ފަލްސަފާ (42)

( 31 ޑިސެމްބަރ 2023 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ނޫރުގެ އެކަނިވެރިކަމަކީ އެހާ ފަސޭހައިން ފިލައިގެންދާން އޮތް ކަމެއްނޫނެވެ. މަރީއަށް އޭނާ އެއައީ ކީއްކުރަންކަމެއް ޚުދު ނޫރުއަކަށްވެސް ނޭނގެއެވެ. އޭނާއާއެކީ އޮފީހުން އައި ހުރިހާކުދިން ފޮނުވާލައިފާ ، ނޫރު އެހުރީ އެކަނިވެރިވެފައެވެ. އެ އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސްމީހަކު ނެތެވެ. މުރުތަޟާއަކަށްވެސް ، ބޭނުންހާއިރަކު ނޫރުގާތަކު ނުހުރެވޭނެއެވެ. މުރުތަޟާގެ އެހެން ޒިންމާއެއް އެބައޮތެވެ. މުރުތަޟާއަކީ މިހާރު ނޫރުއާ ބެހޭ މީހެއްނޫނެވެ. ލޯބި ، އެއޮތްގޮތަކަށް ބާއްވަމާ ހިނގާށެވެ. ހަމައެކަނި އޮތީ ، ރައްޓެހިވުމުގެ މާކުރިން އޮތް ރަޙުމަތްތެރިކަމުގެ ގުޅުމެވެ. އެވަރުން ނޫރުއަށް އެއުޅެނީ ފުއްދައި ނުލެވިގެންނެވެ. މުރުތަޟާގެވެސް ޙާލަކީ އެއީއެވެ.

މުރުތަޟާގެ ހިތުގައިވެސް ވަނީ ނޫރުއެވެ. އެނަމަކީ ، މުރުތަޟާގެ ހިތުގައި ބިންވަޅު ނެގިފައިވާ ނަމެކެވެ. ފުހެލަން އެހާ ފަސޭހައެއް ނުވާނެއެވެ. އޭނާއަށް ހަނދު ފެނުމުގެ ކުރިން ފެނިފައިވަނީ އިރުގެ ނޫރެވެ. ހަނދުފެނުމާ ހަމަޔަށް ، އިރުގެ ނޫރުން އޭނާގެ ޙަޔާތަށް އެދިން އަލިކަން އެއީ ، ހަނދުން ލިބޭ ކޮކާ ހަނދުވަރަކުން ފިލައިގެން ހިނގައިދާވަރަށްވުރެ އަލިގަދަ ނޫރެކެވެ.

މަޑުމަޑުން ތެދުވެ ، ޑޮކްޓަރ ދީފައިހުރި ބޭސްތައް ނެގުމަށްފަހު ، ހެނދުނު ކާންއޮތް ބޭސް ، ނޫރު ކައިލިއެވެ. ބާލީހުގައި ބޯ ޖައްސާލައި ، މުރުތަޟާއާމެދު ޚިޔާލު ހިންގައިލިއެވެ. އެއީ ހެޔޮލަފާ އިންސާނެކެވެ. އެފަދަ އިންސާނަކާ ދުރަށްދާން ޖެހުނު ސަބަބުތައް އެއީ އެންމެންނަށްވެސް އެނގޭ އެއްޗެކެވެ. އެކަމުގައި ނޫރުގެ އެތައް ކުށެއް އެބަވެއެވެ. ނޫރުގެ ގޮތް ދޫނުކުރުމެވެ. ނޫރު ދެކެމުންގެންދިޔަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ، އޭނާގެ ހިތުގައި ކަނޑައަޅާފައިވާ ޢަޒުމެވެ. އެންމެ ފަހު ވަގުތު ހަތިޔާރު ބަހައްޓައި ، ގޮތްދޫކުރިނަމަވެސް ، އޭރުއޮތީ ވާނެއެއްޗެއް ވެފައެވެ. ވަތުގު ފާއިތުވެގެން ގޮއްސައެވެ. މުރުތަޟާ ކުރި މަސައްކަތަށް ހަނި ފުރުޞަތެއްވެސް ތަނަވަސްވެގެންދާން ، ޙަފުޞާ ދުލެއް ނުކުރިއެވެ. އެއީވެސް ގޮތްދޫނުކުރާ އިންސާނެކެވެ.

