ކޮވިޑް-19 ގެ އިތުރު ރާޅުތައް އަރަމުންދާއިރު، އަދި އާ ވައްތަރު ވައްތަރަށް ބަދަލުވަމުންދާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާއިރުވެސް ފަގީރު ގައުމުތަކުގެ ގިނަ ރައްޔިތުން ތިބީ އަދިވެސް ވެކްސިންގެ އިންތިޒާރުގައެވެ. މިހާލަތުގެ ސަބަބުން އެފަދަ ގައުމުތަކުގެ ސިއްހީ ޚިދުމަތްތެެރިންނާއި، ވެކްސިން ނުލިބި އާއްމު ރައްޔިތުން ތިބީ ބޮޑު ކަންބޮޑުުވުމެއްގެ ތެރޭގައެވެ.
ފަގީރު ގައުމުތަކުގެ ބޮޑެތި ރަށްރަށުުގައި ހުރި ހޮސްޕިޓަލްތަކުގެ އައިސީޔޫ (އިންޓެންސިވް ކެއާ ޔުނިޓް) އެނދުތައް ފުރެމުން ދާއިރު، މިހާލަތުގައި ބަލީގައި ބޮޑުވަރުވުމަކީ މަރުގެ ހުކުމެއް އައުން ފަދަ ކަމެކެވެ. ޚާއްސަކޮށް ފަގީރު ގައުމުތައް އެންެމެ ގިނަ ބައްރު އެފްރިކާގައެެވެ. އެފްރިކާ ބައްރުގެ އާބާދީ 1.3 ބިލިއަނަށް އަރާއިރު އެއީ ދުނިޔޭގެ އާބާދީގެ %18 އެވެ. އެހެންނަމަވެސް، އެފްރިކާގައި ދެވިފައި ވަނީ ދުނިޔޭގައި ދެވުނު ވެކްސިންގެ %2 އެވެ. އަދި ބައެއް ގައުމުތަކުގައި އެންެމެ ވެކްސިނެއްވެސް ދެވިފައި ނުވެއެވެ.
"މި ވަބާ ފެތުރެން ފެށީއްސުރެ އަަހަރުމެން ބުނަމުން މިދަނީ އަހަރުމެން އެންމެންނަށް ރައްކާތެރިކަން ނުލިބެނީސް އަހަރުމެން ތިބީ ރައްކާތެރިކަމުގައެެއް ނޫނޭ." އެފްރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) ގެ ޑިރެކްޓަރު އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ކެމަރޫންގެ ވައިރޮލޮޖިސްޓު ޖޯން އިންކެންގަންސޯންގް ވިދާޅުވިއެވެ.
15 މިލިއަން މީހުންެގެ އާބާދީއެއް އޮންނަ ޒިމްބާބްވޭގައި ވަނީ 40 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 1600 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ޒިމްބާބްވޭއަށް މިހާތަނަށް 1.7 މިލިއަން ޑޯޒްގެ ވެކްސިން ލިބިފައިވާއިރު، ބޭނުންކުރެވިފައި ވަނީ 1 މިލިއަން ޑޯޒެވެ. ސަބަބެއް ކަމަށް ޒިމްބާބްވޭގެ އޮފިޝަލުން ބުނަނީ ރަށްފުށުގެ ސަރަހައްދުތަކުގައި ރައްކާތެރިކަމާއެކު ވެކްސިން ބަހައްޓާނެ ވަސީލަތްތައް ގާއިމުވެފައި ނެތުމެވެ.
އަވަށްޓެރި ޒެމްބިޔާގައި ވެސް ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު މަޑުޖެހިފައެެވެ. އަދި ހޮސްޕިޓަލްތަކުގައި ހުރި ވެކްސިޖަން މަދުވަމުން ދާއިރު، ވެރިރަށް ލުސާކާގެ ހޮސްޕިޓަލްތަކުން ދަނީ ކޮވިޑް-19 ގައި ބޮޑުވަރު ނުވާ މީހުން އަނބުރާ ފޮނުވާލަމުންނެވެ.
އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޔޫގެންޑާގައި ހާލަތު ހުރީ އެފަދަ ގޮތަކަށެެވެ. ޔޫގަންޑާގައި އަމިއްލަ ހޮސްޕިޓަލެއް ހިންގާ ފަރާތެއް ކަމުގައިވާ ޑރ. އިއާން ކްލާކް ވިދާޅުވިގޮތުގައި އެެންމެ ދެރަ ކަމަކީ އަހަރުމެންނަށް ދެން ވެކްސިންގެ ބެޗެއް ލިބޭނީ ކޮން އިރަކު ކޮން ތާކުން ކަން ނޭނގުމެވެ.
އެންެމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އާބާދީގެ %10 މީހުންނަށް ވެކްސިން ދިނުމަށް ދުނިޔޭން ކަނޑަައަޅާފައިވާ ލަޑުދަނޑި އެފްރިކާގެ %90 ގައުުތަކަށްް ހާސިލު ނުކުރެވުމެވެ. ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިސް ނަގައިގެން ކުރިއަށް ގެންދާ 'ކޮވެކްސް' ފެސިލިޓީން ވައުދުވެފައިވާ މިންވަރަށް ވެކްސިން ފޯރުކޮށް ނުދެވުމަކީވެސް ފަގީރު ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މަސަލައެވެ.
އެމެރިކާ ބައްރުގެ އެންމެ ފަގީރު އެއް ގައުމު ހައިޓީގައި ވެކްސިން ޖަަހަން އެދި ހޮސްޕިޓަލްތަކަށް ދާ މީހުންނަށް ޖެހިފައި ވަނީ މާޔޫސްކަމާއެކު އެނބުރިދާށެެވެ. ސަބަބަކީ ކޮވެކްސް އެ ގައުމަށް ލިބެން އޮތް ކޮވެކް ފެސިލިޓީން ފޯރުކޮށްދޭން ނިންމާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބުން ލަސްވުމެވެ.
އޭޝިޔާ ބައްރުގެ އެންމެ ފަގީރު އެެއް ގައުމު ކަމުގައިވާ އަފްޣާނިސްތާނުގައި ވެސް ވެކްސިން ހާލަތު ވަނީ ކަންބޮޑުވާންޖެހޭ ހިސާބެއްގައެވެ. އެގައުމުގެ 36 މިލިއަން މީހުންެގެ އާބާދީގެ ތެރޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައި ވަނީ އެންމެ 6 ލައްކަ މީހުންނަށެެެވެ. އެއީ އާބާދީގެ %2 އަށްވުރެ ކުޑަ އަދަދެކެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރެވިފައިވަނީ މާ މަދު އަދަދެއްގެ މީހުންނަށެވެ.