يٰأَيُّهَا ٱلَّذِينَ آمَنُواْ (އޭ އީމާންވެއްޖެ މީސްތަކުންނޭވެ!) މި ޖުމްލައަކީ، ކީރިތި ﷲ އެކަލާނގެ ޚަލްޤު ކުރެއްވި އަޅުތަކުން (އިންސާނުން) ކުރެ، އެކަލާނގެޔަށް އީމާންވީ މީސްތަކުންނާ މުޚާތަބު ކުރައްވާ ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް، ވަޙީ ކުރައްވާފައިވާ ބަސްފުޅެކެވެ. ކީރިތި ޤުރުއާނުގެ މޫރިތި ސޫރަތްތަކުގެ 89 ސޫރަތެއްގައި މިބަސްފުޅުން ވަޙީކުރައްވާފައި ވެއެވެ. ބައެއް ސޫރަތް ފަށްޓަވަމުންވެސް މި ބަސްފުޅު ވަޙީ ކުރައްވާފައި ވެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ޙަޟްރަތުން، ކީރިތި ޤުރުއާން ބާވައި ލައްވާފައިވަނީ، މި އުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް، އެކަލާނގެ ބާވައިލެއްވި ވަޙީގެ ގޮތުގައެވެ.
ވަޙީގެ މަޤްޞަދާއި ބޭނުމަކީ، ހަމަބުއްދި ސަލާމަތުންހުރި، ކޮންމެ އިންސާނަކަށްވެސް، އެނގި، ކަށަވަރު ވާނެފަދައިން، ﷲ، އިންސާނާ އުފައްދަވައި، މި ދުނިޔެއަށް ފޮނުއްވީ، އިމްތިޙާނެއްގެ ގޮތުގައެވެ. ﷲ ހެއްދެވި މަޚްލޫޤަކަށްވެ ހުރެ، ދުނިޔެމައްޗަށް ފޮނުއްވީތީ، އެ އިންސާނާ، ފުރިހަމަ ކުރަން ޖެހޭ ވާޖިބުތަކެއް ހުންނާނެއެވެ. މި ދުނިޔޭގެ އެންމެހައި ތަކެތި، އެއިންސާނާގެ ޚިދުމަތުގައި ލައްވައި، އެ އިންސާނާގެ ދިރިއުޅުން ފުރިހަމަ ކުރައްވާފައި ވާތީއެވެ. ﷲ، އިންސާނާ މި ދުނިޔެމައްޗަށް ފޮނުއްވީ، ހިތަށް އެރިގޮތަކަށް ދުނިޔޭގައި އުޅެފައި، އެކަލާނގެ ޙަޟްރަތަށް އެނބުރި ދާކަށް ނޫނެވެ. އަދި ކިއެއްތަ! މި ދުނިޔޭގައި އުޅުނުމަށް އެކަލާނގެ ވަޙީ ބަސްފުޅުން، އަންގަވައި އިންސާނާއަށް އޮޅުންފިލުއްވައިދެއްވާފައިވާ މަގުން ހިނގައި، އެކަލާނގެ ޙަޟްރަތަށް އެނބުރި ދިއުމަށްޓަކައެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މަޤްޞަދާއި ބޭނުމަކީ އެއީއެވެ.
މި ސަބަބަށްޓަކައި، އިންސާނާ ދިރި ދުނިޔޭގައި އުޅޭ އިރު، އެއިންސާނާގެ މައްޗަށް، ދެކަމެއް ވާޖިބު ވެގެން ވެއެވެ.
- މިދުނިޔޭގައި ލެއްވި އެންމެހައި ތަކެތީގެ ފުރިހަމަ ބޭނުންހިފައި، ދުނިޔެއިން ލިބެންއޮތް އުފަލަކާއި އަރާމެއް ކީރިތި ﷲ އަންގަވައި ހުއްދަ ކުރައްވާ ގޮތެއްގެ މަތިން ލިބިގަތުން.
- ދުނިޔޭގައި ﷲ ލެއްވި އުފަލާއި އަރާމު، އެއިންސާނާގެ އަމިއްލަ ބޭނުމަށް ހިފަމުންދިއުމުގައި، ﷲ ގެ ކުޅަދުންވަންތަ ކަމުގެ މަތިން ހަނދުމަކޮށް، ﷲ އަށް ޙަމްދުކޮށް ޝުކުރު ކޮށް، ވާޖިބާއި ފަރުޟު ފުރިހަމަޔަށް އަދާކުރުމާއެކު، އެކަލާނގެ އަމުރުފުޅުތަކާ، ރުއްސަވާވޮޑިގެންވާ ގޮތާ ޚިލާފަށް އެއްވެސްކަމެއް ނުކުރުން.
