ބަލިޖެހި އައިސޮލޭޓް ނުކުރެވި ތިބި 200 މީހުންގެ ތެރިން 74 މީހުން ފެސިލިޓީތަކަށް ގެންގޮސްފި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، އެންމެ އިސްކަން ދެއްވައިފައި ވަނީ ޢުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް މީހުން ވީހާވެސް އަވަހަށް ފެސިލިޓީތަކަށް ގެންދިއުމަށް ކަމަށެވެ.
ބަލިޖެހޭ މީހުން ބައިތިއްބުމަށް އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ފަސް ރިސޯޓަކާއި ހަތަރު ގެސްޓް ހައުސްއެއްގެ އިތުރުން ބިދޭސީން ބައިތިއްބާ ފެސިލިޓީއެއް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތްތަލާއި އެނޫންވެސް ވަޞީލަތަތްއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބަލިޖެހިފައިވާ މީހުން އައިސޮލޭޓް ކުރުމުގައި ތަފާތު މައްސަލަތައް ދިމާވާ ކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ޕޮޒޮޓިވްވި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ފެސިލިޓީތަކަށް ނުގެންދެވި ވަނީ ބަލިޖެހިދާނެކަމަށް އަންދާޒާކުރި ވަރަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ބަލިޖެހުމާއި މޫސުމް ގޯސްވެ ދަތުރުފަތުރު ކުރުމަށް ދަތިތައް ދިމާވުމުން ކަމަށެވެ. މިހާރު ލިބިފައިވާ ފެސިލިޓީތަކަކީ މާލެއާ ތަންކޮޅެއް ދުރުގައި ހުރި ފެސިލިޓީތައްކަމުން ވައިގެ މަގުން މީހުން އުފުލުމުގައި އެއްފަހަރާ ދަތުރު ކުރުވޭ މިންވަރު ލިމިޓުވުންވެސް އެއީ ގެންދެވޭ މީހުންގެ ޢަދަދު މަދުވަން ދިމާވާ ސަބަބެއްކަމަށް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އައިސޮލޭޓް ކުރުމަށް ބަލާދިއުމުން ތަފާތު އެކި ސަބަބުތަކާ ހުރެ އެވަގުތު އައިސޮލޭޝަނަށް ދާން ބޭނުން ނުވާ މީހުންވެސް ތިބޭކަން ފާހަގަ ކުރެއްވިއެވެ. މި ގޮތަށް ދިމާވަނީ އާއިލާގެ އެހެން ބައެއްގެ ސާމްޕަލް ނަގައިފައި ނަތީޖާ ނުލިބި ހުންނަ ޙާލަތްތަކުގައިކަން ފާހަގަ ކުރެއްވިއެވެ.
ވަރަށް ގިނަ ޤައުމުތަކުގައި ބަލިޖެހޭ މީހުން އިތުރު އަލާމާތްތައް ނުފެންނަނަމަ ހޯމް އައިސޮލޭޝަން ގައި ބައިތިއްބާ ކަމަށާއި ނަމަވެސް ރާއްޖޭގައި ހަމަޖެހިފައި ވަނީ ބަލި ޖެހޭ މީހުން ފެސިލިޓީތަކަށް ގެންދާގޮތަށް ކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.