ތަހުނިޔާ ، މަޑުމަޑުން ހިނގަމުންގޮސް ، އެދިމާލުން އެރެން އޮތް އެންމެ އުހަށް ފަރުބަދަމައްޗަށް އެރިއެވެ. ތަހުނިޔާ ހިނގަމުންގޮސް ފަރުބަދައިގެ އަރިމައްޗަށް ހުށްޓިލިއެވެ. އެއީ ކުއްލިޔަކަށް ކެނޑިފައިވާ ޕޮއިންޓެކެވެ. ތިރި ބަލައިލައިފިނަމަ ، ހިތްބަލިމީހުން ބޯ އަނބުރައިގަންނާނެއެވެ. ހަމަލޮލަށް ފެންނަ މަންޒަރަށް ބަލައިލުމުން ، ލޯސީދާވެގެންދާނީ ކަޝްމީރުގެ ޤުދުރަތީ ރީތި މަންޒަރު ތަކަށެވެ. އެއީ ޕާކިސްތާނާވީފަޅިން ، ކަޝްމީރު ފެންނަ އެއް ޕޮއިންޓެވެ. ބޮޑުސިންގާ ފަރުބަދައެއްގެ އެންމެ އުސް ކުންނެވެ. އެވަގުތު ، ޔަހުނިޔާގެ ޚިޔާލަށް އައީ އޭނާގާތު ޠާހިރާ ބުނެފައިވާ ވާހަކަ ތަކެވެ.

" ދިރިއުޅުމަކީ ހަނގުރާމަ އެކެވެ. ތަކުލީފާއި އުދާހާ ، ހިތްދަތިކަމާ ހާސްކަމުން ފުރިގެންވާ އެއްޗެކެވެ. އެއީ ދިރިއުޅުމުގެ ޙަޤީޤަތެވެ. ތަހުނިޔާމެންގެ ކައިވެނިކުރެވުނު ޙާލަތަށް ބަލާއިރު ، އެހުރިހާކަމެއް އެއީ ކުރިމަތިނުވެ ނުދާނެ ކަންކަމެވެ. ވަރަށްބޮޑަށް ވިސްނައިގެން ، އެޙާލަތުތަކަށް ކެތްކޮށް ، ދިރިއުޅުން އާބާދުކުރުމަށް ވިސްނުން ބަހައްޓައިގެން ނޫނީ ކުރިޔަކަށް ނުދެވޭނެއެވެ. ކެތްތެރިކަމެއްނެތި ، ހިތަށް އަރާ ކޮންމެ ގޮތަކަށް އުޅެގެން ، ދިރިއުޅުން ބަރުބާދުވުން ނޫންކަމެއް ނުވާނެއެވެ. "

ޠާހިރާ އެދެއްކީ ، ރަނގަޅު ވާހަކަ ތަކެކެވެ. މަންމައާއި ބައްޕައަށްޓަކައި ، އޭނާވީ ޤުރުބާނީގެ އަގަކީ ، ތަހުނިޔާ އަދާކުރަންޖެހޭ އެއްޗެކެވެ. އެއީ އެހެންމީހެއްގެ ފަރާތުން ފުރިހަމަވާނެ އެއްޗެއްނޫނެވެ. އެއީ ތަހުނިޔާގެ އަމިއްލަ ޙަޔާތެވެ. އެ ޙަޔާތުގެ ކުރިމަގު ބަށްޓަންކުރާނީ ތަހުނިޔާއެވެ. މުރުތަޟާއެއް ނޫނެވެ. އަދި ނޫރުއެއްވެސް ނޫނެވެ. މިހާރު އެއޮތީ އޭނާއާ ޖެހިފައެވެ.

