ މަޤްޞަދަކީ ، ވާހަކަ ދައްކައިގެންނަމަވެސް ، ޙައިދަރު އޭނާގާތުގައި ގިނައިރު ކުރުމެވެ. މެހެމަލްމެން ގެޔަށް ވަދެގެން އައިއިރު ، އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ، ކާމޭޒުދޮށުގައި ދިލްނަޝީން އިންތަން މެހެމަލްއަށް ފެނުނެވެ.

" ދިލްނަޝީން ، ހާދަމީރުކޮށް އަހަރެންނަށް ކާއެއްޗެތި ހަދައިދީފިއެވެ. " ކަމުންކަމުން ، ޙައިދަރު ބުންޏެވެ.

އާނއެކެވެ. މެހެމަލް ޖަވާބުދިނެވެ. ދިލްނަޝީން ކެއްކީ ، ހިތުގެއަޑިން އެކަމަށް އެދިގެންނޫން ހެއްޔެވެ ؟ އެހާ މީރުއެވީ އެހެންވެއެވެ. ދިލްނަޝީނަކީ ހާދަ ނަޞީބުގަދަ ކުއްޖެކެވެ. ޙައިދަރަށް ކޮށްދޭން ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމުގެ ފުރުޞަތު ، ދިލްނަޝީނަށް ލިބިފައި އެބައޮތެވެ. މެހެމަލް އެހުންނަނީ ، ކުލްސޫމްދެކެ ބިރުން ، ޙައިދަރަށް ކަމެއްކޮށްލަދޭން ނުކެރިފައެވެ. އެހެންނޫންނަމަ ، އޭނާވެސް ޙައިދަރަށް ކާއެއްޗެތި ހަދައިދޭހިތްވާކަމަށް މެހެމަލް ބުންޏެވެ.

އޭނާއަށް އެހުރިހާ އުނދަގުލެއް މެހެމަލް އެކުރަނީ ކީއްވެތޯ ޙައިދަރު ސުއާލު ކުރިއެވެ. މެހެމަލްއަށް އެދެއްކޭ ވާހަކަޔަކީ އަދި އެއުޅެވޭގޮތަކީވެސް ޙައިދަރަށްޓަކައި އޭނާއަށް ކުރެވޭ ކަންކަމެވެ. އެކަންކަން އެގޮތަށް ނުކުރުމަށް މެހެމަލްގެ ކިބައިން ޙައިދަރު އެދުނެވެ. އެހެނަސް ، އެއީ މެހެމަލްގެ ހިތްއެދޭނެގޮތެއްނޫނެވެ. ހިތަށް އެކަން ވިސްނައިދީ ، އެއްބަސް ކުރުވުމަށް ޙައިދަރު ބުންޏެވެ. ހިތްއެކަމަށް އެއްބަސްނުވިނަމަ ، ޙައިދަރު އެ ހެދިގޮތަށް ހުރިހާކަމެއް ހަނދާނުން ފުހެލާށެވެ. މެހެމަލްގެ ހިތަށް އެކަން ވިސްނައިދޭންވީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ.

" އެނޫން އެހެން އެއްވެސްގޮތެއް އަހަރެމެންނަކަށް ނެތެވެ. " ޙައިދަރު ބުންޏެވެ.

ލޯބީގައި ، ހެދޭނެގޮތްގޮތާއި ކުރެވޭނެކަންކަން ނުއޮންނާނެކަމަށް ޙައިދަރުގެ ވިސްނުމަށް އައީ ކޮންއިރަކުތޯ މެހެމަލް ސުއާލު ކުރިއެވެ. އެއީ ޙައިދަރަށް އިތުރު ގޮތްގޮތް ނުވިސްނުނު ކަމެކެވެ. ލޯބި ޙާޞިލްކުރުމަށްޓަކައި ، ކުރެވޭނެ އެތައްކަމެއް ހުންނާނެކަމަށް ، ޙައިދަރު އައީ މެހެމަލްގާތު ، ކުރިން ބުނަމުންނެވެ.

