ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި މިއަދު ޓިއުނީޝިއާއާއި ބައްދަލުކުރި މެޗުން މޮޅުވެ އޮސްޓްރޭލިއާ ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.
ޓިއުނިޝިއާއާއި ދެކޮޅަށް ކުޅުނު މެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
މި މެޗުން އޮސްޓްރޭލިއާ ކާމިޔާބު ހޯދި ނަމަވެސް ގުރޫޕުގެ ފުރަތަ މެޗުން އެޓީމު ވަނީ ފްރާންސް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އެއީ 1-4 އިންނެވެ. ނަމަވެސް މި މެޗު ކާމިޔާބު ކުރުމުން އެޓީމަށް ދެވަނަ ބުރަށް ދިއުމަށް ވަނީ އަމިއްލަ ބާރު ލިބިފައެވެ. އެގޮތުން މިއަދު ޓިއުނިޝިއާ އަތުން ހޯދި މި މޮޅުން ލިބުނު ތިން ޕޮއިންޓާއި އެކު އޮސްޓްރޭލިއާ ވަނީ ގުރޫޕް ޑީގެ ދެވަނަ އަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ޓިއުނީޝިއާ އޮތީ ފުރަތަމަ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ގުރޫޕުގެ އެންމެ ފުލުގައެވެ.
ޤަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށް އޮސްޓްރޭލިއާއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. ގުޑްވިން ނަގައިދިން ވަރަށް ރީތި ހުރަހަކުން މިޗެލް ޑޫކް ވަނީ ބޮލުން ޖަހާ ގޯލުގެ ވާތު ކަނަށް ބޯޅަ ވައްދާލާފައެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ޓިއުނީޝިއާއަށް ވަނީ ނަތީޖާ ހަމަހަމަ ކޮށްލާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޖެބާލީ ނަގައިދިން ހުރަހަކުން ގޯލާއި ވަރަށް ކައިރިން ކެޕްޓަން ޔޫސުފް މްސާކްނީ ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.
ޓިއުނީޝިއާއިން ދެވަނަ ހާފް ފަށާފައިވަނީ ކުރީ ހާފާއި ހިލާފަށް ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ޓިއުނީޝިއާއިން ދިޔައީ ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާ ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
މިއަދުގެ މި މެޗުން ޓިއުނީޝިއާ ބަލިވިއިރު، އެޓީމަށް އަދި ދެވަނަ ބުރުގެ ފުރުސަތު އޮތް ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ ބައްދަލުކުރާނީ ފްރާންސާއެވެ. މިއީ އެ އެޓީމަށް މޮޅުވަން އުނަދަގޫ މެޗެކަށް ވާނެއެވެ. މެޗުން މޮޅުވި އޮސްޓްރޭލިއާ ބައްދަލުކުރާނީ ޑެންމާކާއެވެ. މި ދެ މެޗުވެސް ކުޅޭނީ މަހުގެ 30 ވަނަ ދުވަހު އެވެ.