ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ) އަށް ހުކުމް ކުރުން ސްޕްރީމް ކޯޓުން ފަސްކޮށްފިއެވެ.
މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައިގާ ބަންދުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލި މައްސަލައިގެ ހުކުމް ކުރުމަށް ސްޕްރީމް ކޯޓުގައި ތާވަލް ކުރި އަޑު އެހުން ފަސްކުރި ސަބަބެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މި މައްސަލއިގެ ހުކުމް ކުރާ ޝަރީއަތް ބާއްވާނެ ތާރީޚެއް ވެސް ސްޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެއެވެ.
އޭނާގެ ދެ ކޮއްކޮ ޖާމިނުކޮށް ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ދަށު ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ހުށައަޅާފައިވަނީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރަން އޮންނަ 48 ގަޑިއިރަށްވުރެ ފަހުންކަމަށް ކަނޑައަޅާ ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އެހެންނަމަވެސް ހައިކޯޓުގެ ނިންމުމުގައި ބުނާ 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމާ ދުވަސް ނުހިމަނާކަމަށް ބުނެ ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ އަސާސްތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލައިގެ އަޑުއެއެހުންތަކަށްފަހު މައްސަލަ ނިންމަން އެންމެ މަތީކޯޓުން ވަނީ ތާވަލުކޮށްފައިވަނީ އިއްޔެއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ.
މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިން ކަމަށްވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުއެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.
އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.