ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅެއް އަޅައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤުރީރުކުރައްވަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި، މުސްލިމް އަދި ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ، ތާރީޚުން އަޅުގަނޑުމެންގެ މައްޗަށް ހަރުކަށި ޙުކުމް ކުރާނެ،" އެއްބައިވަންތަކަމާއި މާނަހުރި ބަދަލަކަށް މި ސަމިޓް ބަދަލުކުރުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިންޒާރުކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ ޢަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރައްވާފައެވެ. އަދި މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ދިގުލައި ގޮސްފައިވާ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭކަން ފާހަގަކުރައްވައި، "ފުދިއްޖެ" ކަމަށާއި، "ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަން ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި އިސްތިޢުމާރީ އަޅުވެތިކަމާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމު ކުށްވެރިކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ 75 އަހަރު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދގެ ޖަމިއްޔާ (ޔޫ.އެން.އާރް.ޑަބްލިއު.އޭ.)، އިޒްރޭލުން ރޫޅާލިރޫޅާލުންވެސް ކުށްވެރިކުރައްވާފައެވެ. އެއީ އިންތިހާއަށް މުހިންމު ޖަމިއްޔާއެއް ކަމަށާ، އެ ޖަމިއްޔާއަށް ބޭނުންވާ އެހީ ދިނުމުގައި ދެމިތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

މިމައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރަކާތްތެރިކަމާއި އަޅާލުންކުޑަކަމާއި، ވަކިން ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޢަމަލުތައް ފާހަގަކުރައްވައި، ވީޓޯގެ ބާރުބޭނުންކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސްއެޅި، ހަނގުރާމައިގެ ޖަރީމާތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި މުސްލިމް އަދި ޢަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށެވެ. މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.