އިންޑިއާގެ ބޯޓުތައް ގިނަވުމުގެ ޝަކުވާއެއް ކޯސްޓްގާޑުން ފާހަގަކޮށްފައި ނެތް ކަމަށް ިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ މަސްބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދުން ވެސް މަސް ނަގަމުން ގެންދާ އިރު ސަރުކާރުން ފިޔަވަޅުއަޅަމުން ނުދާ ކަމަށް ބުނެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުރެއްވި ތުހުމަތުތަކަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ވަކި ގައުމެއްގެ އުޅަނދެއްތޯ ނުބަލައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަންނަ ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް ގާނޫނީ ފިޔަވަޅު އަޅަމުން ދާ ކަމަށެވެ.
ރާއްޖޭގެ އުތުރުން އިންޑިއާ އާއި ރާއްޖެ ހިއްސާކުރަނީ އެއް ބޯޑަރެއް ކަމަށާއި އެ ދެމެދުގައި 200 މޭލު ނުހުންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ އެންމެ 30 އެތައް މޭލެއްގެ ސަރަހައްދެއް ކަމަށެވެ.
" ބޭރުގެ ބައެއް މަސްބޯޓުތަކުން ރާއްޖޭގެ ސަރަހައްދަށް ވަންނަ ކަމުގެ ޝަކުވާ މަސްވެރިންގެ ކިބައިން ލިބޭ. ހަމަ އެގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އުޅަނދުފަހަރު ވެސް އޮޅިގެން އިންޑިއާ ސަރަހައްދަށް ވަދޭ. ގާނޫނީގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލައްޓާ ބަޔަކީ ކޯސްޓްގާޑު." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2019 އޯގަސްޓް މަހުން ފެށިގެން މަސްވެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން ގާނޫނާ ޚިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް، އަށް އުޅަނދެއް ކޯސްޓްގާޑުން ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިނިސްޓްރީއާ ހަވާލު ކުރި ފަސް އުޅަނދަށް ގާނޫނީ ފިޔަވަޅު އަޅައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.