މިހާރު ގަތަރުގައި ފެށިގެން ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ހިމެނޭ އޮސްޓްރޭލިއާ އާއި ޓިއުނީޝިއާ މިއަދުގެ މެޗަށް ނިކުންނައިރު، މި މެޗަކީ މި ދެޓީމުން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ ދެވަނަ މެޗެވެ. މި މެޗަކީ ދެ ޓީމަށް ވެސް މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ނަތީޖާ ނެރުން މުހިންމު މެޗެކެވެ.
މި ދެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާތަކަށް ބަލާއިރު، އޮސްޓްރޭލިއާ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފްރާންސް އާއެވެ. މި މެޗުން ފްރާންސް އާއި ވާދަކޮށް އޮސްޓްރޭލިއާ ބަލިވީ 1-4 ގެ ނަތީޖާއިންނެވެ އެހެން ކަމުން ދެވަނަ ބުރަށް ދިއުމަށް ކުރާ ދަތަރުގައި މިއަދުގެ މެޗުން މޮޅެއް ހޯދަން އެޓީމަށް މަޖުބޫރެވެ. މިއަދުގެ މެޗުން ބަލިވެއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު އޮސްޓްރޭލިއާއަށް ގެއްލޭނެއެވެ.
އޮސްޓޭލިއާ މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެފައި ވާއިރު، ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވުނީ އެންމެ ފަހަރަކުއެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަނީގައި ބޭއްވުނު މުބާރާތުގައެވެ. އޭގެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕުން ވެސް އެ ޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ޓިއުނާސިއާ އަށް ބަލާއިރު، ޑެންމާކާއި ދެކޮޅަށް އެޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެހެނަސް މިއަދުގެ މެޗުން މޮޅެއް ހޯދުން އެޓީމަށް ވެސް މުހިންމެވެ. ދެވަނަ ބުރުގެ ފުރުސަތު ބޮޑުކުރުމަށް މިއައަދުގެ މެޗުން ޓިއުނީޝިއާއަށް މޮޅެއް ހޯދުން މަޖުބޫރެވެ. ޓިއުނީޝިއާ މިވަގުތު އޮތީ ލިބުނު އެއް ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނާގައެވެ.
ޓިއުނީޝިއާ ވެސް އެ ޓީމުން މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެފައި ވާއިރު، ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ. އެ ޓީމުން ވާދަކުރި ފަސް ވޯލްޑް ކަޕުން ވެސް ކަޓާފައިވަނީ ގުރޫޕް ސްޓޭޖުންނެވެ.
މިއަދުގެ މެޗަށް ނުކުންނައިރު، އޮސްޓްރޭލިއާ އަށް ވެސް އަދި ޓިއުނީޝިއާއަށް ވެސް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި ސަސްޕެންސަނުގެ މައްސަލައެއް ވެސް ނެތެވެ.