ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ ހާރޫން ޕަޓުވަރިއަކީ އެހެން އާއިލާތަކުގެ އިސް މީހާގޮތަށް އާއިލާގެ ހުރިހާ ޒިންމާއެއް ނަގަން ބޭނުންވާ މީހެކެވެ. އަދި ހަމަ އެހެން ކުދިންގެ ބައްޕައިން ފަދައިން ދަރިންގޮވައިގެން ތަންތަނަށް ގޮސް ތަންތަން ދައްކާލައި ދަރިންނާއެކު އުފާވެރި ހަޔާތެއް ހޭދަކުރަންވެސް ބޭނުންވާ މީހެކެވެ.
ހާރޫނަކީ އޭނާގެ ލޯބިވާ އަންހެނުންނާއެކު އާއިލީ ކަންކަމުގައި ބައިވެރި ވުމަށްވެސް ޝައުގުވެރިވާ އުފާވެރި ދިރިއުޅުމަކަށް ލޯބި ކުރާ މީހެވެ. ނަމަވެސް އޭނާއަށް ދިމާވެފައިވާ ބަލި ހާލަތުގެ ސަބަބުން މި ހުރިހާ ކަމަކަށް ހާރޫނު ވަނީ ނުކުޅެދިފަ އެވެ.
ހާރޫން އުޅެން ޖެހިފައި ވަނީ، އޭނާގެ އުނަގަނޑާ ދިމާލުން ފިނދުމަސްގަނޑުގައި އުފެދިފައިވާ 39 ކިލޯގެ ބޮޑު ޓިއުމަރާއެކުގައެވެ.
އެޓިއުމަރާއެކު 53 އަހަރުގެ ހާރޫނު އުޅެން ޖެހިފައިވާތާ މިހާރު 40 އަހަރު ވެއްޖެ އެވެ. ހާރޫނު ބުނެފައި ވަނީ ޓިއުމަރުގެ ސަބަބުން އޭނާއަށް ނުވެސްހިނގޭ ކަމަށެވެ.
"އަބަދުވެސް އިންނަން ޖެހެނީ އިށީދެގެން، ޓިއުމަރުގެ ބަރުކަމުން ފައި އުފުލައި ހަރަކާތެއް ނުކުރެވޭ. މީހެއްގެ އެހީތެރިކަމާއެކުގައި ނޫނީ އެއްވެސް ތަނަކަށް ނުދެވޭ،” ހާރޫނުގެ ހާލު ކިޔައިދެމުން އޭނާ ބުނެފައިވެ އެވެ.
ހާރޫނުގެ އަންހެނުން، 49 އަހަރުގެ ޖެއިރުންނިސާ ބުނީ ހާރޫނު އެހާލުގައި އުޅޭތަން ބަލަން ފަސޭހަ ނޫން ކަމަށެވެ. އެކަމަކު އެމީހުންގެ މާލީ ހާލަތު ހުރި ގޮތުން ހާރޫނަށް ބޭސްފަރުވާ ކުރުމަށް ކުރެވޭނެ ކަމެއް ނެތެވެ. ހާރޫނުނަށް މަސައްކަތެއް ނުކުރެވޭއިރު ކުޑަދެކުދިންނާއި އަންހެނުންގެ މަސައްކަތުން އާއިލާ މީހުންނަށް ކާއްޗެއް ލިބެނީ ދެއިރު އެވެ. އެއީވެސް އަވައްޓެރިންގެ އެހީތެރިކަމާއެކީގަ އެވެ.
ހާރޫނަށް ދިމާވެފައިވާ އަނެއް މައްސަލައަކީ އޭނާއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ބައެއްމީހުން އޭނާއަށް ކުރަމުންދާ މަލާމާތެވެ. މީގެ އިތުރުން ކުޑަކުދިން އޭނާދެކެ ގަންނަ ބިރަކީވެސް ވަކިން ކުޑަކަމެއްނޫނެވެ. ނަމަވެސް ހާރޫނަށްވެސް މިހާރު ވަނީ އާ އުއްމީދުތަކެއް ލިބެންފަށާފަ އެވެ.
އެއީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމުގެ މާލީ ގާބިލްކަން ނެތް މީހުންނަށް އެހީވާ ސޯޝަލް އެކްޓިވިސްޓެއްގެ ލޮލުގައި ހާރޫނު އަޅައިގަތުމެވެ. އެ އެކްޓިވިސްޓު، މަމުން ވިސްވާސް މިހާރު ވަނީ ހާރޫނުގެ ޓިއުމަރު ނެގުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކެމްޕެއިނެއް ފަށައިފަ އެވެ.