ވިހަ ތީރު (13)

( 11  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ސިފައިންނާއެކީ ، ދިލްނަޝީނާއި އައްވަލަށް ދާންޖެހުނީ އެހެންވެގެންނެވެ. އަނީސާގެ ދޮގަށް ، އެގެޔަށް އެއައި އަންހެނާ ޝައްކުކުރިނަމަވެސް ، އިތުރު އެއްޗެކޭ ބުނެއެވެ. ޢާފިޔާއަށް ގޮވައިގެން ގެނެސް ، ސައިދީފައި އެއަންހެންމީހާ ފޮނުވައިލަން އަނީސާ މަސައްކަތް ކުރިއެވެ. )

ދިލްނަޝީންގެ ޚަބަރެއް ނުވެގެން ، ޙަމްޒާހުރީ ދެކޮޅަށްދެކޮޅަށް ހިނގަހިނގައެވެ. ފޯނުކޮށްކޮށް ، ދިލްނަޝީން ފޯނެއް ނުނަގައެވެ. ރިދާލައްވާވެސް ، އެތައްފަހަރަކު ގުޅައިފިއެވެ. އެންމެފަހުން ، ދިލްނަޝީންމެންގެ ގެޔަށް ދިއުމަށް ޙަމްޒާ ނިންމިއެވެ. ދިލްނަޝީން އުޅެނީ ކޮންޙާލެއްގައިތޯ ނުބަލައި ، ޙަމްޒާއަކަށް ކެތެއް ނުވިއެވެ. އެހެންނަމަވެސް ، އެކަން ރިދާ މަނާކުރިއެވެ. އެރޭގެ އެހާ ލަސްގަޑިއެއްގައި މީސްމީހުންގެ ގެޔަށް ދިއުންއެއީ ، ޙާލަތުގެ ގޮތުންވެސް ކުރަން އެންމެ ރަނގަޅުކަމެއްނޫންކަން ، ރިދާ އޭނާގެ ބޭބެއަށް ވިސްނައިދެމުން ގެންދިޔައެވެ. އެހާ ދެރަގޮތަކަށް އެކަން އެދިޔައީ ޙަމްޒާއާ ހުރެއެވެ. ޙަމްޒާގެ ޢަމަލުތައް ހުރިގޮތުންނެވެ. މަންމައާއި ބައްޕަޔަށް ، އެމީހުންގެ ރިޕޯޓް ކޮށް ، ސިފައިންގެޔަށް ފޮނުވައި ، އެހާ ނިކަމެތި ގޮތަކަށް ދިލްނަޝީންމެންގެ ޢާއިލާގެ އަބުރު ކަތިލެވިގެން އެދިޔައީ ، ޙަމްޒާއާ ހުރެއެވެ.

ޙަމްޒާއަށް ވިސްނައިދީގެން ، އެރޭ ގެއިން ނުކުމެގެން ނުދާނެގޮތެއް ހޯދޭތޯ ، ރިދާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ހެނދުނުވަންދެން އިންތިޒާރު ކުރުމަށް އެދުނެވެ. މަންމައާއި ބައްޕައާ ވާހަކަ ދައްކައިގެން ، އެމީހުން ރުއްސޭތޯ ރިދާ މަސައްކަތް ކުރާނެއެވެ. އެކަމަކު ، މުއްސަނދިކަމާއި ބޮޑާކަމުން ކިބުރުވެރިވެފައިތިބި ، އޭނާގެ މަންމައާއި ބައްޕަޔަށް ، ނިކަމެތިންގެ ހިތުގެ ވޭން އިޙްސާސްވާނީ ކިހާވަރަކަށްކަމެއް ރިދާއަކަށް ނޭނގެއެވެ. އޭނާއަށްވެސް ކުރެވޭނީ މަސައްކަތެވެ. ޙަމްޒާ ފޭހުނު އިލޮށިގަނޑު ، ޙަމްޒާގެ ލޮލަށް ހެރުމަކީ އޭނާ ކުރާނެކަމެއްނޫނެވެ. ރިދާ އާދޭސްކޮށްފައި ދެއްކި ވާހަކަތަކުގެ އަޑުއަހައި ، ހެނދުނުވީމަ ، ރިދާ ކޮލެޖަށްގޮސް ދިލްނަޝީނާ ދިމާކުރުމަށްފަހު ، ޚަބަރެއްކުރާނެކަމަށް ވަޢުދުވުމުން ، ޙަމްޒާ މައިތިރި ވިއެވެ.