" އަހަރެންގެ ވިސްނުން ބަދަލުކުރުމަށް މަޖުބޫރު ކުރުވީ މެހެމަލް އެވެ. އެހެންވީމާ ، އެއީ ހެދޭނެ އެހެންގޮތެއް ނޯންނާނެކަމެއްކަމަށް އަހަރެންވެސް މިހުރީ ނިންމައިގެންނެވެ. މެހެމަލްވެސް ކަންކުރީ އެގޮތަކަށްނޫން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

އެކަން އެހެން އޮތްކަމަށްވަންޏާ ، މެހެމަލްގެ ލޯތްބަކީ ، ޙައިދަރަށް އެހެންގޮތެއް ނެތްކަމެއްކަމަށް ނިންމުމަށް މެހެމަލް އެދުނެވެ. އެހެނަސް ، އެއީ އޭނާއަށް މިހާރު ކުރެވެން އޮތްކަމެއްނޫންކަމަށް ޙައިދަރު ބުންޏެވެ. މެހެމަލް ، އެނބުރި އައުން މާލަސްވީއެވެ. އެއީ މެހެމަލްއަށް ޤަބޫކުރަން އުނދަގޫ ކަމެކެވެ. ލޯތްބަކީ ، ލަސްވެގެން ބަދަލެއް އަންނާނެ ގުޅުމެއްނޫނެވެ. ލޯތްބަކަށް ލަހެއްނުވާނެއެވެ. މެހެމަލް އެދަމާ ހާސަރުތައް އެއީ ޙައިދަރަށް އެހާ މުހިންމުކަމެއްނޫންކަން ދެއްކުމަށް ޙައިދަރު މަސައްކަތް ކުރިއެވެ.

ކައިގެން ، ބޭސްކައިގެން ނިދާށޭ ބުނެ އެކޮޓަރިން ނުކުންނަން ޙައިދަރު ތެދުވިއެވެ. މެހެމަލް ބޭނުންވާވަރަށް އޭނާގާތު ޙައިދަރެއް ނުހިފެހެއްޓުނެވެ.

" ބަލިމީހުންގެ ހިތަށް ބޭނުންވާނީ ބޭހެއްނޫނެވެ. ލޯތްބެވެ. " މެހެމަލް އަނެއްކާވެސް ވާހަކަ ފެއްޓިއެވެ.

ނަޞީބު ކަންދިމާކުރިގޮތުން ، ޚުދު ޙައިދަރަކީވެސް ބަލިމީހެކެވެ. ނަޞީބުގެ ވަޞީލަތުން އިންސާނާގެ ހިތަށްލިބޭ ތަދަކީ ވަރަށް ވޭންއަޅާ ތަދެއްކަމަށް ޙައިދަރު ބުންޏެވެ. އިރުއިރުކޮޅުން ދޮރުގައި ޓަކިދީފައި ފިލައިގެން ދާނެއެވެ. ދޮރުހުޅުވައިލާއިރު ، ބޭރުގައި އެއްވެސްމީހަކު ނުހުންނާނެއެވެ.

މެހެމަލް ގުދުވެލައި ، ޙައިދަރުގެ އަތުގައި ހިފައި އެއަތް އޭނާގެ މުށުތެރެޔަށް ލިއެވެ. އަދި ، އޭނާ ޙައިދަރުގާތަށް އެއައީކަމަށް ބުންޏެވެ. ޙައިދަރުގެ ލޯބީގެ ދުނިޔޭގައި ، މިހާރުގެ ދުނިޔެއަށްވުރެ ، ކުރީގެ ދުނިޔޭގެ ބަރުދަން މާބޮޑުވާނެއެވެ. މެހެމަލް ދެން ދުވަހަކުވެސް ޙައިދަރު ދޫކޮށްލާފައެއް ފިލައިގެންނެއް ނުދާނެއެވެ. އެދެމީހުންނަކީ ، މާޒީން އެދެމީހުންނަށް ލިބިފައިވާ ބަލިމަޑުކަމަށް ، ފަރުވާލިބޭގޮތަށް ، އެކަކުއަނެކަކަށްޓަކައި ލެއްވިފައިވާ ބޭހެއްކަމަށް މެހެމަލް ބުންޏެވެ.

