މުޅި ގަލްވާން ވާދީއަކީ ޗައިނާގެ ތަނެއްކަމަށާއި އެ ވާދީގައި ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ޒިއްމާ ވާންޖެހޭނީ އިންޑިއާއިންކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒައު ލީޖިއާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިމާވި މައްސަލަ ހައްލުކުރުމަށާއި އުފެދުނު އަރާރުން މައިތިރިކުރުމަށް ދެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވާހަކަދައްކަމުންދާކަމަށެވެ.
ޗައިނާގެ ޚާރިޖީ ވުޒާރައިން ބުނި ގޮތުގައި ޗައިނާގެ ސަރަހައްދުގެތެރޭގައި ހިމެނޭ ގަލްވާން ވާދީގައި އިންޑިއާއިން މަގުތައް ހަދައި އިމާރާތްކުރުމުގެ މަސައްކަތް އޭޕްރީލް މަހުން ފެށިގެން ދަނީ ކުރަމުންނެވެ. އޭގެ އިތުރަށް އިންޑިއާ ސިފައިން ޗައިނާގެ ސަރަހައްދަށްވަދެ ޗައިނާގެ ސިފައިންނަށް ގޯނާކޮށްހަދަފައިވެއެވެ.
ޗައިނާއިން ބުނި ގޮތުގައި މައްސަލަ ހައްލުކުރަން ވާހަކަދައްކަން އުޅުމުން އިންޑިއާ ސިފައިން އިސްވެ ޗައިނާގެ ސިފައިންނަށް ހަމަލާދިނެވެ. އެހާހިސާބުން ޗައިނާގެ ސިފައިން ވެސް ހަމަލާދީ ބޮޑު ތަޅައިފޮޅުމަކަށް މައްސަލަ ބަދަލުވެގެން ދިޔައީއެވެ.
ލަދާޚުގެ ގަލްވާން ވާދީގައި ޗައިނާއާއި އިންޑިއާ ސިފައިންނާ ދެމެދު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހިނގި ތަޅައިފޮޅުމުގައި އިންޑިއާގެ ސިފައިންގެ 20 މީހުން މަރުވެ ސިފައިންގެ 10 މީހުން ޗައިނާގެ އަތްދަށުވިއެވެ. އަދި އިންޑިއާ ސިފައިންގެ 80 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
ޗައިނާގެ ސިފައިންނަށް ލިބުނު ގެއްލުމުގެ މައުލޫމާތު ޗައިނާއިން އަދި އިންޑިއާއިން ވެސް ހާމައެއް ނުކުރެއެވެ.
"އިންޑިއާގެ އެންމެ ސިފައިންގެ މީހަކު ވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ނެތް. އެ އެންމެން ވެސް ދޫކޮށްލައިފިން." ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މަރުވި ސިފައިންގެ ތެރޭގައި އިންޑިއާގެ ސިފައިންގެ ކާނަލްއަކާއި ދެ މޭޖަރުން ހިމެނެއެވެ.
މިފަހަރުގެ ތަޅައިފޮޅުމަކީ އިންޑިއާއާއި ޗައިނާއާ ދެމެދު ފާއިތުވި 50 އަހަރުގެ ތެރޭގައި ހިނގި މިފަދަ ފުރަތަމަ ހަމަނުޖެހުމެވެ. އޭގެ ކުރިން އަރޫނާޗަލް ޕްރަދޭޝްގެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި ވެސް ޗައިނާއިން ދިން ހަމަލާތަކެއްގައި އިންޑިއާގެ ހަތަރު ސިފައިން މަރުވިއެވެ.
ގަލްވާން ވާދީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު މޯދީ ގެންގުޅުއްވި މަޑުމައިތިރި ސިޔާސަތަށް އިންޑިއާގެ ސިޔާސީ ޕާޓީތަކުންނާއި ވަޠަނީ މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ނިއުކްލިއަރ ދެ ބާރުކަމަށްވާ ޗައިނާއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ސަރަހައްދީ އިމުގެ މައްސަލަ ހައްލުކުރަން ދެ ގައުމުގެ އެކުވެރިއެއްކަމުގައިވާ ރަޝިޔާއިން މަސައްކަތް ކުރަމުން އެބަގެންދެއެވެ.