މި ދެވާޖިބު އިންސާނާއަށް އަދާކޮށް ފުރިހަމަ ކުރެވޭނީ، އެކަންކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިގެންނެވެ. އެހެންކަމުން، މި ދުނިޔޭގެ އަޞްލާއި ޙަޤީޤަތް، އަދި، ދުނިޔޭގައި ލެއްވި އެންމެހައި ތަކެތީގެ ޙަޤީޤަތާއި، އެތަކެތީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެގޮތް ނޭނގޭ ކަމަށް ވަންޏާ، ކީރިތި ﷲ ގެ މިލްކުގައިވާ، އެކަލާނގެ މި ދުނިޔޭގައި ލެއްވި، ދުނިޔޭގެ އެއްވެސް ކަމެއް އަދި އެއްޗެއް، އިންސާނާއަށް، އޭނާގެ އަމިއްލަ ބޭނުމާއި ފައިދާއަށް، އެންމެ ހެޔޮގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ. ހަމަ އެފަދައިން، ﷲ ރުއްސަވާވޮޑިގެންވާގޮތާއި އެކަލާނގެ އަމުރުފުޅު ކުރައްވާ ކަންކަން، އަދި ރުހިވޮޑިގެން ނުވާ ކަންކަމާއި، ކޯފާވެވޮޑިގެންވާ ކަންކަން އިންސާނާއަށް ނޭނގޭ ކަމަށް ވަންޏާ، އެ އިންސާނާ ދުނިޔެމައްޗަށް ފޮނުއްވިއެއްކަމަކު، ﷲ، ރުހިވޮޑިގެންވާ ގޮތުގައި، މި ދުނިޔޭގެ ޙަޔާތް ބިނާކުރާކަށްވެސް އިންސާނާއަކަށް ނޭނގޭނެއެވެ.
ޖާޘިޔަތު ސޫރަތުގެ 23 ވަނަ އާޔަތް
أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَى عِلْمٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ وَجَعَلَ عَلَى بَصَرِهِ غِشَاوَةً فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ أَفَلَا تَذَكَّرُونَ
"ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި، އަދި ޢިލްމު ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި ހިތުގައި ސިއްކަ ގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއް ލައްވައިފި މީހާ، ކަލޭގެފާނު ދެކެވަޑައިގަތީމު ތޯއެވެ؟ ﷲ މެނުވީ، އެމީހަކަށް ތެދުމަގު ދައްކަވާނީ ފަހެ، ކާކު ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟"
ކީރިތި ﷲ، އިންސާނާ އުފައްދަވައި، އެއިންސާނާއާ ގުޅުންހުރި، ތިންކަމެއް، އުފައްދަވައި، ފުރިހަމަ ކުރެއްވިއެވެ. އެއީ، މަތީގައި ބަޔާން ކުރެވުނު ވާޖިބުތައް އަދާކުރުމަށް، އިންސާނާއަށް ކުޅަދާނަކަން ލިބި ދެއްވުމަށްޓަކައެވެ. އެ ތިންކަމަކީ ؛
- ޙިއްޞުތަކާއި ގުނަވަންތައް ފުރިހަމަ ކުރެއްވުން . އެއީ، ލޮލާއި، ކަންފަތާއި ނޭފަތް، އަދި އަނގަޔާއި ދުލާ، ހަތަރެސް ފަޔާ، ސިކުނޑިއާއި ހިތް
- އިންސާނާ އުފެއްދެވި ބޭނުމާއި ސަބަބު ކަނޑަ އެޅުއްވުން
- އިންސާނާ އުޅެންވީ ގޮތް ބަޔާންކުރައްވާ އަންގަވައި، ހާމަކުރެއްވުން
އިންސާނާ، އޭނާއަށް ލިބިގެންވާ ޙިއްޞުތައް ބޭނުންކޮށްގެން، އޭނާގެ ވަށައިގެން ހިނގާ ކަންކަމާއި، ވާނުވާ ދެނެގަނެއެވެ. އަދި، ސަބަބު ތައް މެދުވެރިވެގެން ދިމާވާ އެތައް ކަމެއް ދެނެގަނެ، ތަޖުރިބާ ކޮށް، ފިލާވަޅު ލިބިގަނެއެވެ. މި ދެގޮތުން ކުރެ ގޮތަކުން، އިންސާނާއަށް އެނގުން ނުވާ، ދޭހަނުވާ އަދި ފަހުމް ނުވާ އެހެނިހެން ކަންތައް ތައް، އެ އިންސާނާއަށް ޙާޞިލުވެގެންދަނީ، މާތް ﷲ ބާވައިލައްވާ ވަޙީގެ ބަސްފުޅުންނެވެ. އެއީ މަގުދައްކައިދޭ ނަޞޭޙަތުގެ ބަސްފުޅަކަށް، އަދި ގަދަ ވެގެންވާ އިންޒާރާއި ކޯފާގެ ބަސްފުޅަކަށް، ނުވަތަ އެކަލާނގެ އަންގަވާ އަމުރުފުޅަކަށް، އަދި އިންސާނާއަށް މަގު ދައްކައިދޭ ފިލާވަޅަކަށް ނުވަތަ ނަޞޭޙަތްޕުޅަކަށްވެސް ވެގެން ހިނގައިދާނެއެވެ.
