އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ހޯއްދެވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބަލައި އޭނާއާއެކު ގުޅުން ބަދަހިކުރުމަށް އިނގިރޭސި ސަރުކާރުން ވަޒީރުންނަށް އަންގާފައިވާ ކަމަށް އިނގިރޭސިވިލާތުގައި ނެރޭ ދުވަހު ނޫސް، ދަޓައިމްސްއިން ބުނެފިއެވެ.
ދަޓައިމްސްގައި ބުނެފައިވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ ތެރޭގައި ޚިޔާލު ހޯދުމުގެ ޚާއްސާ ސާވޭތަކާއި، ކޮމްޕިއުޓަރ ޕްރޮޖެކްޝަންސްތަކުން ފެންނަ ގޮތުގައި 70% ވޯޓާއެކު ޖޯ ބައިޑަން އިންތިޚާބު ކުރައްވާނެ ކަމުގައެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ރައީސުކަމުގެ އިތުރަށް ގާނޫނުހަދާ މަޖިލީހުގެ ދެގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓްގެ އަޣުލަބިއްޔަތު ވެސް ހޯދާނެއެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބަލާއިރު ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމުގެ %85 ފުރުސަތު އެބައޮތެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެމެރިކާގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކަރެން ޕިއާސް ގެންދަވަނީ ޖޯ ބައިޑަން އަށް ޚާރިޖީ ސިޔާސަތުގައި ލަފާއަރުވާ ދެ ބޭފުޅުން ކަމުގައިވާ ޓޯނީ ބްލެންކެން އަދި ޖޭކް ސުލިވާންއާ ގުޅުން ބަދަހިކުރައްވަމުންނެވެ. ބައިޑެން ސަރުކާރެއްގައި ޚާރިޖީ ވަޒީރަކަށް ވެވަޑައިގަންނަވާނީ މި ދެބޭފުޅުންކުރެ އެއް ބޭފުޅަކު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އިންތިޚާބަށް މަހަަކަށްވުރެ ކައިރިވެފައި ވާއިރު، އެމެރިކާގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ހުރިހައި ވޯޓެއްގައިވެސް ޖޯ ބައިޑަން އުޅުއްވަނީ ކުރީގައެވެ. އަދި އެންމެ ވާދަވެރިކަން ބޮޑު 'ބެޓްލްގްރައުންޑް' ސްޓޭޓުތަކުގައިވެސް ބައިޑަން ކުރި ހޯއްދަވާނެ ކަމަށް ބެލެވެއެވެ.