މެހެމަލްގެ މުށުތެރެއިން ، ޙައިދަރުގެ އަތްދަމައިގަތެވެ. އަދި ، މެހެމަލް އަށް ބޭހުގެ ބޭނުންޖެހިފައިވާކަމަށް ބުނެ ، ނާސްތާއަށްފަހު ، ބޭސްކާން ހަނދާން ކޮށްދެމުން ، ޙައިދަރު އެކޮޓަރިން ނުކުތެވެ.

ޙައިދަރު ބޭރަށް ނުކުތްއިރުވެސް ، ދިލްނަޝީން އިނީ ޙައިދަރުގެ އިންތިޒާރުގައި ކާމޭޒުދޮށުގައެވެ. ތިރިޔަށް ފައިބައި ، ދިލްނަޝީންގާތު ބުނާނީ ކީކޭކަމެއް ޙައިދަރަކަށް ނޭނގުނެވެ. ޙައިދަރަށް އަހައި ލެވުނީ ، ދިލްނަޝީން އެތާ އެއިނީ ކީއްވެތޯއެވެ ؟ ދިލްނަޝީންގެ ޖަވާބު ވަރަށް ސާފެވެ. ދިލްނަޝީން އެއިނީ ޙައިދަރުގެ އިންތިޒާރުގައެވެ. މެހެމަލް ގޮވައިގެން ގެޔަށްވަދެގެންދިޔައިރު ، ދިލްނަޝީން އެތާއިންތަން އޭނާއަށް ނުފެނުނަތީ ، ދިލްނަޝީންގެ ކިބައިން ، ޙައިދަރު މަޢާފަށް އެދުނެވެ.

" އިންސާނެއްގެ ނަޒަރުގައި އެހެންމީހަކު އޮވެއްޖެނަމަ ، އެހެން އެއްވެސް އެއްޗެއް އެމީހަކަށް ނުފެންނާނެއެވެ. " ދިލްނަޝީން ބުންޏެވެ.

އެހެންވިއްޔާ ދެން ކާލާށޭ ބުނެ ޙައިދަރު ހިނގައިގަތްތަނާ ، މަރުވެއްޖެއޭ ބުނެ ދިލްނަޝީން ޖަވާބު ދިނުމުން ، ޙައިދަރު ކުއްލިޔަކަށް ހުއްޓުނެވެ. އަދި ، ދިލްނަޝީން އެބުނީ ކީކޭތޯ އަހައިލިއެވެ. އޭނާ ކާހިތް ކެނޑުނީކަމުގައި ދިލްނަޝީން ބުންޏެވެ. ބަނޑުހައިކަން ނެތިދިޔައީކަމުގައި ބުނަމުން ، އެތަނުން ތެދުވެގެން ، ކޮޓަރިޔާދިމާލަށް ދިލްނަޝީން ހިނގައިގަތެވެ.

