55 މެމްބަރުންގެ ވޯޓާއެކު ޓެކްސް ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު ފާސްކުރުމަށް 55 މެމްބަރުން ވޯޓު ދެއްވި އިރު، 26 މެމްބަރުން ވަނީ އެކަމަށް ނޫނެކޭ ވިދާޅުވެފަ އެވެ.

މި ބިލު ފާސްކުރުމުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެ އެވެ.

މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލެކެވެ.

މިއަދު ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު ވަގުތު ވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މިއަދު ޓެކްސް ބިލަށް ވޯޓަށް އަހާފައި މިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މި ބިލަށް ވޯޓަށް އަހަން ތާވަލް ކުރުމަށްފަހުއެވެ.

ހޯމަ ދުވަހު މި ބިލް ފާސް ކުރަން ތައްޔާރަށް ތިއްބާ މަޖިލީހުގެ ރިޔާސަތުން ވަނީ ކޯރަމް ނެތް ކަމަށް ބުނެ ޖަލްސާ ނިންމާލާފަ އެވެ. އަދި އިއްޔެ ބޭއްވި ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް ނާހައި ނަޝީދު ވަނީ ޖަލްސާ ނިންމާލާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.