ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯން މުސްލިމުންނާ ދެކޮޅަށް ދެއްކެވި ވާހަކާފުޅާ ގުޅިގެން ފަރަންސޭސި ވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިއެއްކަމުގައިވާ ޕައުލް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް މިއަދު ފެތުރުނު ޚަބަރަކީ ދޮގެއްކަމަށް ދުނިޔޭގެ މީޑިއާތަކުން ހާމަކުރަންފަށައިފިއެވެ.
ޕޮގްބާއަކީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި މޮޅުކުޅުމެއް ދައްކައި ފަރަންސޭސިވިލާތަށް ތަށި ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ފަރަންސޭސިވިލާތުގެ މީޑިއާއިން މިއަދު ހާމަކުރިގޮތުގައި ރައީސް މެކްރޯން އިސްލާމްދީނަށް ހުތުރުވާގޮތަށް ދެއްކެވި ވާހަކާތަކާމެދު ޕޮގްބާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާގެ ވިސްނުން ހުރީ އެއީ ފަރަންސޭސިވިލާތުގެ މުސްލިމުން ނިކަމެތި ކުރުމަށް ރައީސް ދެއްކެވި ވާހަކަފުޅެއްކަމަށެވެ. ފަރަންސޭސިވިލާތުގެ އާބާދީގައި ކްރިސްޓިއަނުން ފިޔަވައި ދެން އެންމެ ގިނައީ މުސްލިމުންނެވެ.
ރައީސް މެކްރޯންވަނީ އިސްލާމްދީނަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަދި ޓެރަރިސްޓުން އުފައްދާ ދީނެއްކަމަށް ސިފަކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ އިތުރަށް ކީރިތި ރަސޫލާ މުޙައްމަދު (ސޢވ) އަށް ޖޯކުޖަހައި ކާޓޫނު ޝާއިޢު ކުރުމަށް ހިތްވަރު ދެއްވާފައެވެ.
ރައީސް މެކްރޯން އިސްލާމްދީނާ ދެކޮޅަށް ދެއްކެވި ވާހަކަފުޅާ ގުޅިގެން ތުރުކީގެ ރައީސް ޠައްޔިބު އުރުދުވާން ވަނީ ފަރަންސޭސި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސިކުނޑިއަށް ބޭސްކުރެއްވުމަށް ގޮވާލައްވާފައެވެ.
ރައީސް މެކްރޯން އިސްލާމް ދީނާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ފަރަންސޭސި އުފެއްދުންތައް ނުގަތުމަށް އެދި ބައެއް ގައުމުތަކުގެ މުސްލިމުން ވަރުގަދަ ކެމްޕޭނެއް ހިންގަމުން އެބަގެންދެއެވެ.
ޕޮގްބާއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ރަޝިޔާގައި 2018 ބޭއްވި ވޯލްޑް ކަޕްގެ އަލިގަދަ ތަރިއެކެވެ.