ކޮވިޑް- 19 ގެ ސަބަބުން 7 މަސްދުވަހަށް ބަންދުކޮށްފައި އޮތުމަށް ފަހު، ބޭރު ގައުމުތަކުން ޢުމްރާއަށް ދާން ރެއިން ފެށިގެން ހުޅުވާލުމާއެކު ފުރަތަމަ ދުވަހު 10 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް އެތެރެވާނެކަން އެގައުމުން ހާމަކޮށްފިއެވެ
މިކަން ހާމަކުރައްވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ޢަމްރު އަލްމައްދާ ވިދާޅުވި ގޮތުގައި ޢުމްރާއަށްދާ އެންމެން ފުރަތަމަ ޖެހޭނީ ތިން ދުވަހުގެ ކަރަންޓީނުގައި ތިބޭށެވެ. އެއަށްފަހު ހަމަޖެހިފައިވާ ވަކި އިންތިޒާމެއްގެ ދަށުން އެމީހުން އިޙްރާމް ބަނުމަށް މީޤާތަށް ގެންދެވޭނެއެވެ.
ޢުމްރާއަށް އެތެރެވާ މީހުންނަށް ސައޫދީ އަރަބިއްޔާގައި ތިބެވޭނީ 10 ދުވަހުއެވެ. އޭގެ ތެރޭގައި ކަރަންޓީނުގައި ތިބޭ 3 ދުވަސްވެސް ހިމެނެއެވެ. ބޭރުން އަންނަ މީހުންގެ ތެރެއިން ދުވަހަކު ޢުމްރާގެ އަޅުކަން އަދާކުރެވޭނީ 10 ހާސް މީހުންނަށެވެ. އެއީ 20 މީހުންގެ 500 ގްރޫޕަށް ބަހާލައިގެންނެވެ. މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އެތެރެވެވޭނީ 50 އަހަރަށްވުރެ އުމުރު މަތިނުވާ މީހުންނަށެވެ.
ހައްޖު މިނިސްޓްރީން ބުނި ގޮތުގައި މިއަދުން ފެށިގެން މައްކާގެ ޙަރަމްފުޅަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ޖުމްލަ ވެއްދުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނެވެ. އަދި ނަމާދުކުރުމަށް ވައްދާނީ 60 ހާސް މީހުންނެވެ.
ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް އެތެރެވުމުގެ ހުއްދަ އަދި ދެނީ ހޮވާލެވިފައިވާ ވަކި ގައުމުތަކެއްގެ މީހުންނަށް ނަމަވެސް ސައޫދީ އަދިވެސް އެ ގައުމުތައް ހާމަކޮށްފައި ނުވެއެވެ. ޑެޕިއުޓީ ހައްޖު މިނިސްޓަރު އަލްމައްދާ ވިދާޅުވީ ޢުމްރާ އެތެރެވުމުގެ ހުއްދަދޭ ގައުމުތައް ކަނޑައަޅާނީ ސައޫދީ ސެންޓަރ ފޯ ޑިޒީޒް ޕްރިވެންޝްން އެންޑް ކޮންޓްރޯލްއާއި ހެލްތު މިނިސްޓްރީން އެގައުމެއްގައި ކޮވިޑް- 19 ގެ ހާލަތު އޮތް ގޮތަކަށް ބަލާފައި ކަމުގައެވެ.
ބޭރު ގައުމުތަކުން ޢުމްރާއަށް މީހުން އުފުލުމެ ހުއްދަ އަދި ދީފައި އޮތީ ސައޫދީ އެއާލައިނަށެވެ. އެހެންކަމުން އެ އެއާލައިނުން މިވަގުތު ދަތުރުކުރާ 32 މަންޒިލްގައި ނުހިމެނޭ ގައުމަކުން މިވަތު އުމްރާއަށް ދިއުމުގެ ފުރުސަތު ނޯންނާނެކަމަށް ބެލެވެއެވެ. ސައޫދީ އެއާލައިނުން މިވަގުތު ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާން ހިމެނޭއިރު، ދިވެހިރާއްޖެއާއިސްރީލަންކާ ނުހިމެނެއެވެ.