އޭނާގެ ދިރިއުޅުމަށް ވަމުންއެދާ ގޮތާމެދު ޙައިދަރު ވިސްނައިލިއެވެ. ބިތަށް ޖެހެމުން އައިސް އެތާހުރި ތަނބެއްގައި ލެނގިލިއެވެ. އަދި ، އޭނާއަށް އެހެދުނީ ގޯހެއްކަން ދެނެގަތެވެ. މެހެމަލްގެ ކަންކަމަށް މާބޮޑަށް ސަމާލުކަން ދެވެނީކަމުގެ އިޙްސާސް ކުރެވި ބޯ ހޫރައިލެވުނެވެ. އޭނާއަށް އެ ކުޅެވުނީ ދިލްނަޝީންގެ އުއްމީދުތަކާއެވެ. ހެނދުނުއްސުރެ ޙައިދަރަށް ތައްޔާރުކޮށްދިން ކާތަކެތި ، ދެމީހުން އެކުގައި ތިބެގެން ކާން ދިލްނަޝީންކުރި އުއްމީދުގައި އޭނާއަށް އެޖެހުނީ ކޮޅުފައިންނެވެ. އެކަމުގެ ސަބަބުން އޭނާއާމެދު ދިލްނަޝީންގެ ހިތުގައި އޮތް މަޤާމް ގެއްލުނީއެވެ. ކަންކަން ރަނގަޅުވަމުން ، ދެމީހުންގެ ގުޅުމަށްވެސް ހެޔޮ ބަދަލުތަކެއް އަންނަމުންދަނިކޮށް ، ޙައިދަރަށް އެކުރެވުނީ ވަރަށް ދެރަކަމެކެވެ. އެކަން ފޫބެއްދުމަށްޓަކައި ، ވާޏްޖެހޭ ޤުރުބާނީ ވަރަށް ބޮޑުވާނެއެވެ. ގުޅުމެއް އުފައްދައި އެގުޅުން ޤާއިމްކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތަށް ދުވަސް ނަގާނެއެވެ. އެހެނަސް ، ކުރެވޭ ވަރަށްކުޑަ ކަމަކުން އެގުޅުން ކެނޑިގެންދާކަށް އިރުތަކެއް ނުނަގާނެއެވެ.

ޙައިދަރު ކޮޓަރިޔަށް ދިޔައިރު ، ދިލްނަޝީން އިނީ އެނދުމަތީ އިށީނދެ ، ޙައިދަރާދިމާލަށް ބަލަހައްޓައިގެންނެވެ.

" ދިލްނަޝީންއެވެ !  ﷲ އަށްޓަކައި ބުނަމެވެ. ދިލްނަޝީނަށް ބޭވަފާތެރިވުމަށްޓަކައި ، އަހަރެން  އެއްވެސްކަމެއް ނުކުރަމެވެ. ކަންކަން އެގޮތަށް ނުނަގާށެވެ ! ތި ވިސްނަނީ އެންމެ ރަނގަޅަކަށްނޫނެވެ. " ޙައިދަރު ބުންޏެވެ.

ބޭވަފާތެރިވާން ޙައިދަރަށް ނުޖެހޭކަމުގައި ދިލްނަޝީން ބުންޏެވެ. ބޭވަފާތެރިކަމަކީ ، ވަފާތެރިކަމެއް އުފެދިފައި އޮންނަ ގުޅުމަކުން އުފަންވާނެ ކަމެކެވެ. ވަފާތެރިވުމަށް ޙައިދަރަކަށް ފުރުޞަތެއް ނުލިބެއެވެ. އެހެންނޫނަސް ، ބޭވަފާތެރިކަމަކީ ލޯތްބަކާ ގުޅިފައި އޮންނާނެ ކަމެކެވެ. ޙައިދަރުގެ ހިތުގައި ދިލްނަޝީންގެ މައްޗަށް ލޯތްބެއް އުފެދުނީކީވެސް ނޫނެވެ. ދިލްނަޝީންގެ ވާހަކަތަކުން ، ޙައިދަރަށް އަސަރު ކުރިއެވެ. އަދި ، ދިލްނަޝީން އެވިސްނަނީ ރަނގަޅަށް ނޫންކަމުގައި ބުންޏެވެ. އެކަން އޮތީކީ އެގޮތަކަށްނޫނެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ އަންހެނުންނެވެ. ދިލްނަޝީނަށް ޙައިދަރުގެ ހިތުގައި ޖާގައެއްނެތްކަމަށް ބަލައިގެން ނޫޅުމަށް ޙައިދަރު އެދުނެވެ.