 

ކުލްސޫމް ހުރީ ، ދިލްނަޝީނަށް ދޭން ތައްޔާރުކުރަން އޯޑަރުކުރި ގަހަނާގެ ޚަބަރެއްނުވެގެން ކަންބޮޑުވެފައެވެ. އެމީހުން ފޯނެއްވެސް ނުނަގައެވެ. އެއީ އެރޭގެ ލަސްގަޑިއެއްކަމަށާއި ފިހާރަ މިހާރު ހުންނާނީ ބަންދުކޮށްފައިކަން ، ޙައިދަރު ، އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ. ކުލްސޫމް ފޯނުކުރަނީ ، ފިހާރަޔަކަށްނޫނެވެ. އެތާގެ ވެރިމީހާގެ މޮބައިލް ފޯނަށެވެ. ހެނދުނުވަންދެން އިންތިޒާރު ކުރުމަށް ޙައިދަރު ، އޭނާގެ މަންމަގެ ކިބައިން އެދުނެވެ. އެހެނަސް ، ކައިވެންޏާގުޅޭ އެއްވެސްކަމެއް ފަސްމިނިޓަށްވެސް ލަސްކުރާކަށް ކުލްސޫމް ބޭނުމެއް ނުވެއެވެ. ގަހަނާގެ ކަންތައް ވަކިގޮތަކަށް ނުނިމެނިސް ، އަދި އެމީހާއާ ފޯނުން ވާހަކަ ނުދެއްކެނިސް ، ކުލްސޫމަކަށް އެރެޔަކު ނުނިދޭނެއެވެ. ކުލްސޫމް ބޭނުންވަނީ ، އެންމެ ފަހުގެ ޑިޒައިނަށް ، އަގުބޮޑުކޮށް ތަނޑުތަކާއި އަނގޮޓި ތައްޔާރު ކުރުމަށެވެ. ދެގުނަޔަށް ފައިސާ ދައްކައިގެން ކަމަށްވިޔަސް ، އެދުވަހުން އެދުވަހަށް އެކަން ނިންމަން ކުލްސޫމް ބޭނުންވެއެވެ. އެހެންނޫނީ ، އޭނާގެ ޅީދަރިފުޅަށް ދޭނެ ރަނގަޅު ހަދިޔާއެއް އޭނާއަކަށް ނުލިބޭނެއެވެ. އަތުގައިހުރި ރަނުގެ ގަހަނާތައް ޚާއްޞަކުރަން ބޭނުންވަނީ ، ކައިވެނިވާ ރެޔަށެވެ.

ޙައިދަރަށް އޭނާގެ މަންމަ އުޅޭގޮތް ފެނިފައި ، އެއުޅެނީ ކުޑަކުއްޖަކު ، ފުރަތަމަ ދުވަހު ، ސްކޫލަށްގޮސް އުޅޭނެގޮތަކަމަށް ބުނެ މަންމަޔަށް މަލާމާތް ކޮށްލިއެވެ. ރީތި ފަންސޫރަޔާއި ފޮތާ ފެނުނީމަ ، އެކުދިން އުފަލުން ނަށާނެއެވެ. އެއީ ، ކުލްސޫމަށް މައްސަލައެއްނޫނެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަމަކީވެސް ، ހަމަ އެކަހަލަ ކަމެކެވެ. އެފަދަ އުފާވެރިކަމެއް ކުލްސޫމްގެ ހިތަށް އެލިބުނީ އެތައް ޒަމާނެއްކޮށްފައެވެ. މަންމަ ގޮތްދޫނުކޮށްގެން ، ޙައިދަރުވެސް އެމީހުންނާ ގުޅަން މަސައްކަތް ކުރިއެވެ.

