ސޮއިތައް އަނބުރާ ގެންގޮސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ
އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕުގެ އަޣްލަބިއްޔަތުން އަނބުރާ ނެންގެވުމަށްވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން 22 މެމްބަރުންގެ ސޮޔާއިއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލަ ކުރިއަށް ގެންދަންވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައިނަމަވެސް މައްސަލަ އަނބުރާ ނެގުމަށް އެދުނީ 25 މެމްބަރުން ކަމަށްވާތީ މައްސަލަ ކުރިއަށް ގެންދަންޖެހޭ ވަރަށް އަދިވެސް ސޮއި އޮތުމުން މިމައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ މައްސަަލަ ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ތަޅުމުން ގޮތެއް ނިންމުމަށެވެެ. ޑިމޮކްރެޓްސްގެ ޕީޖީ ގްރޫން އެދުނީ މިމައްސަލަ މުޅި މަޖިލިސް ކޮމެޓީއަކުން ވަގުތު ކަނަޑައަޅައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މައްސަލަ އަނބުރާ ނަގާފައިވާކަމަށާއި، އަރާފައިވަނީ އިދާރީ އޮޅުމެއް ކަމުން އެކަންކަން ރަނގަޅުކޮށް މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައި ކުރެވުނު މަޝްވަރާތަކަށްފަހު ޖަލްސާ ކުރިއަށް ގެންދަވަމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ހަސން އަފީފް ވިދާޅުވީ ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސްގެ އިިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި މިހާރު ސޮއި ކުރައްވާފައިވަނީ 21 މެމްބަރުން ކަމަށެވެ. އެހެންކަމުން މިދެ މައްސަލަވެސް މިހާރު މަޖިލީހުގައި ކުރިއަށް ގެންދެވޭ އަދަދަށް ސޮއި ނެތުމުން ދެ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ.
މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.