" އަހަރެންނަކީ ، ޙައިދަރުގެ އަނބިމީހާކަމަށް ވެދާނެއެވެ. ޙައިދަރުގެ ހިތުގައި އަހަރެންގެ މައްޗަށް ޖާގައެއް އޮވެދާނެވެސް މެއެވެ. އެހެންނަމަވެސް ލޯތްބެއް ނެތެއްނޫން ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

އެކަމާބެހޭގޮތުން އިތުރަށް ބަހުސްކުރާކަށް ޙައިދަރު ބޭނުމެއް ނުވިއެވެ. ޙައިދަރަށް އެއީ ބަޙުސަކަށް ވެދާނެއެވެ. އެހެންނަމަވެސް ، ދިލްނަޝީނަށް އެއީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް މުހިންމު ސުއާލެއްކަމަށް ދިލްނަޝީން ބުންޏެވެ.

" މެހެމަލްގެ މައްޗަށް އަހަރެންގެ ހިތުގައި އުފެދިފައި އޮތް ލޯތްބަކީ ، މާކުރީގެ ކަމެކެވެ. އެކަން އެއީ މާބޮޑުކަމެއްގެ ގޮތުގައި ވިސްނައިގެން ، ދިލްނަޝީނަށް އުނދަގޫވަނީނޫން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަށް އޮތް ލޯތްބަކީ ، މާކުރީގެ ކަމަކަށް ވެދާނެއެވެ. އެކަމަކު ، ދިލްނަޝީނަށް އެނގޭގޮތުގައި މެހެމަލްގެ ހިތުގައި ޙައިދަރުގެ މައްޗަށް އޮތް ލޯތްބަކީ ، މާކުރިންވެސް އަދި މިހާރުވެސް މެހެމަލްގެ ހިތުގައި އޮތް ތާޒާ ލޯތްބެވެ. ދިލްނަޝީންގެ ހިތުގައިވެސް ޙައިދަރުގެ މައްޗަށް އޮތްފަދަ ލޯތްބެކެވެ. މެހެމަލްގެ އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އަލިފާންގަނޑެއްގެ އެއްފަރާތުގައި ހުރެގެން ވާ ހޫނަށްވުރެ ، އަލިފާންގަނޑުގެ މެދުގައި ހުރުމުން ލިބޭ ހޫނުގަދަވާނެއެވެ. ސަލާމަތްވާނެ މަގުވެސް ދަތިވާނެކަމަށް ދިލްނަޝީން ބުންޏެވެ.

" އަހަރެން ، ގޮތެއްނިންމައިފީމެވެ. މެހެމަލްގެ ހިތުގައި ޙައިދަރުގެ މައްޗަށް އޮތް ލޯބީގެ ހޫނުން ސަލާމަތްވެގެން ، އަހަރެންނާ ހަމަޔަށް އާދެވިއްޖެނަމަ ، ޙައިދަރަކީ އަހަރެންގެ މީހެއްކަމަށް އަހަރެން ބަލައިފާނަމެވެ. އަދި  އެއްކަމެއް އެބަ އޮތެވެ. އަހަރެންގެ ހިތުގައި ޙައިދަރުގެ މައްޗަށް ލޯބިއުފެދި ، ޙައިދަރުގެ މީހަކަށްވުމަށް އަހަރެންނަށް ޙައިދަރު މުއްދަތެއް ދިންގޮތަށް ، ޙައިދަރުގެ ހިތުގައި އަހަރެންގެ މައްޗަށް ލޯބި އުފެއްދުމަށް އަހަރެންވެސް ޙައިދަރަށް މުއްދަތެއް ދޭނަމެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެރެޔާހަމަޔަށް ނިދަމުންއައީ  ، ޙައިދަރާ އެއް އެނދެއްގައެވެ. އެހެނަސް ، އެނދުމަތީއޮތް ބާލީސް ނަގައި ، ދިލްނަޝީން އެންމެ ފުރަތަމަ އެގެޔަށް އައިސް ނިދަމުން އައި ޑޭބެޑްގައި ނިދަން އޮށޯތެވެ.