ދުރުން ފެންނަ ޤުދުރަތީ މަންޒަރުގެ ހިތްގައިމުކަމަށް ގެއްލިފައިހުރެ ، ތަހުނިޔާގެ ވިސްނުން ، ޠާހިރާގެ ބަސްތަކަށް ޚާއްޞަވެ ހުސްވެގެން ދިޔައެވެ. އެއްބައިފަހަރަށް އޭނާއަށް އިސްދަށަށް ޖަހައި ލެވެއެވެ. އަނެއްބައިފަހަރަށް ، އިސްއުފުލާލައި ލޮލަށް ފިނިކަންގެނެސްދޭ ، އެ ރީތި މަންޒަރުތަކުގެ ތެރެޔަށް ގެއްލިގެން ދެއެވެ. އެއަށްފަހު ، ފުން ނޭވާއެއްލައި ހަމަޖެހިލައި ހިނތުންވެލައެވެ.

*******************************

ވަޞީމު ، އޭނާގެ ކޮޓަރިން ނުކުމެގެން އައިސް ސިޓިންގރޫމަށް ނުކުތްއިރު ، ރައިދާ ، ސޯފާގައި އިށީނދެލައިގެން އިނެވެ. ބައްޕަ ފެނުމާއެކު ، އެއްޗެއް ބޭނުންވީތޯ އާއި ކޮށްދޭންވީ ކޮންކަމެއްތޯ ރައިދާ ސުއާލުކޮށްލިއެވެ. ވަޞީމު ކޮޓަރިން ނުކުމެގެން އެއައީ ވަކި އެއްޗެއް ބޭނުންވެގެންނެއްނޫނެވެ. ރައިދާގާތު ވާހަކައެއް ދައްކައިލާން ވެގެންނެވެ. ރައިދާއަށް ލިބުނު ޙައިރާންކަން ފޮރުވަމުން ، ބައްޕަ އެދައްކަން ބޭނުންވާ ވާހަކަތަކަށް އޭނާ ސަމާލުކަން ދިނެވެ.

" ދަރިފުޅާއެވެ ! ދަރިފުޅުގެ ރައްޓެހިންގެ ތެރެއިން ހުސްކޮށްހުރި ރަނގަޅުކުއްޖަކާމެދު ވިސްނައިލަ ބަލާށެވެ ! " ވަޞީމު ބުންޏެވެ.

ވަޞީމު އެބުނި އެއްޗެއްގެ ފުރިހަމަ މާނަ ރައިދާއަށް ވިސްނުނެވެ. އެހެނަސް ، ނޫރުއަށް ކުއްޖަކު ހޯދައިދޭން އެކަމުގެތެރެޔަށް ވަނުމަކީ ، ރައިދާއަށް އެހާ ފަސޭހަކަމެއްނޫނެވެ. ނޫރުގެ އެއްވެސް ކަމަކާ ނުބެހޭނެކަމަށް އޭނާގެ ފިރިމީހާ އޮތީ ބުނެފައެވެ. ހާރިސް އެހެން ބުނެފައި އޮއްވާ ، ނޫރުއާ ބެހޭކަމެއްގެ ތެރެޔަށް ރައިދާ ވަދެއްޖެނަމަ ، ހާރިސްއާ ކުރިމަތިލާން ޖެހޭނެއެވެ. އެ ދެމަފިރިންގެ ދިރިއުޅުމަށް އޭގެ އަސަރު ނުކޮށެއް ނުހުންނާނެއެވެ.