ކީރިތި ޤުރުއާނުގައި، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ!" އޭ ވަޙީކުރައްވާފައިވާ އާޔަތްތަކަކީ، ވަރަށް މުހިންމު އާޔަތް ތަކެކެވެ. ހުރިހާ އާޔަތްތައްވެސް ފަށްޓަވާފައިވަނީ، އެކަލާނގެ ޚަލްޤު ކުރެއްވި އިންސާނުންކުރެ، އެކަލާނގެއަށް އީމާންވީ މީސްތަކުންނާ މުޚާތަބު ކުރައްވައި، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ!" އޭ ވަޙީ ކުރައްވަމުންނެވެ. ވަޢުދާއި އިންޒާރުގެ ބަސްފުޅު ތަކާއި މަގުދައްކައިދޭ އިރުޝާދާއި މީސްތަކުން އެމައްޗަށް ޢަމަލުކުރަންޖެހޭ ވަޙީގެ ބަސްފުޅުތައް މިއާޔަތްތަކުގައި، އައިސްފައި ވެއެވެ. މި 89 އާޔަތް، ކީރިތި ޤުރުއާނުގައި އައިސްފައިވަނީ އެކި ސޫރަތްތަކުގައި ވަކިވަކިންނެވެ. އަދި ބައެއް ސޫރަތުގައި ތަކުރާރުވާ ގޮތަށެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ!" މިބަސްފުޅު، އެންމެ ފުރަތަމަ އައިސްފައިވަނީ، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުމުގެ ކުރީކޮޅެވެ. ބަޤަރާ ސޫރަތުގައި 11 ފަހަރަށް، އެބަސްފުޅު ތަކުރާރު ކުރައްވާފައި ވެއެވެ. އެންމެ ގިނައިން އެބަސްފުޅު އައިސްފައިވަނީ، ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގައެވެ. އެ ސޫރަތުގައި 16 ފަހަރު، އެބަސްފުޅު ތަކުރާރުކޮށް އައިސްފައި ވެއެވެ.
ބަޤަރާ ސޫރަތުގެ 104 ވަނަ އާޔަތް
يَاأَيُّهَا ٱلَّذِينَ آمَنُواْ لاَ تَقُولُواْ رَاعِنَا وَقُولُواْ ٱنْظُرْنَا وَٱسْمَعُواْ وَلِلكَافِرِينَ عَذَابٌ أَلِيمٌ
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ރަސޫލާގެ އަރިހުގައި) ރާޢިނާއޭ ނުދަންނަވާށެވެ! އަދި، (އޭގެ ބަދަލުގައި “އުންޡުރުނާ”) އޭ ދަންނަވާށެވެ! އަދި، ތިޔަބައިމީހުން، (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށް) އަޑު އަހާށެވެ! އަދި، ކާފިރުންނަށް ހުރީ ވޭންދެނިވި ޢަޒާބެވެ."
ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތް
يَآأَيُّهَا ٱلَّذِينَ آمَنُواْ ٱسْتَعِينُواْ بِٱلصَّبْرِ وَٱلصَّلاَةِ إِنَّ ٱللَّهَ مَعَ ٱلصَّابِرِينَ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން، ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތް
يٰأَيُّهَا ٱلَّذِينَ آمَنُواْ كُلُواْ مِن طَيِّبَاتِ مَا رَزَقْنَاكُمْ وَٱشْكُرُواْ للَّهِ إِن كُنْتُمْ إِيَّاهُ تَعْبُدُونَ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅުތަކެތިން، ތިޔަބައިމީހުން ކައި އުޅޭށެވެ! އަދި، ތިޔަބައިމީހުން، ހަމައެކަނި ﷲ އަށް އަޅުކަންކުރާކަމުގައި ވާނަމަ، އެކަލާނގެއަށް ޝުކުރުވެރި ވާށެވެ."
ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِى لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބއިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަނެހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި، އިޙްސާންތެރިކަމާއެކު، މާފުކުރި ފަރާތަށް (މާފު ކުރެވުނު މީހާ) އެ ދިޔަ އަދާކުރުން ހުއްޓެވެ. އެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙުމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރި ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ."
ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތް
يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް، ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."
މަތީގައި އެވަނީ އެ ބަސްފުޅު ބަޤަރާ ސޫރަތުގައި ވަޙީކުރައްވާފައިވާ ބައެއް އާޔަތެވެ.