އިންޑިޔާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއިން ރިކޯޑު އަދަދެއްގެ މަތިންދާބޯޓު ގަތުމަށް ޔޫރަޕްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސްއާއެކު ސޮއިކޮށްފިއެވެ. ޕެރިސް އެއާ ޝޯގައި އޮތް މި ރަސްމިއްޔާތުގައި އިންޑިގޯން އިން ދީފައިވަނީ 500 މަތިންދާބޯޓުގެ ގަތުމުގެ އޯޑަރެކެވެ. މިއީ، އެއާލައިނަކުން މިހާތަނަށް ދީފައިވާ އެންމެ ބޮޑު އޯޑަރެވެ. މީގެ ކުރިން އެންމެ ބޮޑު އޯޑަރެއް ދީފައި ވަނީ މިހާރު އިންޑިޔާގެ ޓާޓާ ކުންފުނިން ހިންގާ އެއާ އިންޑިޔާއިންނެވެ. އެއީ 470 މަތިންދާބޯޓު ގަތުމަށެވެ.
މުޅިންވެސް އެއާބަސް އޭ-320 އަދި އޭ-321 މަރުކާގެ މަތިންދާބޯޓު ގަތުމަށް އެކުލަވާލި މި އެއްބަސްވުމުގެ އަގަކީ 50 ބިލިއަން އެމެރިކާ ޑޮލަރެއެވެ. އިންޑިގޯއަށް ސީއެފްއެމް އިންޓަނޭޝަނަލް ނުވަތަ ޕްރެޓް އެންޑް ވިޓްނީގެ އިންޖީނު ނެގުމުގެ އިޚްތިޔާރު އޮންނާނެއެވެ.
އިންޑިޔާގައި އެންމެ ގިނަ މަތިންދާބޯޓު އުދުއްސާ އެއާލައިނަކީ އިންޑިގޯއަށް ވާއިރު، އެ އެއާލައިނުގައި މިހާރުވެސް 310 މަތިންދާބޯޓު އޮވެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ލިބޭ ގޮތަށް 480 މަތިންދާބޯޓަށް ވަނީ އޯޑަރުދީފައެވެ. އިއްޔެ ސޮއިކުރި 500 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމާއެކު ކުރިއަށް އޮތް 12 އަހަރުގެ ތެރޭގައި އެއާލައިނަށް ގާތްގަނޑަކަށް 1000 މަތިންދާބޯޓު އިތުރުވާނެއެވެ.
އިންޑިގޯއިން ރިކޯޑު އަދަދެއްގެ މަތިންދާބޯޓު ގަތުމަށް އޯޑަރުދިންއިރު، އެއާލައިންގެ ހިއްސާގެ އަގުވަނީ ރިކޯޑު މިންވަރަކަށް އިތުރުވެ، %61.4 މައްޗަށް ޖެހިފައެވެ. އަދި ގޯ ފަސްޓް އެއާލައިން ބަނގުރޫޓުވުމާ ގުޅިގެން އެ އެއާލައިނަށް ދަތުރުފަތުރުގެ މާކެޓްގައި ލިބޭ ފުރުސަތުތައް ވަނީ އިތުރުވެފައެވެ. އަންދާޒާކުރެވޭ ގޮތުގައި މިހިނގާ 2023 ވަނަ އަހަރު އެ އެއާލައިނުން 100 މިލިއަން ފަސިންޖަރުން އުފުލާނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއާ ޝޯ ބާއްވާފައި މިވަނީ 4 އަހަރު ފަހުންނެވެ. 2021 ވަނަ އަހަރު ބާއްވަން އޮތް އެއާ ޝޯ ވަނީ ކޮވިޑް-19 ގެ ސަބަބުން ކެންސަލްކޮށްފައެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި އެއާ ޝޯގައި ގާތް ގަނޑަކަށް 2000 މަތިންދާބޯޓަށް ތަފާތު އެއާލައިންތަކުން އޯޑަރުކުރާނެއެވެ.