ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި "ޑާކް ރެއިން އެންޓަރޓެއިންމެންޓުގެ ފިލްމު "ބީވީމާ" އަންނަ އަހަރުގެ ފެބްރުއަރީ މަހު ޕްރިމިއަރ ކުރާގޮތަށް ނިންމައިފި އެވެ.
ލޯބީގެ ރީތި މި ފިލްމު އާންމުންނާއި ހަމައަށް އައުން ލަސްވެފައިވަނީ ކޮވިޑް-19 ގެ ސަބަބުންނާއި އޮލިމްޕަސް ސިނަމާ މަރާމާރާތަށް ބަންދު ކުރުމާއި ގުޅިގެން ނެވެ.
'ބީވީމާ' ޕްރިމިއަރ ކުރާ ތާރީޚަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ކަމުގައި އިއުލާން ކޮށްފައި މިވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން 15 ޑިސެމްބަރުން ފެށިގެން އެޑްވާންސް ބުކިންގ ހެދުމަށް ހުޅުވާލުމުން ނެވެ.
ޑާކް ރެއިން އިން ބުނީ ލޯބީގެ މި ފިލްމުގެ ރަސްމީ ޕޯސްޓަރު މިމަހު 26 ގައި ނެރޭނެ ކަމަށާއި ޓްރެއިލަރ ނެރުމަށް ނިންމާފައިވަނީ ޖަނަވަރީ 2 ވަނަ ދުވަހު ކަމަށެވެ.
ސްކްރީން ރައިޓަރ އަހްމަދް ޒަރީރް ލިޔެ ޑައިރެކްޓްކޮށްފައިވާ އޭނާގެ ފުރަތަމަ ފީޗަރ ފިލްމި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި މަރްޔަމް އަޝްފާ އެވެ. އަދި އެމީހުންގެ މަދަރުސީ ދައުރު ދައްކައިދިނުމަށް ހިމަނާފައިވާ ޒުވާން ދެ ތަރިންނަކީ އާދަމް ޒިދާން (ނާނަ) އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.
ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނެފައިވަނީ މިއީ އެ ޕްރޮޑަކްޝަނުން މިހާތަނަށް އުފެއްދި އެންމެތަފާތު ފިލްމު ކަމަށާއި ކުރީގެ އުފެއްދުންތަކަށް ވުރެ، ބޮޑު ތަރުހީބެއް މި ފިލްމަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ކެމެރާ ކުރުމުގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި) ކެމެރާކޮށްފައިވާ މި ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.
ހުސައިން ތައުފީގުގެ ކުޅަދާނަ ބެކް މިއުޒިކާއެކު، ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހަދާފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.
"ބީވީމާ" އަކީ މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.