 

ދެލޯބޮޑުކޮށްގެން ، ނިދީގެ ކަންފުޅެއްވެސް ނެތި ، އެނދުމައްޗަށް ވެއްޓިފައި ދިލްނަޝީން އޮތެވެ. އޭނާގެ ލޮލުގެ ކުރިމަތީ ، އެއްމަންޒަރަކަށްފަހު އަނެއް މަންޒަރެއް ނިއުޅެމުން ފެންނަމުން އެދަނީ ، މިދެދުވަހަކު އެގޭތެރޭގައި ހިނގައިދިޔަ ކަންކަމުގެ ބިރުވެރި މަންޒަރުތަކެވެ. ހިތާމަވެރި އިޙްސާސްތަކެވެ. ދިލްނަޝީންގެ ހިތައް އެންމެބޮށަށް ތަދުވީ ، އޭނާގެ ބޭބެ ، އޭނާ އެގެއިން ނެރެލަން ދަމާކޫއްތާފައި ދޮރާދިމާލަށް ގެންދިޔަ މަންޒަރުންނެވެ. އޭނާ ވިހަން މަންމަ އުފުއްލި ވޭނަށްވުރެ ބޮޑު ވޭނެއް ، ބޮޑުވެ ތަސައްރުފް ފުދުނުފަހުން އެމަންމަޔަށް އުފުއްލަން ޖެއްސިގެންނެވެ.

ހެނދުނު އެތައް އިރެއްވީއިރުވެސް ، ނުތެދުވެ އެނދުމަތީ ދިލްނަޝީން އޮތެވެ. ޢާފިޔާ ، ސައިހިފައިގެން އައިސް ، އެތައް މަސައްކަތެއް ކޮށްގެންވެސް ، ސައިބޯކަށް އޭނާ ބޭނުމެއްނުވިއެވެ. އަރުތެރެޔަށް ފެންފޮދެއްލާހާ ހިތްވަރެއްވެސް އޭނާގެ ހަށިގަނޑަކު ނެތެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަށް ދިލްނަޝީން ބޭނުމެއް ނޫނެވެ. ފަހަރިވެސް އެތަނުން ދިއުމަށް ދިލްނަޝީން އެދުނެވެ. ޢާފިޔާ ބަލަނީ ދިލްނަޝީނަކީ ، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ. އެދެމީހުންވެސް އެކަކު އަނެކަކުދެކެ އެހާ ލޯބިވެއެވެ. އެހާ ގާތްއިރުވެސް ، ޙަމްޒާއާބެހޭ އެއްވެސް ވާހަކައެއް ، ޢާފިޔާގާތުވެސް ކުޑަކޮށްވެސް ، ދިލްނަޝީން ދައްކައިލާފައެއް ނެތެވެ. އެކަމުގައި ޢާފިޔާ ކުށްވެރިކުރީ ދިލްނަޝީނެވެ. އެހާމައްޗަށް އެކަން ނުދަނިސް ، މަންމައާ އެވާހަކަ ނުދައްކާނެންޏާ އޭނާގާތު އެވާހަކަ ބުނެލިނަމަވެސް ، އެހިސާބަކަށް އެކަމެއް ނުދިޔައީހެވެ. ދައްތައެއްގެ ޙައިޞިއްޔަތުން  ، ޢާފިޔާ އޭނާއަށް ވިސްނައިދޭނެއެވެ.

ރިދާއާއި ދިލްނަޝީންގެ ގުޅުމަކީ ، އެހުރިހާކަމެއްގެ އެއްސަބަބެވެ. އެމީހުންނާ އެއްފެންވަރެއްގެ ޢާއިލާއެއްގެ ކުއްޖަކާއެކުގައި ނޫނީ ، އެހާގާތް ރަޙުމަތްތެރިކަމެއް އުފައްދާކަށް ނުވާނެއެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. މުއްސަނދިންގެ ދަރިން އެހެން މީހުންނަށްދޭނީ ، އެކުދިން ނުލާން ބަހައްޓަފައި ހުންނަ ހެދުމެވެ. ނާރަން ބަހައްޓާފައި ހުންނަ ފައިވާނެވެ. ޅީދަރިއެއްގެ ފުރިހަމަ ޙައްޤާއި އިޙްތިރާމް ،  އެމީހުންގެ ފަރާތުން ، ދިލްނަޝީނަކަށް ނުދޭނެއެވެ.

