ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން ބްރެޒިލް މޮޅުވެއްޖެއެވެ.
ރޭގެ މެޗުން ބްރެޒިލް މޮޅުވީ ސާބިއާއާއި ވާދަކޮށް 0-2 އިންނެވެ.
ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް ބްރެޒިލް އަށް ލިބުނެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ވިނީޝިއުސް ޖޫނިއަރ ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވެ ދިޔައިރު، އޭރިއާ ބޭރުން ތިއާގޯ ސިލްވާ އާއި ރިޗަލިސަން ފޮނުވާލި ހަމަލާތައް ވެސް ކާމިޔާބެއް ނުވިއެވެ. މީގެ އިތުރުން އަލެކްސް ސަންޑްރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ރިޗާލިސަންއެވެ. މިއީ ވިނީޝިއޫސް ފޮނުވާލި ހަމަލާއެއް ސާބިއާ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ބްރެޒިލްގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ރިޗަލިސަންއެވެ. އޭނާ މި ލަނޑު ޖެހީ ވިނީޝިއޫސް ދިން ބޯޅަ އަކުންނެވެ.
އޭގެ ފަހުންވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ބްރެޒިލް ޓީމުން ތަނަވަސްކުރިއެވެ. ކަސެމީރޯ ފޮނުވާލި ބާރު ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ނުކުތް އިރު ފްރެޑް ފޮނުވާލި ހަމަލާ ގޯލަށް ސާބިއާގެ ކީޕަރު ދިފާއުކުރިއެވެ.
މި ގުރޫޕުން ކޮންމެ ޓީމެއް ވެސް މިހާތަނަށް އެއް މެޗު ކުޅެފައި ވާއިރު، ބްރެޒިލް އަދި ސްވިޒަލެންޑަށް ވަނި ތިން ޕޮއިންޓް ލިބިފައެވެ. ޕޮއިންޓެއް ނުލިބި އޮތީ ސާބިއާ އަދި ކެމަރޫނަށެވެ.