ފަތިސްނަމާދުކޮށްލައިގެން ކީރިތި ޤުރުއާން ކިޔަވަން އިނުމަކީ ކުލްސޫމްގެ އާދައެކެވެ. ޙައިދަރަށް ހޭލެވުނީ ސޯނާގެ އަޑަށެވެ. ދެލޯހުޅުވައި ބަލައިލިއިރު ، އެނދުގައި ދިލްނަޝީނެއް ނެތެވެ. ދިލްނަޝީން ނިދާފައިއޮތީ ، ޑޭބެޑްގައެވެ. ގައިމަތީ ރަޖާގަނޑެއްވެސް ނެތެވެ. ދިލްނަޝީން އޮތީ ފިނިވެގެން ކުރުގެޅިފައެވެ. އެނދުމަތީ އަޅާފައި އޮތް ރަޖާގަނޑު ނަގައިގެން ގޮސް ، ދިލްނަޝީންގެ ގައިމަތީ އަޅައިލަ ދިނެވެ. ޙައިދަރު ދުރަށް ދިއުމުން ، ދިލްނަޝީން ލޯހުޅުވައިލިއެވެ. އޭނާއޮތީ ނިދާފައެއް ނޫނެވެ.

ކުލްސޫމް ، ކީރިތި ޤުރުއާން ކިޔަވަން އިންދައި ޙައިދަރު އެތަނަށް އައިސް ، މަންމަޔަށް ސަލާމް ގޮވައިލިއެވެ. ޙައިދަރުގެ ސަލާމް ބަލައިގަތުމަށްފަހު ، ޙައިދަރު ރޭގަނޑު ގެޔަށް އައީ ކިހާއިރަކުތޯ ކުލްސޫމް ސުއާލުކުރިއެވެ. ޙައިދަރު އެރޭ ގެޔަށް އައީ މެންދަމު 12 ޖަހައި އެހާކަށްހާ އިރުއެވެ. ދެން ، ހަދަންތިއުޅެނީ ކޮންގޮތެއްތޯ ކުލްސޫމް ސުއާލު ކުރިއެވެ. ކުލްސޫމް އެކުރީ ކޮން ސުއާލެއްކަމެއް ޙައިދަރަކަށް ނޭނގުނެވެ.

" އަހަރެން ސުއާލު މިކުރީ ، ޙައިދަރުގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. ޙައިދަރުގެ ދިރިއުޅުން ޤުރުބާންކޮށްފައި ، އެ އަމިއްލަ އެދުންބޮޑު އެ އަންހެނާއާއެކީ ވަގުތުހޭދަކުރުން ނޫންކަމެއް ޙައިދަރަކަށް ނެތެވެ. " ހިތްހަމަ ނުޖެހި އިނދެ ކުލްސޫމް ބުންޏެވެ.

އާދުވަހަކަށް އެރިއިރާއެކީ ، ހިތަށް އުނދަގޫވާ އެކަހަލަ ވާހަކަތަކަކުން ދުވަސް ފަށާކަށް ، ކުލްސޫމްވެސް ބޭނުމެއް ނޫނެވެ. މަންމަގެ ކަންބޮޑުވުމަކީ އެކަށީގެންވާކަމެއްކަމަށް ، ޙައިދަރުވެސް ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، އޭނާގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސްކަމެއް ނުކުރާނެކަމަށް ޙައިދަރު  ބުންޏެވެ. ޙައިދަރު އެހެން ބުނިނަމަވެސް ، އަދި ވަމުންދާގޮތް ޙައިދަރަށް ނުވިސްނުނުނަމަވެސް ، އެކަން ހިނގަމުންއެދަނީ އެމަގުންކަމުގައި ކުލްސޫމް ވިސްނައިދިނެވެ. ރޮވިފައި އިނދެ މަންމަ ދައްކަމުންގެންދިޔަ ވާހަތަކުން ، ޙައިދަރުވެސް ކަންބޮޑުވިއެވެ.