މުއްސަނދިންގެ ފިރިހެންދަރިންނަކަށް ، ފަޤީރު ޢާއިލާތަކުގެ އަންހެންކުދިންދެކެ ، ލޯތްބެއް ނުވެވޭނެއެވެ. އެހެނަސް ، އެކުދިންގެ ބޭނުން ނަހަމަގޮތުގައި ހިފައިފާނެއެވެ. އެފަދަ ޒުވާނުންގެ ހިތުގައި އުފެދޭނެ އިޙްސާސަކީ ވަގުތީ އެއްޗެކެވެ. އެއީ ، ދިލްނަޝީން ޕާޓީއަކަށް ދާންބޭނުންވީމާ ، ރިދާގެ ހެދުން ދިލްނަޝީނަށް ދޭފަދަ ކަމެކެވެ. ދިލްނަޝީނަށް އެލިބެނީ ، ރިދާ ބޭނުންނެތިގެން އެއްލައިލަން ބޭނުންވެފައި ހުންނަ ތަކެއްޗެވެ. ރިދާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ، ދިލްނަޝީން މަޑުމަޑުން އޮތެވެ. އޭނާ ޢާފިޔާގާތު ބުނީ  އެންމެ ވާހަކައެކެވެ. އެއީ ، ޙަމްޒާ އޭނާދެކެ ލޯބިވާ ވާހަކައެވެ. އެއީ ، ލޯބިނޫންކަން ދިލްނަޝީނަށް ވިސްނައިދެވޭތޯ ، ޢާފިޔާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އެއީ ވަގުތީ އުފަލަކަށް ޙަމްޒާކުރިކަމެއްކަމަށް ވަންޏާ ، އޭނާގެ ކައިވެނީގެ ވާހަކަ ، ޙަމްޒާގެ މައިންބަފައިންގާތު ބުނާނެތޯ ދިލްނަޝީން ސުއާލުކުރިއެވެ. ކައިވެނީގެ ވާހަކަ ، ޙަމްޒާ އޭނާގެ މައިންބަފައިންގާތު  ބުނީމަ އެވީ ކިހިނެއް ހެއްޔެވެ ؟ މުޅި ގެ އެއޮތީ އެކަމުގެ ނުތަނަވަސްކަމުގައި ބިރުވެރި ކިއްލާއަކަށް ވެފައެވެ. ގޭތެރޭގައި ، އައްވަލާއި މަންމަ އެތިބީ ހަދާނެގޮތް ބޮޑުވެ ، ރޯލަރޯލައެވެ. ޙަމްޒާމެންގެ ގޭގައި އޭނާގެ މައިންބަފައިން އެތިބީ ، ރުޅިގަދަވެފައެވެ. ކޮންމެ ޙާލެއްގައިވެސް ، ދިލްނަޝީނާއި ޙަމްޒާ ގުޅޭކަށް އެމީހުން އެއްބަހެއް ނުވާނެއެވެ. އެއީ މުއްސަނދި ބަޔެކެވެ. ދިލްނަޝީންމެންނަކީ ، ފަޤީރު އަދި ނިކަމެތި ބަޔެކެވެ. ތެލާއި ފެނަކީ ، ދުވަހަކުވެސް އެކުވާނެ އެއްޗެއް ނޫނެވެ.

އެގެޔަށް ފުލުހުން އެއައީ ކީއްވެތޯ ، އަވަށްޓެރިން ސުއާލު ކުރަނީއެވެ. އައްވަލާއި ދިލްނަޝީނާ ދެބެއިން ، ސިފައިންގެޔަށް ގެންގޮސް ނަފުސާނީގޮތުން އަނިޔާ ދީފިއެވެ. ދުވަހަކުވެސް ކުރިމަތިލާން ނުޖެހޭފަދަ ، ލަދުވެތިކަމަކާ ކުރިމަތިލާން އެމީހުންނަށް މަޖްބޫރު ކޮށްފިއެވެ. ދިލްނަޝީނާއި އައްވަލާ ދެމެދު އޮތް ، ލޯތްބަށް ހުރަސް އެޅިއްޖެއެވެ. އެހާބޮޑު އުއްމީދެއްގައި ކިޔަވަން ކޮލެޖަށް ގޮސްގޮސް ހުއްޓައި ، އެންމެފަހު ސެމެސްޓަރ އާ ހިސާބަށް ދިޔަތަނާ ، ދިލްނަޝީންގެ ކިޔެވުމަށް ބުރޫ އަރައިފިއެވެ. އެ ހުންނަނީ ކުދިކުދި ކަންކަން ނޫންކަމުގައި ، ޢާފިޔާ ބުނެދެމުން ގެންދިޔައެވެ. އެ ހުރިހާކަމަކީވެސް ދެޢާއިލާގެ ފެންވަރުގެ ތަފާތުން އުފަންވި ކަންކަމެވެ. ދިލްނަޝީނަކީ ، މުއްސަނދި ޢާއިލާއެއްގެ އަންހެންކުއްޖެއްނަމަ ، އެއިން އެއްވެސްކަމެއް ކުރިމައްޗެއް ނުވާނެއެވެ. ދިލްނަޝީނަށް ވިސްނައިދެވޭތޯ ، ޢާފިޔާ މަސައްކަތްކުރަމުން އެގެންދަނީ ، އެ ޙަޤީޤަތްތަކެވެ.

