ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާއެކު 6-1 އިން ކާމިޔާބުކޮށް ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ޗެމްޕިއަންކަން ހޯދަފާނެކަމަށް ހީކުރެވުނަސް ފަހު ދެ ސެޓު 6-3، 6-3 އިން ކާމިޔާބުކޮށް ޖަޕާނުގެ ޒުވާން ނައޯމީ އޮސާކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މެޗަށްފަހު ނައޯމީ އޮސާކާ ބުނިގޮތުގައި ވަރަށް ވާދަވެރި މެޗަކުން އޭނާއަށް މޮޅުވެވުނީ ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ވިސްނުންތެރިކަމާއެކު ވަރުގަދައަށް ކުޅުމުގެ ސަބަބުންކަމަށެވެ.
އޮސާކާ ބުނިގޮތުގައި އޭނާ ކުޑައިރު ވަނީ އަޒަރެންކާ ކުޅުނު މެޗުތައް ބަލައި ގިނަކަންތައްތަކެއް ދަސްކޮށްފައެވެ.
ތަޖުރިބާކާރު އަޒަރެންކާ 32އ ފުރަތަމަ ސެޓު ވާންކުރުމެއްނެތި ފަސޭހަކޮށް ގެންދިޔައީ، އޭނާގެ ތަޖުރިބާއާއި ބާރު ސާވިސްތަހުގެ އެހީގައެވެ. ފުރަތަމަ ސެޓަށް ނެގީ އެންމެ 27 މިނިޓުއިރެވެ.
އަންހެނުންގެ ޓެނުހުގެ ދުނިޔޭގެ ލާމަސީލު ތަރިއެއްކަމުގައިވާ ސެރީނާ ވިލިއަމް ސެމީގައި ބަލިކުރުމަށްފަހު ވަރަށް އިތުބާރާއި ޔަގީންކަމާއެކު ފައިނަލަށް ދަތުރުކުރި އަޒަރެންކާގެ ހުވަފެންތައް ފެނަށް ވެގެންދިޔައީ ޒުވާން އޮސާކާ 22އ، ފަހު ދެސެޓުގައި ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުންނެވެ. ފުލަޝަން މެޑޯސްގައި ކުޅުނު ދެވަނަ ފައިނަލް އަދި މޮޅުވި ދެވަނަ ފައިނަލް ކާމިޔާބު ކުރުމުގައި އޮސާކާއަށް އޭނާގެ ޒުވާންކަމުގެ އެހީތެރިކަން ވެސް ލިބުނެވެ.
މެޗަށްފަހު އަޒަރެންކާ ބުނި ގޮތުގައި ފާއިތުވި ދެ ހަފުތާއަކީ ނައޯމީއަށް ގަބޫލުކުރަން ދަތި ދެ ހަފުތާއެވެ. "އެހެން މުބާރާތްތަކުގެ ފައިނަލުން ވެސް އަހަރުމެންނަށް ބައްދަލުވެވޭނެ ކަމަށް އުންމީދުކުރަން." އޭނާ ބުންޏެވެ.
ހޮނިހިރުދުވަހުގެރޭގެ ފައިނަލް މެޗު އެއްގަޑިއިރާއި 53 މިނިޓަށް ދިގުދެމިގެންދިޔައެވެ.
މިއީ ނައޯމީ އޮސާކާ ޔޫއެސް އޯޕަން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކުރުމުގެ އިތުރަށް 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ކަން ވެސް ހޯދާފައެވެ.
ޖަޕާނުގެ އެންމެ މަގުބޫލު އަދި އެންމެ މުއްސަނދި ކުޅިވަރު ޝަޚްސިއްޔަތަކަށް ވެފައިވާ ނައޯމީ އޮސާކާ މިފަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކުރުން އޭނާގެ ވިދުން ވަރަށް ބޮޑަށް އިރުވެގެންދާނެއެވެ.