އެހެންނޫނަސް ، ރައިދާގެ ގިނަ ރައްޓެހިންނަކީ ، ވަރަށް އާދައިގެ ވިސްނުމެއް ގެނގުޅޭ ، ސާދާ ބަޔެކެވެ. ނޫރުއަށް ކަމުދާ ކަހަލަ ކުއްޖަކު އޭގެތެރެޔަކު ނެތެވެ. މުރުތަޟާއާ ވަކިވުމުން ، ނޫރުއަށް ކޮށްފައިއެވަނީ ކުޑަ އަސަރެއްނޫނެވެ. އެކަންކަން އޮއްބައިލާވަރުގެ ، ޢާންމު ދިރިއުޅުމެއް ފަށާނެ ފުރުޞަތު ، ނޫރުއަށް ހޯދައިދިނުމަކީ ، ކޮންމެ ކޮންމެ މީހަކަށް ކޮށްދެވޭނެ ކަމެއްނޫނެވެ. ނޫރުގެ މިހާރުގެ ޙާލަތަށް ބަލާއިރު ، އެއްވެސްމީހަކަށް ނޫރުއާއެކީ ހަމަޖެހިލައިގެންނެއް ނޫޅެވޭނެއެވެ. އެކަންވާނީ ، ނޫރު ހަމަޔަކަށް އެޅުނު ދުވަހަކުންނެވެ.

" ދަރިފުޅާއެވެ ! ކައިވެންޏަށް ބޭނުންވާ މީހުން ހޯދައި ގުޅުވައިދޭ މެދުވެރިއެއް ހޯދައިދޭންވީ ނޫންހެއްޔެވެ ؟ ނޫރުއަކީ ރީތި ، ޒުވާން ކުއްޖެކެވެ. އޭނާ އެހުރީ ރަނގަޅަށް ކިޔަވައިގެންނެވެ. ރަނގަޅު ވަޒީފާއެއްގައެވެ. ނޫރު ، ހޯދަން އެއުޅޭ ކަހަލަ މީހަކު ލިބިދާނެ ނޫން ހެއްޔެވެ ؟ " އަނެއްކާވެސް ވަޞީމުގެ ވާހަކަ ފެށްޓިއެވެ.

ނޫރުއާ ކައިވެނިކުރާނެ މީހަކު ހޯދުމަކީ ، އުނދަގޫ ކަމަކަށް ނުވާނެކަމަށް ރައިދާވެސް އެއްބަސް ވެއެވެ. މައްސަލަޔަކީ ނޫރުގެ ރީތިކަމާއި ، މޮޅުކަމާ އަދި ވަޒީފާއެއްނޫނެވެ. މައްސަލަޔަކީ ނޫރުގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތެވެ. އެއީ ، ގިނަމީހުންނާގުޅޭނެ އެއްޗެއްނޫނެވެ. ގިނަމީހުންނަށް ކަމުދާނެ އާދަތަކެއްވެސް ނޫނެވެ. މުރުތަޟާ އާއި ނޫރުއާވެސް ޖެހުނު އެންމެބޮޑު މައްސަލަޔަކީ ދެމީހުންގެ ޚިޔާލުގެ ތަފާތު ކަމެވެ. ނޫރުގެ ރީތިކަމާއި ޤާބިލިއްޔަތަށް އަދި ވަޒީފާއަށް ބަލާފައި ، ނޫރުއާ އިންނާނެ މީހުން ތިބެދާނެއެވެ. އެއީ އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އުނދަގޫވާނީ ، ނޫރުއާ އެއްޚިޔާލެއްގެ އަދި ނޫރުގެ ވިސްނުމަށް ތަބާވާނެ މީހަކު ހޯދުމެވެ. އެކަހަލަ މީހަކު ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.

" ﷲ އިރާދަކުރެއްވިއްޔާ ، ނޫރު ބަލައިގެން އުޅޭނެ އަދި ނޫރުއަށް ކިޔަމަންވާނެ ، ރަނގަޅުމީހަކު ލިބޭނެއެވެ. އަހަރެން އެކަމާ މަސައްކަތް ކޮށްލާނަމެވެ. ބައްޕަ އެކަމާ މާބޮޑަށް ނުވިސްނާށެވެ ! " ރައިދާ ބުންޏެވެ.

ވަޞީމުގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ރައިދާއަކީ އަބަދުވެސް ، ވަޞީމުގެ ކަންކަމަށް ސަމާލުކަންދޭ ، ގެވެހި އަންހެނެކެވެ. މީހަކާ އިނދެގެން ، ބޭރު ގެޔަކަށް އައިސް އުޅެން ޖެހޭނީ ، ކިހިނެއްކަން ރައިދާހުރީ ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ. ރައިދާ އައުމަށްފަހު ، އެގޭގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދިޔައީ ރައިދާއެވެ. ޚާއްޞަކޮށް އެކަނި އުޅޭ ، އަނބިމަރުވެފައިވާ ވަޞީމަށް ތަކުލީފެއް ލިބޭނެ އެއްވެސްކަމެއް ރައިދާގެ ފަރާތުން ފެނިފައެއް ނުވެއެވެ. ވަޞީމު އަބަދުވެސް ބަލަމުންގެންދަނީ ރައިދާއަކީ ޅީދަރިއެއްގެ ބަދަލުގައި އޭނާއަށް ލިބުނު އުފަން ދަރިއެއްގެ ގޮތުގައެވެ.

*******************************

އެނދުގައި އޮންނަން ބޮޑުކަމަކަށްވެގެން ، ތެދުވެ ނޫރުގެ ފިނިއިރުލާ ހެދުންތައް ފަށްޖަހަން ފެށްޓިއެވެ. އެމަސައްކަތުގައި އުޅެނިކޮށް ފޯނުވާން ފަށައިފިއެވެ. އެއީ މުރުތަޟާގެ ފޯނެކެވެ. ދެމީހުން ދެމީހުންނަށް ސަލާމް ރައްދުކުރުމަށްފަހު ، ނޫރުގެ ޙާލުކިހިނެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ.

މުރުތަޟާފަދަ ، އަޅައިލާ އޯގާތެރި އިންސާނަކު ކައިރީގައި ހުރިއްޔާ ، ބަލިވާމީހުން ފަސޭހަވުމަށް ގިނަވަގުތެއް ނުނަގާނެ ކަމަށް ނޫރު ބުންޏެވެ. އަދި އޭނާގެ ހިތަށް އަރަނީ އަދި ވަގުތުކޮޅަކަށް ބަލިވެލުންކަމުގައިވެސް ބުންޏެވެ. އޭރަށް ، މުރުތަޟާގެ އޯގާތެރިކަމުގެ އަދާތަކުން އޭނާގެ ހިތަށް އިތުރު ތަސައްލީ ލިބިގެންދާނެއެވެ.

މޮޔަވާހަކަ ނުދައްކައި ، ފޮށްޓަށް އެއްޗެތި އަޅައި ތައްޔާރުވުމަށް މުރުތަޟާ ، ނޫރުގާތު ބުންޏެވެ. އަދި ހަމަ މިވަގުތު ، ހޮޓަލުން ނުކުމެގެން ، ނޫރުދެން ދާންއޮތް ތާކަށް ދަތުރު ފެށުމަށް އެންގިއެވެ. އެވަގުތު ، ނޫރުގެ ފޯނަށް މެސެޖެއް އައެވެ. އެއީ ތަހުނިޔާގެ މެސެޖެކެވެ.

" ތަހުނިޔާގާތު އަހަރެން މިތަނަށް އައިސް އުޅޭވާހަކަ ބުނީ ހެއްޔެވެ ؟ " މެސެޖް ކިޔައިލުމަށްފަހު ، ނޫރު ސުއާލު ކުރިއެވެ.

ތަހުނިޔާގާތު ، ހުރިހާ ވާހަކައެއް ކިޔައިދީފި ކަމަށާއި ، ތަހުނިޔާއަށް އެކަންކަން ފޮރުވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މުރުތަޟާ ބުންޏެވެ. އޭނާއަކީ ، މީހެއްގެ މިލްކެއްކަމަށާއި ، އެމީހަކީ އޭނާގެ ޒިންމާގެ ދަށުގައި ، އޭނާއަށް ބަރޯސާވެގެން އޭނާއާއެކީ އުޅެމުންގެންދާ މީހެކެވެ. އެމީހަކަށް ބޭވަފާތެރިވުމަކީ ، މުރުތަޟާ ކުރާނެކަމެއް ނޫނެވެ. އެއަށްވުރެ ، އޭނާގެ ވިސްނުމާއި މުރުތަޟާއަށް އަޅައިލުން ބޮޑެވެ. އެގުޅުމަށް ، މުރުތަޟާ ޚިޔާނާތްތެރިއެއް ނުވާނެއެވެ.