" އަހަރެންމީ ޙައިދދަރުގެ މަންމައެވެ. ޙައިދަރަށް ނުފެންނަ އެތައްތަނެއް އަހަރެންނަށް އެބަ ފެނެއެވެ. ކުޑަކުދިންކުޅޭ އެއްޗެއްހެން ، ޙައިދަރުގެ ހިތް މެހެމަލްގެ އަތްމައްޗަށް ދޫކޮށްލައިގެން ، މެހެމަލް ބޭނުންގޮތަކަށް އެހިތާ ކުޅެމުންދާން ތިހުންނަނީ ދޫކޮށްލައިގެންނެވެ. އެއީ ކިހާމަކަރުވެރި އަންހެނެއްކަމެއް ޙައިދަރުގެ ހަނދާނަކު މިހާރަކު ނެތެވެ. އެހުރިހާކަމެއް މިހާރު ތިހުރީ ހަނދާން ނައްތައިލައިގެންނެވެ. ހިތްއުފާ ކޮށްލަން ބޭނުންވީމާ އުފަލުން ކުޅެލާފައި ، ހިތްހަލާކޮށްލަން ބޭނުންވީމަ ހަލާކުކޮށްލާއިރު ، ޙައިދަރުގެ ހިތަކީ މިހާރު އެހެންމީހެއްގެ ޙައްޤެއްކަން ، ޙައިދަރަކަށް ނުވިސްނެއެވެ.  ދަރިފުޅާއެވެ ! ޓެސްޓަކީ އެތައްފަހަރަކު ކުރަން އޮންނަ އެއްޗެއްނޫނެވެ. އެކަންކުރާނީ މޮޔައިންނެވެ. ފައިސާގެ ދަހިވެތިކަމުގައި ޙައިދަރުގެ ލޯބީގައި ކޮޅުފައިންޖަހައި ، ޙައިދަރުދޫކޮށްލާފައި ދިޔަ އެއަންހެނާ ، އެފައިސާތައް ދޫކޮށްލާފައި ޙައިދަރުގެގާތަށް އެނބުރި އެއައީ ، އުފާވެރިދިރިއުޅުމެއް ޙައިދަރު ފެށީމާ އެ ދިރިއުޅުން ބަރުބާދުކޮށްލަން ވެގެންނެވެ. އެނޫން އެހެން އެއްވެސް މަޤްޞަދެއް އެއަންހެނާގެ ނުވެއެވެ. " ކުލްސޫމްގާތަށް ރުޅިއަންނަމުން ދިޔައެވެ.

އެ އަންހެނާ ، ޙައިދަރު ބަލައިގަނެގެން ނުވާނެއެވެ. ޙައިދަރުގެ ކަމަކަށްވާނީ ، އޭނާ އެއައި ތާކަށް އަނބުރާ ގެންގޮސްދިނުމެވެ. އެއީ ، އެތައް ދުވަހެއްގެ ކުރިން ، އޭނާ އަމިއްލަޔަށް ، ފައިސާގެ ދަހިވެތިކަމުގައި އިޚްތިޔާރުކުރި ތަނެކެވެ.

