20 September 2024 (Friday) - 02:07

ޑޮކްޓަރީ ބޭސް އަގުބޮޑުކޮށް ވިއްކުން ހުއްޓުވުމަށް ރައީސް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައިފި

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީސްމީޑިޔާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައި ވެއެވެ.

މިކަމަށް ފިޔަވަޅު އެޅުއްވުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވެއެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމުގައި ވެސް މި ޕޯސްޓުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.