" އާދޭސް ކޮށްފައި ބުނަމެވެ. ނޫރުލްޢައިނުއެވެ !ނޫރުލްޢައިނުގެ އަމިއްލަ ކަންކަމަށް ވިސްނައިގެން ، ކުރިޔަށް ދިއުމަށް މަސައްކަތް ކުރާށެވެ. އެހެންމީހުންގެ ދިރިއުޅުމަށް ، ނޫރުގެ ފަރާތުން ގެއްލުމެއް ލިބޭނެގޮތްގޮތަށް ވިސްނުން ނުގެންގުޅޭށެވެ. އަހަރެމެން އެންމެންނަށްވެސް ހަމަޖެހުން އޮތީ އެގޮތުގައެވެ. އަހަރެންނާއި ތަހުނިޔާގެ ގުޅުމުގެ ތެރެޔަށް ވަނުމަށް އެއްވެސް ވަރަކަށް ނުވިސްނާށެވެ. އެކަން ކުރަން ބޭނުންކަމަށް ވަންޏާ ނޫރުއަށް ކުރިމަތިލާންޖެހޭނީ ހުސް ހިތްދަތިކަމާއި ތަކުލީފެވެ. ތަހުނިޔާއަކީ އަހަރެންގެ ޒިންމާގެ ދަށުގައި އިން މީހެކެވެ. ތަހުނިޔާގެ ހިތަށް ތަކުލީފެއް ލިބޭނެ އެއްވެސް ކަމަކަށް އަހަރެން ފުރުޞަތެއް ނުދޭނަމެވެ. މާޒީ ހަނދާން ނައްތައިލާށެވެ. އަދި ......... " މުރުތަޟާއަކަށް އޭނާގެ ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ.

މުރުތަޟާގެ ވާހަކަ ފުރިހަމަ ކުރުމަށް ނޫރު އެދުނެވެ. އެހެނަސް ، ދެން އިތުރަށް ވާހަކަ ދައްކާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. މުރުތަޟާގެ ވާހަކަ މުޅިން ނިންމައިދިނުމަށް ނޫރު އެދެމުން ގެންދިޔައެވެ.

އިރުއިރުކޮޅުން ، ލޯބިވާ ވާހަކަ ދައްކައި ، އަމިއްލަ ޙާލު ބަޔާންކުރުމަކީ ، ކޮޅެއް މެދެއް ފެންނަންނެތްކަމެއްގައި ، އަމްދުން ފިރިހެނަކު ކުރާނެ ކަމެއްނޫނެވެ. އެވާހަކަތައް މުރުތަޟާގެ އަނގައިން ބޭރުވާ އަޑު ، ނޫރުއަކަށް ދެނެއް ނުއިވޭނެއެވެ. ކެތްނުކުރެވިގެން ހިތްފަޅައިގެން ދިޔަޔަސް ، މުރުތަޟާ އެވާހަކަތަކެއް ދެން ، ތަކުރާރެއް ނުކުރާނެއެވެ. މުރުތަޟާ ބޭނުންވަނީ ތަޤްދީރު އޭނާއާ މަތިކުރި އަމާނާތަށް ޚިޔާނާތްތެރިނުވެ ، އޭނާއާ ތަހުނިޔާގެ ޙަޔާތުން ފެންނަ ކޮންމެ އަލިކަމަކާ ދިމާއަށް އެދެމީހުން އެކުގައިގޮސް ، ދަތުރުގެ ފޮނިކަން ޙާޞިލް ކުރުމެވެ. އެ ދަތުރުގައި ތަހުނިޔާ ހުންނާނީ އޭނާއާ އެކުގައިކަން މުރުތަޟާއަށް ޔަޤީން ކުރެވެއެވެ. އެކުގައި ހޭދަވި އެ ދެތިން ދުވަހުންވެސް ، ތަހުނިޔާއަކީ ކޮންކަހަލަ މިޒާޖެއްގެ ކާކުކަން ، މުރުތަޟާ ދެނެގެންފިއެވެ. އެއަށްވުރެ ވަކިން ރަނގަޅު ކުއްޖަކު މުރުތަޟާއަކަށް ނުލިބޭނެއެވެ.