އެހުރިހާ ޙަޤީޤަތްތަކެއް ޤަބޫލުކޮށް ، ޙައިދަރުގެ ކައިވެންޏަށް ރުހިގެން އެގެޔަށް ދިއުމަށް ، ދިލްނަޝީނަށް ޢާފިޔާ ނަސޭޙަތްތެރި ވިއެވެ. އެހިސާބުން ، ދިލްނަޝީން ކުއްލިޔަކަށް ފުންމައިގެން ތެދުވިއެވެ. އަދި ، އެކައިވެނި ހުއްޓުވައިދިނުމަށް ޢާފިޔާގެ ކިބައިން އެދުނެވެ. ކައިވެންޏެއްކުރާކަށް ދިލްނަޝީން ބޭނުމެއް ނޫނެވެ. އެހުރިހާ ތަކުލީފެއް އެކުރިމަތިވީ ، އޭނާގެ ކައިވެނީގެ ކަންތައް އައިސްލައިގަނެގެންނެވެ. ޙައިދަރުގެ ކައިވެނީގެ ހުށަހެޅުން އެގެޔަށް ނައިނަމަ ، އެއިން އެއްވެސް ކަމަކާ ކުރިމަތިލާކަށް ، އެމީހުންނަކަށް ނުޖެހުނީހެވެ.

ދިލްނަޝީންގެ އަތް ޢާފިޔާ ފޮޅުވައިލިއެވެ. ދިލްނަޝީން ހުވާކޮށްގެން އެހުރީ ، އެޢާއިލާގެ އަބުރާއި ޢިއްޒަތް ނީލަންކިޔައި ، ވެއްޔާ މޮޑެލަންތޯ ، ޢާފިޔާ ސުއާލުކުރިއެވެ. އެހެންނޫނަސް ، ސާރާމެދުވެރިކޮށް ، އެކައިވެންޏަށް އެޢާއިލާއިން ރުހޭކަން  ޙައިދަރުގެ މަންމަޔަށް މިހާރު އެއޮތީ އަންގާފައެވެ. އެކަން ދެނެއް ބަދަލެއް ނުކުރެވޭނެއެވެ.

އޭނާގެ ކައިވެނި ހުއްޓުވައިދިނުން އެދި ، ޢާފިޔާއަށް ކުރަމުންގެންދިޔަ އާދޭސް ، ދިލްނަޝީން ހުއްޓައެއް ނުލިއެވެ. އެއްވެސް ވަރަކަށް އޭނާ ނުދަންނަ  އޭނާއަށްވުރެ ޢުމުރުން ދޮށީ ފިރިހެނަކާ  އިންނާނީ ކިހިނެއް ހެއްޔެވެ ؟  އެއީ ކޮންކަހަލަ މީހެއްކަމެއްވެސް ދިލްނަޝީނަކަށް ނޭނގެއެވެ. ދިލްނަޝީނަށް ، އެމީހަކާ ވާހަކަ ދައްކައިލެވިފައެއްވެސް ނެތެވެ. އޭނާގެ ހިތުގައި އެއްވެސް މިންވަރެއްގެ ޖަޒުބާތެއްވެސް ، އެފިރިހެނާގެ މައްޗަށް އުފެދިފައެއް ނެތެވެ. އެއީ ޒަމާނާވެސް ގުޅޭކަމެއްނޫނެވެ. ދިލްނަޝީންގެ ހިތް އެކަމަކަށް އެއްބަހެއް ނުވާނެއެވެ.

