ކޯލް ގާރލް - 37

(17 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެ ދުވަހު މިގެއިން ނުކުމެގެން ދަނިކޮށް މަގުމަތިން ދިމާވި ގުންޑާއިންގެ ބަޔަކު ދިމާކޮށްލީ!"

"މާސްޓަރްޖީ އޭނާގެ ފުރާނައާ ކުޅޭ ހިސާބަށް ދުއްވާލައިގެން އަޅުގަނޑު ސަލާމަތްކޮށްދިނީ...އެ ތަޅާފޮޅުންގަނޑުގެ ތެރޭގައި އަޅުގަނޑުގެ ބޯފެޅުނީ..."  އަޝޯކް އެވާހަކަ އަހާފައި ޙައިރާންވިއެވެ.

އަދި އިރުކޮޅަކު ވިސްނާލަން ހުރެފައި ބުންޏެވެ. "މާސްޓަރޭ!" އެ ކްރިޝްނާލޮޖްގައި ހުންނަ މީހާތަ؟"

"އާނ...ހަމަ އޭނާ އަޝޯކް ބާބޫ! އިންސާނުން ބައެއްފަހަރު އަނގުރު އަލިފާންނަށްވޭ. އަދި އަނެއްބައި ފަހަރު ފަރި މަލަކަށްވެސްވޭ"

"ކަލެއަށްވެސް ދިރިއުޅުމުގައި ކޮންކަހަލަ މީސްމީހުނެއްގެ އެހީ ލިބުމުން އެބަދޭ...ދޯ؟"

"އާނ...ތަފާތު ވައްތަރު ވައްތަރުގެ  މީހުންނާ އެބަ ދިމާވޭ … އޭގެތެރޭގައި އަޅުގަނޑަށް ހަނދާން ނައްތާނުލެވޭނެ ތިންމީހަކު އެބަވޭ.  އޭގެތެރެއިން އެކަކީ އޭނާގެ ސަބަބުން އަޅުގަނޑުގެ ކޮއްކޮގެ ފުރާނަ ގެއްލުނު މީހާ، އަދި ހަމަ އެމީހާ ފަހުން އޭނާގެ އަމިއްލަ ފުރާނައާ ކުޅޭހިސާބަށް ދުއްވާލައިގެން އަޅުގަނޑު ސަލާމަތްކޮށްދިންމީހާ، އަނެކަކީ އެތައް ދުވަހެއް ވަންދެން އަޅުގަނޑުގެ ހަށިގަނޑަކީ ކުޅޭ އެއްޗެއްކަމުގައި ދެކެގެން އެއާ ކުޅެމުން ގެންދިޔަ މީހާ، ނަމަވެސް އަޅުގަނޑު އެމަގުން އެއްކިބާވެއްޖެކަން އޭނާއަށް ހަމަ އެނގުމުން އަޅުގަނޑަކީ ދޭވީއެއްކަމުގައި ބަލައި އަޅުގަނޑަށް އަޅުކަންކުރަން ފެށިމީހާ... ތިންވަނަ މީހަކީ، އެމީހަކާ އަޅުގަނޑާ ދެމެދު އެއްވެސް ވާސިތާއެއް ނެތް މީހެއް..... އެއީ...ކަލާ....!"

ރަޖްނީގެ އެވާހަކަ އަހާފައި އެއްވެސް އެއްޗެއްނުބުނެ އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ. ވަރަށް ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު ކޮންމެވެސް އެއްޗެއްބުނަން އަޝޯކް ހީކޮށްލިތަނާ އެތަނަށް އައީ ފަނަރަ ސޯޅަ އަހަރުގެ ޒުވާންކުއްޖެކެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެތަނަށް އައުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"އަޝޯކް ބާބޫއަކީ  ތިޔައީތޯ؟"

"އާނ... ކީއްވީތަ؟؛" އަޝޯކް އެކުއްޖާ ހާސްވެފައި ހުރި މިންވަރު ދެކެފައި އަވަސް އަވަހަށް ސުވާލުކުރިއެވެ.

"ޖަޔަންތު ބާބޫގެ ޙާލު ވަރަށް ބޮޑު...އަވަހަށް ހިންގަވާ!"

"ޖަޔަންތު ބާބޫއޭ...އޭނާ އޮތީ ކޮންތާކު؟" އަޝޯކްވެސް ކަންބޮޑުވެލާފައި އަހާލިއެވެ.

"ސިރޯވުޑްކަރް ނާރސިންގްހޯމްގައި"

"ރަޖްނީ..." އަޝޯކް ރަޖްނީގެ ގާތުގައި ކޮންމެވެސް އެއްޗެއް ބުނަންވެގެން ވާހަކަ ދައްކަން ފެއްޓިއެވެ. ނަމަވެސް އޭނާ ވާހަކަ މެދުކަނޑާލާފައި ރަޖްނީ ބުންޏެވެ.

