ކަޝްމީރުގެ އިންޑިޔާ ފަޅިއަށް އިންޑިޔާގެ ގާނޫނު އަސާސީން ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ނިގުޅައިގަނެ، ކަޝްމީރުގެ ބިން ކަޝްމީރު މީހުން ނޫން މީހުންނަށް މިލްކުރެވޭ ގޮތަށް ހެދުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޑިޕެންޑެންޓް ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައިޕީއެޗްއާރްސީ) އިން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އިންޑިޔާއިން އަލަށް ތައާރަފުކުރި 'ޔުނިއަން ޓެރިޓަރީ އޮފް ޖައްމޫ އެންޑް ކަޝްމީރު ރިއޮގަނައިޒޭޝަން' ގާނޫނުގެ ދަށުން އިންޑިޔާގެ ކޮންމެ ރައްޔިތަކަށް ކަޝްމީރުން ބިން މިލްކުކުރުމުގެ ހައްގު ލިބުމުގެ އިތުރަށް އިންޑިޔާ ސިފައިންނަށް 'ސްޓްރެޓީޖިކް' ބޭނުމަށް ކަމަށް ބުނެ ކަޝްމީރުގެ ކޮންމެ ހިސާބަކުން ވެސް ބިން ހިފެހެއްޓިދާނެއެވެ. އަދި، ހިންދުތުވާ (ހިންދޫ ވަޠަނިއްޔަތު) އަށް ހިތްވަރުދޭ އެހެން ގާނުނުތައް ފަދައިން މިގާނޫނުގެ ބޭނުމަކީ ކަޝްމީރު ނޫން މީހުން ގެނެސް ކަޝްމީރުގައި ވަޒަންވެރިކޮށް ކަޝްމީރުގެ އާބާދީގެ ނިސްބަތް ބަދަލުކޮށްލުމެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިންޑިޔާގެ މިއަމަލު ތަކަކީ އޯއައިސީއާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ޚިލާފު އަމަލުތަކެކެވެ. އަދި މިއީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން އިސްރާއީލުން ހިންގާ އަމަލުތަކާއި އެއްފަދަ އަމަލުތަކެކެވެ.
އިންޑިޔާގެ މިގާނޫނާ ދެކޮޅު ހެދުމުގައި ކަޝްމީރުގެ ސިޔާސީ ފަރާތްތާއި އާއްމުން ކުރާ މަސައްކަތަށް ތާއީދުކުރަމުން އޯއައިސީގެ ބަޔާނުގައި ބުނެފައި ވަނީ އިންޑިޔާއިން މި ގާނޫނުގެ ދަށުން ކުރާ ކަންކަން ބަލައިނުގަނެވޭނޭ ކަމަށާއި މިއީ ފާޅުގައި އިސްތިއުމާރީ އާބާދީތަކެއް އުފެއްދުން ކަމުގައެވެ.
ބަޔާން ނިންމާލާފައި ވަނީ އިންޑީޔާގެ މި އަމަލު ހުއްޓުވުމަށް މަސައްކަތްކުރުމަށް އދ.އަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.
އިންޑިޔާގައި ވެރިކަންކުރާ ކަނާތުފިޔަައިގެ ހިނދޫ ވަޠަނީ ޕާޓީ ބީޖޭޕީގެ ސަރުކާރުން ވަނީ ކަޝްމީރުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކަޝްމީރު މީހުން އަމިއްލަ ވަޒަނުގައި ބައިމަދު ބަޔަކަށް ހެދުމަށް މަގުފަހިވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަަސައްކަތް ފާއިތުވި އަހަރުގެ އޮގަސްޓް މަހު ފަށާފައެވެ. މިކަމާ ދެކޮޅަށް އަޑުއުފުލާ ކަޝްމީރު މީހުންގެ އަޑު ކަނޑުވާލުމަށް ސިފައިން ބޭނުންކޮށްގެން ދަނީ މަސައްކަތްކުރަމުންނެެވެ.