ޓެލެތޯނަށް ލިބުނު ފައިސާ އދ.ގެ އިދާރާ އަންރުއާއަށް ޖަމާކޮށްދީފި

"ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ހުރިހާ ފައިސާއެއް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާގެ އެކައުންޓަށް ދިވެހި ސަރުކާރުން ޖަމާކޮށްދީފިއެވެ.

މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ އިން ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް، ޕީއެސްއެމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓެލެތޯނަށް 19،309،468.0.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޓެލެތޯނުން ލިބުނު އެ ހުރިހާ ފައިސާއެއް ޖަމާކޮށްފައިވަނީ މާލީ ވުޒާރާއާއި، މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޓެލެތޯނަށް ޢާންމުގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ޢާންމު ރައްޔިތުންގެ އިތުރުން ސަރުކާރުގެ އެންމެ އިސްވެރިންނާއި، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުންވެސް އެހީ ދީފައިވެއެވެ.

ޓެލެތޯންގެ ކާމިޔާބީއާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކުކަމަށެވެ. އެގޮތުން މީޑިއާތަކާއި ސަރުކާރާއި ދަޢުލަތުގެ އެކި އިދާރާތަކުގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޒީނާ ޝުކުރު އަދާކުރެއްވިއެވެ.

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޓެލެތޯން ކުރިއަށްގެންދިޔައީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.