ދިލްނަޝީންގެ ހިތުގައި ޖަޒުބާތު އުފެދިފައި އޮތް ފިރިހެންކުއްޖާ ، ދިލްނަޝީންގެ ޢާއިލާގެ އަބުރާއި ޢިއްޒަތަށް އަރައިގެންފިއެވެ. އެދެބެއިން ، ސިފައިންގެޔަށް ގެންގޮސް އަނިޔާ ދީފިއެވެ. އަވައްޓެރިންގެ ކުރިމަތީ ލަދުގަންނުވައިލައިފިއެވެ. ދިލްނަޝީނާއި މަންމަޔާ އަދި ބޭބެއާ ދެމެދު އޮތް ލޯބި ނައްތައިލައިފިއެވެ. ދިލްނަޝީންގެ ކިޔެވުމުގެ ޙަޔާތް ، ބަރުބާދުކޮށްލައިފިއެވެ. އެއިން އެއްވެސްކަމެއް ، މިވަގުތަކު ދިލްނަޝީނަކަށް ނުވިސްނޭނެއެވެ. އެކުރިމަތިވި ކަންކަމުން ، ދިލްނަޝީންގެ ފިކުރުވަނީ ބޮޑުވެފައެވެ. ހިތް ، އެންމެ ފުރިހަމަގޮތުގައި މަސައްކަތެއް ނުކުރާނެއެވެ. ސިކުނޑި އޮންނާނީ ސުމަކަށް ގޮއްސައެވެ. ނިންމޭ ނިންމުންތަކުގެ ރަނގަޅާއި ނުބައި ވަކިކުރާކަށް ، ދިލްނަޝީނަކަށް މިހާރަކު ނޭނގޭނެއެވެ. މީހަކު ބުނާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެވޭނެއެވެ. ދޭ ނަޞޭޙަތެއް ބަލައެއް ނުގަނެވޭނެއެވެ. ޢާފިޔާ ކިތަންމެ ވާހަކައެއް ދެއްކިޔަސް ، އެއީ ދިލްނަޝީންގެ ހިތަށް އަސަރެއްކުރާނެ ވާހަކަތަކެއްނޫނެވެ. ޙައިދަރާ ކައިވެނިކޮށްގެން އެގެޔަށް ދިއުންނޫން އެހެންގޮތެއް ، ދިލްނަޝީނަށް ނެތްކަމުގައި ޢާފިޔާ ބުންޏެވެ. އުފާވެރި ، މުއްސަނދި ދިރިއުޅުމެއް ، އޭރަށް ދިލްނަޝީނަށް ލިބިގެންދާނެއެވެ. ދިލްނަޝީނަށް ދެރަގޮތެއްވާކަށް އެގޭގެ އެކަކުވެސް ނޭދޭނެއެވެ.

" އަދި އެއްވާހަކައެއް ބުނަން ހެއްޔެވެ ؟ އަހަރެމެންގެ ޢާއިލާގެ ހުރިހާ އަންހެންކުދިންވެސް ، ޙައިދަރާ އިންނަން  ބޭނުންވިއެވެ. އެކަމަކު ، ޙައިދަރު ، އެއްވެސް އަންހެންކުއްޖަކާ ޤަބޫލެއް ނުވެއެވެ. އަންހެންކުއްޖަކާ ދިމާލަށް ބަލައިވެސް ނުލައެވެ. ޙައިދަރަށް ކަމުދިޔައީ ދިލްނަޝީނެވެ. އެއީ ސަބަބުތަކެއް އޮވެގެންކަމުގައި ޤަބޫލުކުރާށެވެ ! ފިރިހެނަކު ، އަންހެނަކު ދެކެ ލޯބިވުމުގެ މާނަ އެނގޭ ހެއްޔެވެ ؟  އެފަދަ ޙާލަތެއްގައި ، އަނބިމީހާއަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމްދީގެން ، އެފިރިހެނަކު އޭނާގެ އަނބިމީހާ ޢިއްޒަތުގައި ބަލަހައްޓާނެއެވެ. އެއްވެސް ދެބަސްވުމަކަށް އަދި ހިތްހަމަ ނުޖެހުމަކަށް ފުރުސަތެއް ނުދޭނެއެވެ. " ޢާފިޔާ ބުންޏެވެ.

