ޓްރަމްޕާ ބެހޭގޮތުން ބޯލްޓަން ލިއުއްވި ފޮތަކީ ބޮމެއް ފަދަ އެއްޗެއް

އިންތިޚާބުން ކާމިޔާބު ހޯއްދަވަން ރައީސް ޓްރަމްޕް ޗައިނާގެ އެހީއަށް އެދިވަޑައިގެންނެވި: ބޯލްޓަން

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުކަން ކުރީން ކުރެއްވި ޖޯން ބޯލްޓަން ވިދާޅުވި ގޮތުގައި ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޗައިނާގެ އެހީއަށް  ރައީސް ޓްރަމްޕް އެދިވަޑައިގަތެވެ.

އިންތިޚާބުގެ ކާމިޔާބީ ޔަގީން ކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އަރިއަހުން ރައީސް ޓްރަމްޕް އެދިވަޑައިގެންނެވިކަން ބޯލްޓަން ހާމަކުރައްވާފައި ވަނީ ރައީސް ޓްރަމްޕާ ބެހޭ ގޮތުން އޭނާ ލިއުއްވައި މިމަހު 23 ވަނަ ދުވަހު ނެރުއްވާ ފޮތުގައެވެ.

ބޯލްޓަން ލިއުއްވި ފޮތް ނެރެ ވިއްކަން ފެށުމުގެ ކުރިން ފޮތުގައި ހުރި މުހިއްމު ވާހަކަތައް އެމެރިކާގެ މީޑިއާއިން ގެންދަނީ އާއްމުންނަށް ހާމަކުރަމުންނެވެ.

ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ އެމެރިކާގެ ދަނޑުވެރިން ހައްދާ ބައެއްތަކެތި ޗައިނާއަށް ގިނައަދަދަކަށް ގަތުމަށް ކަމަށް ވެސް ބޯލްޓަންގެ ފޮތުގައި ހާމަކުރައްވާފައިވެއެވެ.

ބޯލްޓަންއާއި ރައީސް ޓްރަމްޕް: ހަރުކަށި ސިޔާސަތެއްގެ ދެބޭފުޅުން

އަދި ވައިޓު ހައުސް ހިންގަވާނެ ގޮތް ރައީސް ޓްރަމްޕަށް އެނގިވަޑައިނުގަންނަވާކަމަށް ވެސް ބޯލްޓަންގެ ފޮތުގައި ބަޔާންކުރައްވާފައިވެއެވެ.

ފޮތުގައި ދޮގު ވާހަކަތަކެއް ހުރިކަމަށް ބުނެ ފޮތް ނެރުން ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރަމްޕް ބޭނުންފުޅުވަނީ ފޮތް ނެރުން ހުއްޓުވުމުގެ ކުއްލި އަމުރެއް ކޯޓުން އަވަހަށް ނެރުމަށެވެ.

ފޮތް ނެރުން ހުއްޓުވިދާނެތަ؟

ބޯލްޓަން ލިއުއްވި ފޮތުގެ ނަމަކީ "ދަ ރޫމް ވެއާރ އިޓް ހެޕަންޑް"އެވެ.  މިއީ 577 ސަފުހާގެ ފޮތެކެވެ. ފޮތް ފިހާރަތަކުން މި ފޮތް ގަންނަން ލިބޭނީ  މިމަހު 23 ވަނަ ދުވަހުން ފެށިގެންނެވެ.

ފޮތް ނެރުމުގެ އެއް ހަފުތާ ކުރިއަށް ބަލާއިރު އެމޭޒަންގެ އެމެރިކާ ޗާޓުގެ އެއްވަނައިގައި އޮތީ މިފޮތެވެ.

ބޯލްޓަން: ގިނަކަންތައްތަކުގައި ޓްރަމްޕަށް ފާޑުވިދާޅުވެފައިވޭ

ބޯލްޓަން: ގިނަކަންތައްތަކުގައި ޓްރަމްޕަށް ފާޑުވިދާޅުވެފައިވޭ

ބޯލްޓަންގެ ފޮތް ނެރޭ ސައިމަން އެންޑް ޝޯސްޓަރއިން ހާމަކުރި ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވަނީ އަސްލެއް ހަގީގަތެއް ނެތް އަދި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ދީފައިވާ މައުލޫމާތުތަކެއް ކަމަށެވެ. 

ފޮތް ނެރޭ ފަރާތުން ބުނެފައިވަނީ ފޮތުގެ އެތައްހާސް ކޮޕީއެއް ދުނިޔޭގެ ގައުމުތަކަށް ފޮނުވާފައިވާކަމަށެވެ. އެހެންވެ ކޯޓުގެ ހުކުމުން ހާސިލުވާނެ އެއްވެސް ކަމެއް ނެތްކަމަށެވެ.

ބޮލްޓަންއަށް ފާޑުވިދާޅުވުން

"ފޮކްސް ނިއުސް"ގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ބޯލްޓަން ގާނޫނު ފުނޑާލައްވާފައިވާ ކަމަށާއި ފޮތުގައި ވަނީ ސިއްރު މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތު ޝާއިޢު ކުރެއްވުމުގެ ހުއްދަ ބޯލްޓަންއަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި ބޯލްޓަންގެ ސިޔާސީ ހަޔާތްޕުޅު ނިމިފައިވާކަމަށާއި އޭނާއަށް ފުރުސަތު ދެއްވީ ޓްރަމްޕް އަމިއްލަފުޅަށްކަމަށް ވެސް ވިދާޅުވިއެވެ. 

