ވިހިހާސް ބިދޭސީން މި އަހަރު ތެރޭގައި އަނބުރާ ޤައުމަށް ފޮނުވާލަނީ

ޤަވާއިދާ ޚިލާފަށް އުޅޭބިދޭސީންގެ ތެރެއިން މިއަހަރު ތެރޭގައި ރުހުމާއެކު 20 ހާސް ބިދޭސީން ފޮނުވާލުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓްރ ފައްޔާޒު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ  ބިދޭސީންގެ މައްސަލައަކީ ތިރީހަކަށް އަހަރުވެފައިވާ ޙައްލު ކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި މައްސަލައެއް ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ 95 އިންސައްތައަކީ ބަނގްލަދޭޝް ރައްޔިތުން ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން ޤަވާޢިދާޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރެއްވެންދެން ބަނގްލަދޭޝްއިން އާދައިގެ މަސައްކަތްތެރިން ގެނައުން މިދިޔަ އަހަރުގެ ސެޕްޓެމްބްރ 19 އިން ފެށިގެން ހުއްޓާލައިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެތާރީޚުގެ ކުރިން އެދިފައިވާ މީހުންނަށް ދެވިފައިވާ ހުއްދައިގެ ދަށުން 1500 އެއްހާ މީހުން އެތެރެކުރެވުނު ކަމަށް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދުކަމަށް އިމިގްރޭޝަންގެ ހިސާބު ތަކުން ދައްކަނީ 62 ހާހެއްހާ މީހުން ކަމަށް ވިއަސް އިކޮނޮމިކް މިނިސްޓްރީން އަންދާޒާ ކުރަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު 80 ހާހާއި އެއްލައްކަޔާ ދޭތޭގައި އުޅޭނެކަމަށް، ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ކިތަންމެ ބޭނުން ކަމުގައި ވިއަސް އެމީހުން ފޮނުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއްވެސް ހުންނަކަން ފާހަގަ ކުރެއްވިއެވެ. ގަދަކަމުން ބިދޭސީން ފޮނުވާލުމަށް ނިންމައިފައިވާ ނުވާކަމަށްވެސް ވިދާޅުވިއެވެ. މިއަހަރު 4457 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފައިވާއިރު އޭގެތެރެއިން 3800 މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅުނު މީހުންކަމަށް ވިދާޅުވިއެވެ.  

ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ވިސްނުންތެރިކަމާއެކު ރަނގަޅު ފިޔަވަޅު ތަކެއް އެޅެމުންދާކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސިޔާސީ މަޤްޞަދު ޙާޞިލް ކުރުމަށް ބިދޭސީން ބޭނުން ކޮށްގެން މުޒާހަރާ ކުރުމާއި ހަމަނުޖެހުން ހިންގުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެއީ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ނޫން ކަމަށާއި އިދިކޮޅު ފަރާތައް  ނޫނަސް  ސިޔާސީ މަޤްޞަދު ޙާޞިލް ކުރަން ކަންކަން ކުރާ މީހުން އުޅޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓަރ ކުރައްވާ މަސައްކަތްޕުޅަކީ ރަނގަޅު ފިޔަވަޅު ތަކެއްކަމަށް މަޖިލީހުން ޤަބޫލުކުރެއްވޭނަމަ މެމްބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު އަނބުރާ ޤައުމަށް ދާންބޭނުންވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. ނަމަވެސް އެމީހުންނާމެދު ކަންތައް ކުރާނެ ގޮތް ނޭނގި ބިރުން ތިބި ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ހީކޮށްގެން ތިބީ އެމީހުން ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށެވެ. އެހެންކަމުން ބައެއް މީހުން ފިލައިގެންވެސް އުޅޭ ކަމަށެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް ހުޅުވާލުމުން 43 ހާސް ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޮވިޑާ ކުރިމަތިލާން ނުޖެހުނުނަމަ އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބޭނީ ފޮނުވައިލެވިފައިކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.