" އެކަން ކުރުމަށް ޙައިދަރަކަށް ނުކެރޭނެއެވެ. އެކަން މަންމަޔަށް އެނގެއެވެ. ގޭތެރޭގެ ދިރިއުޅުމުގެ ކަންކަން ޙައްލުކުރަން މަންމަޔަށް ދޫކޮށްލާށެވެ ! ޙައިދަރުގެ އަނބިމީހާއަށް ހުރިހާ ސަމާލުކަމެއް ދޭށެވެ ! ދިލްނަޝީންގެ ހިތް ޙައިދަރުގެ މައްޗަށް ހުސްވެގެން އެދިޔައީ ވަރަށް އުނދަގުލުންނެވެ. ޙައިދަރުގެ ލޯތްބާއި އަޅައިލުމުގެ ޙައްޤު ފަރާތަކީ ދިލްނަޝީނެވެ. " ކުލްސޫމްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ދިލްނަޝީންގެ އެއްވެސް ޙައްޤެއް ، އޭނާއަށް ފުރިހަމަކޮށްނުދީ ދޫކޮށްލާފައި ނުވާނެކަމަށް ޙައިދަރު ބުންޏެވެ. އަދި ކުރިޔަށް އޮތްތާނގައިވެސް ، ދިލްނަޝީނަށް އޭނާގެ ފަރާތުން ލިބެންޖެހޭ އެއްވެސް ޙައްޤެއް ފުރިހަމަކޮށްނުދީއެއް ނުހުންނާނެއެވެ. އެކަން އެގޮތަށް ކޮށްގެން ، ޙައިދަރު އެ ފުރިހަމަކޮށްދޭ ކަމަކީ ، ޙައިދަރުގެ އަމިއްލަ ނަފުސަށް ކޮށްދޭކަމެއްކަމަށް ކުލްސޫމް ބުންޏެވެ. ކައިވެންޏެއްކޮށް ދަރިޔަކުލިބި ، ވަރިވެފައިހުރި ބޭވަފާތެރި އަންހެނަކު ، ކުލްސޫމްގެ ޅީދަރިއެއްގެ ގޮތުގައި ، އެއްވެސް ޙާލެއްގައި ބަލައެއް ނުގަންނާނެއެވެ. އެކަން ، ޙައިދަރަށް އޭނާ ޔަޤީންކޮށްދިނެވެ. މެހެމަލްފަދަ ، ބޭވަފާތެރި އަމިއްލައެދުންބޮޑު އަންހެނަކު ، އޭނާގެ ގޭގައި ދިރިއުޅޭކަށް ، ކުރިންވެސް އަދި މިހާރުވެސް ފުރުޞަތެއް ނުދޭނެއެވެ. އަދި ، ޙައިދަރުގެ ހިތުން ޖާގަހޯދައިގެން ، ޙައިދަރުގެ ދިރިއުޅުން ބަރުބާދުވެގެންދާންވެސް ، އޭނާ ދޫކޮށެއްނުލާނެއެވެ.

" މިގެޔަކީ ، އަހަރެންގެ ޅީދަރިފުޅު ދިލްނަޝީންގެ ގެޔެވެ. ޙައިދަރަކީ ދިލްނަޝީންގެ ފިރިމީހާއެވެ. މިގޭގައި އިތުރު އަންހެނަކަށް ޖާގަޔެއް ނުދޭނަމެވެ. " ކުލްސޫމް ގާތަށް އައިސްހުރީކީ އަމަށަކު ރުޅިއެއްނޫނެވެ.

ހޭލައިގެން ރީތިވެގެން ، މެހެމަލްގެ ކޮޓަރިޔަށް ދިލްނަޝީން އައިސް އެކޮޓަރިޔަށް ވަނުމުގެ އިޒުނަޔަށް މެހެމަލްގެ ކިބައިން އެދުނެވެ. އޭރު ، ދިލްނަޝީންހުރީ ކޮޓަރިތެރެޔަށް ވަދެއެވެ. ވަންނާށޭ ބުނަމުން ، ދިލްނަޝީން އެހުރީ ކޮޓަރިތެރެޔަށްވަދެކަން ، މެހެމަލް ހަނދާންކޮށްދިނެވެ. މެހެމަލްގެ ވާހަކަ ނުނިމެނިސް ، އެގެޔަކީ އޭނާގެ ގެ ކަމަށާއި ، އޭނާ ބޭނުންކޮންމެ އިރަކު ކޮންމެތާކަށްވެސް ވަދެނުކުމެ އުޅުމުގެ ޙައްޤު އޭނާއަށް އޮންނާނެކަން ދިލްނަޝީންވެސް މެހެމަލްއަށް ހަނދާންކޮށްދިނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.