އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ދެކަނބަލުން ކޮވިޑް- 19 އަށް ޕޮޒިޓިވްވިކަން ހާމަކުރައްވައި އޭނާ ޓުވީޓުކުރެއްވުމާއެކު އެމެރިކާގެ ވިޔަފާރީގެ ބާޒާރަށް އޭގެ އަސަރުކޮށްފިއެވެ.
އެންމެ ބޮޑު 500 ކުންފުނިގެ ހިއްސާގެ އިންޑެކްސް ކަމުގައިވާ އެސްއެންޑްޕީ 500 ވަނީ އިރުމަތީ އޭޝިޔާގައި ހުކުރު ދުވަހު މެންދުރު ފަހު ހިއްސާގެ ވިޔަފާރީގައި %1.21 ދަށަށް ގޮސްފައެވެ.
ކުރިއަށް ޑެލިވަރީކުރަން ހުރި ސާފުނުކުރާ ތެލުގެ އަގުވެސް ވަނީ މިޚަބަރާއެކު %3 ވެއްޓިފައެވެ. ނޮވެންބަރު މަހު ޑެލިވަރީކުރަން ތައްޔާރުވެފައިވާ ވެސްޓް ޓެކްސާސް އިމީޑިއެޓް (ޑަބްލިޔުޓީއައި) ތެލުގެ އަގު %3.56 ދަށަށް ގޮސްފައިވާއިރު، ޑިސެންބަރު މަހުގެ ޑެލިވަރީއަށް ތައްޔާރުވާ ބްރެންޓް ސާފުނުުކުރާ ތެޔޮ ވަނީ %3.23 ދަށަށް ގޮސްފައެެވެ.
ރޭގެ ވަގުތެއްގައި ފުރަތަމަ ކުރެއްވި ޓުވީޓުގައި ރައީސު ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ހޯޕް ހިކްސް ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާ ކަމުގައެވެ. އަދި އޭނާއާއި އަނބިކަނބަލުންގެ ޓެސްޓުގެ ނަތީޖާއަށް އިންތިޒާރުކުރައްވަމުން ގެންދަވާ ކަމުގައެވެ.
"މިރޭ އެމެރިކާގެ ފަސްޓްލޭޑީއާއި އަހަރެން ކޮވިޑް- 19 އަށް ޕޮޒިޓިވް ވެއްޖެ. އަހަރުމެން ކަރަންޓީނުވެ ބަލިން ފަސޭހަވުމަށް ކުރަންޖެހޭ ކަންކަން ވަގުތުން ފަށައިގަންނާނަން. އަހަރުމެން އެކުގައި ތިބެ މިކަމުން އަރައިގަންނާނަން." ދޮޅު ގަޑިއެއް ހާއިރު ފަހުން ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓުގައި ވެއެވެ.
މި ޓުވީޓާއެކު ތެލުގެ އަގާއި ހިއްސާގެ އަގު ދަށަށް ދިޔައިރު، އެމެރިކާގެ ޓްރެޜަރީ ބޮންޑުގެ އަގު ވަނީ އުފުލިފައެވެ. އަދި ދުނިޔޭގެ ފައިސާ މާރުކުރުމުގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.
ދުނިޔޭގެ ބާޒާރުގެ ކަންތައް ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، ކޮވިޑް- 19 ގެ ސަބަބުން ވިޔަފާރިތަކުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ރައީސު ކޮވިޑް- 19 އަށް ޕޮޒިޓިވް ވުމަކީ ބާޒާރަށް އޭގެ އަސަރު ނުކޮށް ނުދާނޭ ކަމެކެެވެ. އަދި އަމުދުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް މައްސަރަކަށް ވެފައިވުމުން އެކަމުުގެ އަސަރު ބޮޑުވާނެއެވެ.