ފީފާ ވޯލްޑް ކަޕް ގުރޫޕް ޑީގައި ރޭ އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅުނު މެޗުން ފްރާންސުން ކާމިޔާބު ކޮށްފިއެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމުގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1ގެ ނަތީޖާއިންނެވެ.
މެޗުގެ ކުޅުން ފެށިގެން މާ ގިނައިރުތަކެއް ނުވެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ ޓީމުންނެވެ. ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެއިގް ގުޑްވިންއެވެ. މިއީ މެތިއު ލެކީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގުުޑްވިން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ރަބިއޯޓްއެވެ. އޭނާ މި ލަނޑު ޖެހީ ތެއޯ ހެނާންޑޭޒް ދިން ބޯޅައަކުންނެވެ. ފްރާންސުން މެޗުގެ ލީޑު އަތުލީ 32 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ މެޗުގެ ފުރަތަމަ ލަނޑު ޖެހި ރެބިއޯޓްއެވެ.
ފްރާންސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފްރާންސްގެ ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ޑެމްބެލޭގެ އެހިތެރިކަމާއި އެކު ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ޖީރޫޑެވެ. އޭނާއަށް މި ލަނޑު ޖެހުމަށް އެހީތެރވެދިނީ އެމްބާޕޭއެވެ. މި މެޗުގައި ޖީރޫޑް ޖެހި ދެ ލަނޑާއެކު އޭނާ ފްރާންސްގެ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ ޖުމްލަ 51 އަށް އަރާފައެވެ.
ރޭގެ މި ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނާގައި ތިން ޕޮއިންޓު ހޯދައިގެން ފްރާންސް އޮތްއިރު، ގްރޫޕްގައި ދެން ކުޅުނު މެޗުން އެއްވަރުވި ޑެންމާކާއި ޓިއުނީޝިޔާއަށް ލިބެނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ފްރާންސް އަތުން ބަލިވި އޮސްޓްރޭލިއާއެވެ.