2018 ވަނަ އަހަރާ އަޅާ ބަލާއިރު، އެމެރިކާގެ މުސްލިމުން ޑިމޮކްރެޓިކް ޕާޓީއަށް ކުރާ ތާއީދު %12 ދަށްވެ، ރިޕަބްލިކަން ޕާޓީއަށް ކުރާ ތާއީދު %2 އިތުރުވެފައިވާ ކަމަށް ކައުންސިލް އޮން އެެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއައިއޭއާރް) އިން ކުރި ސާވޭއަކުން ދައްކައިފިއެވެ.
އިއްޔެ (ހޯމަ ދުވަހު) ހާމަކުރި ސާވޭގެ ނަތީިޖާއިން ދައްކާ ގޮތުގައި، ވޯޓުލާ މުސްލިމުންގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުުރާ ކަމަށް ބުނި މީހުންގެ ނިސްބަތް 2018 ވަނަ އަހަރު %78 ގައި ހުރިއިރު، ދެ އަހަރު ފަހުން އެ އަދަދު ވަނީ %66 އަށް ތިރިވެފައެެވެ. އަނެއްކޮޅުން، ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުންގެ ނިސްބަތް ވަނީ %2 އިތުރުވެ %19 އަށް މައްޗަށް ޖެހިފައެވެ.
މި ސާވޭއިން ދައްކާ ގޮތުން މުސްލިމުންގެ ތެރެއިން %89 މީހުން ބުނެފައި ވަނީ އެމީހުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާނެ ކަމަށެވެ. އަދި ވަގި ގޮތެއް ނުނިންމާ ކަމަށް ބެނެފައި ވަނީ %5 އެވެ.
މިއަހަރު ވޯޓުލާނެ މުސްލިމުންގެ މެދުގައި ޑިމޮކްރެޓިކް ޕާޓީގެ މަގޫބޫލުކަން ވަރަށް ބޮޑު ކަމަށް ދައްކައެވެ. ސާވޭގައި ބައިވެރިވި މުސްލިމުންގެ %71 ބުނެފައި ވަނީ އެމީހުން ވޯޓުލާނީ އެ ޕާޓީގެ ކެންޑިޑޭޓު އަދި ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންއަށް ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު، ރައީސު ޑޮނާލްޑް ޓްރަޕްއަށް ވޯޓުދޭނެ ކަމަށް ބުނީ %17 އެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ވޯޓުލާ މުސްލިމުން ތާއީދު ހޯދަން މަސައްކަތްކުރާއިރު، މުސްލިނުން ބެލިފައި ވަނީ އާއްމުކޮށް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުުކުރާ ބައެއްެގެ ގޮތުގައެވެ. ސާވޭއިން ހާމަވި ގޮތުގައި މުސްލިމުންގެ %44 ދެކެނީ ޑިިމޮކްރެޓިކް ޕާޓީއަކީ މުސްލިމުންނަށް ރަނގަޅު ޕާޓީއެއް ކަމުގައެވެ. ރިޕަަބްލިކް ޕާޓީއަކީ މުސްލިމުންނަށް ރަނގަޅު ޕާޓީއެެއް ކަމުގައި ދެކެނީ %16 މީހުންނެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި 3.54 މިލިއަން މުސްލިމުން ދިިރިއުޅެއެވެ. އެއީ އެމެރިކާގެ އާބާދީގެ %1.1 އެވެ. މުސްލިމުންގެ ނިސްބަތް އެންމެ މަތީ އިލިނޯއީ ސްޓޭޓުގައެވެ. އެ ސްޓޭޓްގެ %2.8 އަކީ މުސްލިމުންނެވެ.