"އަޝޯކް ބާބޫ...އަޅުގަނޑުވެސް ކަލާއާ އެކު ދަންތޯ؟"

"އާނ... އަވަހަށް ހިނގާ" އެހެން ބުނެފައި އަޝޯކް އަވަސް އަވަހަށް މަގުމަތިން ޓެކްސީއެއް ހުއްޓުވާފައި ތިންމީހުން އެޓެކްސީއަށް އަރައިފިއެވެ. އަދި  ވީހާ އަވަހަކަށް އެނާރސިންގްހޯމް އަށް ދާން ޓެކްސީގެ ޑްރައިވަރުގާތު ބުނުމާއެކު ވަރަށް ބާރަށް ޓެކްސް ދުއްވާލައިފިއެވެ.

ނާރސިންގހޯމްއަށް ގޮސް ޖަޔަންތު އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި އަޝޯކް އާއި ރަޖްނީ އެކޮޓަރީގެ ތެރެއަށް ވަނުމާއެކު އެނދުމަތީގައި އޮތް ޖަޔަންތު އެމީހުން ފެނިގެން ވަރަށް ބަލި އަޑަކުން ބުންޏެވެ.

"އާދޭ... އާދޭ... އަޝޯކް...ކަލޭ ރަޖްނީވެސް ގޮވައިގެން  އައިކަން ވަރަށް ރަނގަޅު އަހަރެން މަރުވުމުގެ ކުރިން އަހަރެން ދެކެން ބޭނުމީ ހަމައެކަނި ކަލޭމެން ދެ މީހުން...."

"ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތަ؟" އަބަދުވެސް ޒަހަރުގެ ވާހަކަ ނޫނީ ނުދައްކާނެ...ނިކަން ފޮނިއެއްޗެއްގެ ވާހަކަ ވެސް ބައެއްފަހަރު ދައްކާލަބަލަ!... އަޝޯކް ޖަޔަންތު ކައިރީގައި ހުރި

ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ.

"ތެދު އެއީ އަބަދުވެސް ހިތި އެއްޗެއް ރަޙްމަތްތެރިޔާ! އަހަރެން މިބުނަނީ ހަމަ މުޅީން ތެދުވާހަކަ..."  "ތެދު ވާހަކައަކީ ކޮބައިތަ؟"  ޑަކްޓަރުބުނީ ކީކޭތަ؟"

"އަބަދުވެސް މިފަދަ ވަގުތެއްގައި ޑަކްޓަރުން ދައްކާނީ ބަލިމީހާގެ ހިތްހަމަޖައްސައިދޭ ކަހަލަ ވާހަކަ، ނަމަވެސް ހަޤީޤަތް އަހަރެންނަށް ރަނގަޅަށް އިނގޭ އަހަރެން ލިވަރު މިހާރު މިވަނީ ފެއިލްވެފައި މިހާރު އެއްވެސް ބޭހަކުން އަހަރެން މަރުން ސަލާމަތެއް ނުކުރެވޭނެ. އަނެއްކޮޅުން ދެން ދިރިއުޅެން ބޭނުންވަނީވެސް ކާކުތަ؟ ވަރަށް ރަނގަޅަށް ދިރިއުޅެވިއްޖެ!" ޖަޔަންތު ހިނިތުންވެލާފައި ބުންޏެވެ.

"ތިޔަހެން ނުބުނުއްވާ ޖަޔަންތު ބާބޫ!" ރަޖްނީ ވަރަށް އަސަރާއެކު ބުންޏެވެ. "އަޅުގަނޑުމެން ކަހަލަ ނުބައި މީހުން ދިރި އުޅެމުންދަނީ ކަލާގެ އެހީން..."

"ދިރިއުޅުމުގެ އެހާ ގިނަ ބޮނޑިތައް ލިބުމަށްފަހުވެސް ކަލާ ކިހާ މަޢުސޫމްދޯ!"  އިންސާނުން ނުބައެއް ނުވާނެ ވަގުތާއި ހާލަތު އިންސާނުންނަށް ނުބައި މީހުންނަށް ހަދަނީ ކަލެއަކީ ނުބައި މީހެއްކަމުގައި ދެކޭ މީހުންނަކީ ވަކީން ކޮން ރަނަގަޅު ބައެއްތަ. ހެދުންލައިގެން ފޮރުވި ގެން އުޅޭ ކޮންމެ މީހަކީވެސް ހެދުމުގެ ދަށުގައި އޮރިޔާމުން ހުރި މީހެއް..."

އެހިސާބަށް ބުނެވުނުތަނާ ޖަޔަންތު ވަރަށް ބޮޑަށް ކެއްސައިގެންފިއެވެ. އެވަގުތު އަޝޯކް ކަންބޮޑުވެގެން އޭނާ އިންގޮނޑިން ތެދުވަމުން ބުންޏެވެ.

"މަޑުކޮށްލާ... އަހަރެން ޑަކްޓަރަށް ގޮވާލާނަން..."

"އަޅާނުލާ" ޖަޔަންތު އަޝޯކްގެ އަތުގައި ހިފަހައްޓާލާފައި ބުންޏެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.