މުރުތަޟާގެ މަތިން ހަނދާން ނައްތައިލުމަށް ނޫރުގެ ކިބައިން އޭނާ އެދުނެވެ. ދިމާވާ ކޮންމެ ކަމަކަށް ދެލޯ މަރައިގެން ، އޭނާ ކުރިޔަށްދާނީ ތަހުނިޔާގެ އަތުގައި ހިފައިގެންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ، ނޫރުގެ ލޯބީގެ ހިޔަނިން އޭނާގެ ދިރިއުޅުމަށް އަނދިރިކަމެއް ލިބުމަކީ ، އޭނާ ވަރިހަމަކޮށްލާނެކަމެއް ނޫނެވެ. އެއިން ކޮންމެ ކަމަކާވެސް ، އޭނާ ކެރިގެން ކުރިމަތިލާނެއެވެ. ނޫރުވެސް ، އެހެންމީހެއްގެ މައްޗަށް ސަމާލުކަންދީ ، ކުރިމަގަށް އެކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތް ފެށުމަށް ނޫރުގެ ކިބައިން މުރުތަޟާ އެދުނެވެ. އެހެންނޫނީ ، ނޫރުގެ ނިމުން އެހާ ރީއްޗެއް ނުވާނެއެވެ. މުރުތަޟާ އެދެއްކި ވާހަކަތައް ނޫރުއަށް ވިސްނިއްޖެތޯ ، އެންމެފަހުން ސުއާލު ކުރިއެވެ.

ނޫރުއަކީ ، އެކަހަލަ ވާހަކަތައް ނުވިސްނޭވަރުގެ ކުޑަކުއްޖެއްނޫނެވެ. އެދެއްކީ ކިހާވަރެއްގެ ވާހަކައެއްކަން ނޫރުއަށް ވިސްނިއްޖެކަމުގައި ނޫރު އެއްބަސްވިއެވެ. އެހެންނަމަވެސް ، ނޫރުއަކީ އެއްޗެއް ވިސްނިގެން އޭނާގެ ޚިޔާލު ބަދަލުކުރާނެ މީހެއްނޫނެވެ. އެއަށްވުރެ އޭނާގެ އަމިއްލަ އެދުން ބޮޑެވެ. އަމިއްލަ އެދުން އިސްކުރަމުންގޮސް އަބަދުވެސް ކުރެވޭނީ މޮޔަ ކަންކަމެވެ. މިފަހަރުގެ ދަތުރަކީވެސް ، ނޫރު ކުރި މޮޔަކަމެއްކަމަށް މުރުތަޟާ ބުންޏެވެ. އެއީ ކިޔަވައިގެން ތިބޭ ވިސްނޭމީހުން ކުރާކަހަލަ ކަމެއްނޫނެވެ. އަލުން ބައްދަލުވާނެއޭ ބުނެ ، ފޯނު ބާއްވާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އެހެނަސް ، މުރުތަޟާ ބޭނުންވަނީ ، އޭގެފަހުން ، އޭނާއާ ނޫރު ، އެއްގޮތަކަށްވެސް ބައްދަލު ނުވުންކަމަށް މުރުތަޟާ ބުންޏެވެ. އަދި ފުން މާނޭވާއެއްލުމަށްފަހު ، ފޯނު ކަނޑައިލިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.