އެހެނަސް ، ދިލްނަޝީނަކަށް ޙަމްޒާ ފިޔަވައި ، އެހެން އެއްވެސް ފިރިހެނަކާ ދޭތެރޭ ވިސްނާކަށް ނޭނގޭނެއެވެ. އޭނާ ދަންނަ ހަމައެކަނި ފިރިހެނަކީ ޙަމްޒާއެވެ. ޙަމްޒާނޫން އެހެން އެއްވެސް ފިރިހެންކުއްޖަކާ ދޭތެރޭ ، ދިލްނަޝީން ވިސްނާފައެއް ނެތެވެ. އެހެން އެއްވެސް ފިރިހެން ކުއްޖަކާމެދު ، އޭނާގެ ހިތުގައި އެއްވެސް ކަހަލަ ޖަޒުބާތެއް އުފެދިފައެއް ނުވެއެވެ. ފިރިހެން ކުއްޖަކު ، އެކަހަލަ ވާހަކައެއް ދައްކައިލިޔަސް ، ދިލްނަޝީން ގާތަށް އަންނަނީ ރުޅިއެވެ. ޙަމްޒާނޫން އެހެން މީހެއްގެ ތަޞައްވުރެއް އޭނާގެ ހިތަކަށް ނުވެއްދޭނެއެވެ.

ޢާފިޔާ އެބުނަނީ ، މީހެއްގެ ތަޞައްވުރު ، ދިލްނަޝީންގެ ހިތަށް ވައްދާވާހަކައެއް ނޫނެވެ. ދިލްނަޝީނަށް ވިސްނައިދެވޭތޯ ، ޢާފިޔާ މަސައްކަތް ކުރަމުން އެގެންދަނީ ވަގުތީ ޙައްލެއްނޫނެވެ. އެއީ އެކަމަށް އޮތް އެންމެ ފުރިހަމަ ދާއިމީ ޙައްލެވެ. ޢާފިޔާ ބުނަމުން އެގެންދަނީ ، ޙައިދަރާ ކައިވެނި ކޮށްގެން ދިލްނަޝީންވެސް ، ޒަވާޖީ ޙަޔާތެއްގެ ޢަމަލީ މަސައްކަތާ ކުރިމަތިލާން ޖެހިފައިވާ ވާހަކައެވެ. އެ ޙަޤީޤަތް ޤަބޫލުކޮށް ، އެކަމަށް ކުރިމަތިލާން ތައްޔާރުވާންޖެހޭ ވާހަކައެވެ. ޢާފިޔާގެ ހިތުގައިވެސް ހިތްހަމަނުޖެހުން އުފެދުނެވެ. އޭނާގެ އަޑުވެސް ބާރުވިއެވެ. ދައްތައެއްގެ ޙައިޞިއްޔަތުން އެހާ ގާތްކޮށް ، އަދި އެހާ ގިނައިރު ، އެހާލޯބިން ، އޭނާ ދެއްކި އެއްވެސް ވާހަކައެއް ، ދިލްނަޝީނަކަށް ޤަބޫލެއް ނުކުރެވުނެވެ. ނުވަތަ ، ދިލްނަޝީން އެއިނީ ، އެވާހަކަތައް ޤަބޫލުކުރެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ޢާފިޔާއަށް އެކުރެވުނީ ބޭކާރުކަމެއްކަމުގެ އިޙްސާސް ކުރެވުނެވެ. ދިލްނަޝީން ކިތަންމެ ކަންބޮޑުވެފައި ، ދެރަވެފައި އިނަސް ، އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އިތުރަށް ދައްކާނެ މާގިނަވާހަކަތަކެއްވެސް ނެތެވެ.

ދިލްނަޝީނަށް ގެނައި ކާއެއްޗެތި ، އެނދުމަތީ ބަހައްޓާފައި ހުށްޓެވެ. ދިލްނަޝީން ކާން ބޭނުންވީމާ ކާށޭ ބުނެ ، ޢާފިޔާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. ހެޔޮ ހިތަކައިގެން ، އެގޭތެރެއިން ، އޭނާއާ ވާހަކަދައްކައިލަނީ ހަމައެކަނި ފަހަރި ، ޢާފިޔާއެވެ. ބޭބެއާއި މަންމަ އެތިބެނީ އޭނާދެކެ ރުޅިއައިސް ރަތްވެފައެވެ. ދިލްނަޝީނަށް ހަދާނެގޮތް ބޮޑުވިއެވެ. އެއިންގޮތަށް ގަބުވެފައި އިނދެ ، އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.