ޖޯން ބޯލްޓަންއަކީ ވަރަށް ހަރުކަށި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރުކަމަށް ޓްރަމްޕް އޭނާ އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ވިދިގެން އައި އަހަރުގެ ސެޕްޓެމްބަރ މަހު ބޯލްޓަން އޭނާގެ މަގާމުން އިސްތިއުފާދެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ މަގާމުން ދުރުކުރެއްވީ ޚިޔާލުތަފާތުވުމުގެ ސަބަބުންކަމަށެވެ.

ފޮތުގައި ހުރީ ކޮން ވާހަކައެއް؟

ފޮތުގައި ޗައިނާއާމެދު ރައީސް ޓްރަމްޕް ގެންގުޅުއްވާފައިވާ ސިޔާސަތާއި ޔޫކްރޭނާ ގުޅޭގޮތުން ގެންގުޅުއްވި ސިޔާސަތު ހާމަކުރައްވާފައިވެއެވެ. ޔޫކްރޭންގެ މައްސަލާގައި ޓްރަމްޕުގެ މަގާމު ގެއްލޭވަރަށް ހެއްކާއި މައުލޫމާތު ލިބުނުނަމަވެސް ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި ޓްރަމްޕުގެ ޕާޓީގެ ބޭފުޅުން ވަނީ އިތުބާރުނެތްކަމުގެ ވޯޓުން އޭނާ ސަލާމަތްކޮށްދެއްވާފައެވެ.

ބޯލްޓަންގެ ފޮތުގައި ރައީސް ޓްރަމްޕް ކުރައްވާފައިވާ ވަރަށް ގިނަ "ބޯ ގަޅި" ކަންތައްތަކަށް އަލިއަޅުވާފައިވެއެވެ.

އެވެސް ނިއުކްލިއަރ ބާރެއްތަ؟

ބޯލްޓަންގެ ފޮތުގައި ރައީސް ޓްރަމްޕަށް އިނގިރޭސިވިލާތަކީ ނިއުކުލިއަރ ބާރެއްކަން އެގިވަޑައިނުގެން އެކަމާ ގުޅޭ ގޮތުން ސުއާލު ކުރެއްވިކަމަށް ވެސް ހާމަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓެރޭސާ މޭއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިނގިރޭސިވިލާތުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ވާހަކަ ދެކެވުމުން "ކަމަނާމެންނަކީ ވެސް ނިއުކްލިއަރ ބާރެއްތޯ؟" ޓްރަމްޕް ސުއާލު ކުރެއްވިކަމަށް ބޯލްޓަން ލިއުއްވާފައިވެއެވެ.

ބޯލްޓަން ވިދާޅުވިގޮތުގައި އެއީ ޓްރަމްޕް ސަމާސާ ނިޔަތެއްގައި އެއްސެވި ވާހަކައެއް ނޫނެވެ.

ފިންލޭންޑަކީ ރަޝިޔާގެ ބައެއްތޯ ކުރީގެ ޗީފް އޮފް ސްޓާފް ޖޯން ކެލީގެ އަރިއަހުން ޓްރަމް އެއްފަހަރަކު ސުއާލުކުރެއްވިކަމަށް ވެސް ބޯލްޓަން އޭނާގެ ފޮތުގައި ލިއުއްވާފައިވެއެވެ.

އަފުޣާނިސްތާގެ މައްސަލާގައި އެމެރިކާގެ ދައުރާމެދު ޓްރަމްޕް ހިތްޕުޅާނުވާކަމަށާއި އަފްޣާނިސްތާނުގައި އެމެރިކާގެ ދައުރަކީ ޖޯޖް ބުޝްއޭ ކިޔާ މޮޔައަކު ކުރެއްވި ކުށުގެ ގެއްލުންކަމަށް ޓްރަމްޕް ވިދާޅުވާކަމަށްވެސް ބޯލްޓަންގެ ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ. 

މިއީ ރަނގަޅު ތަނެއް ނޫން!

އެއްފަހަރަކު ވައިޓް ހައުސްއިން ދިމާވެގެން އޭރުގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ އޭނާގެ އަރިހުގައި މިއީ މަސައްކަތް ކުރަން ރަނގަޅުތަނެއް ނޫންކަމަށާއި އެތަނުން އަވަހަށް ނުކުމެވަޑައިގަތުމަށް ބޭނުންފުޅުވެފައި ހުންނެވިކަމަށް ވިދާޅުވިކަމަށް ވެސް ބޯލްޓަން ލިއުއްވާފައިވެއެވެ.

ޖޯން ބޮލްޓަން ލިއުއްވާފައިވާ ގޮތުގައި  ޓްރަމްޕް އަރިހުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ޓްރަމްޕަށް ނަފުރަތުކުރައްވައެވެ.

އުތުރު ކޮރެއާއި އެމެރިކާގެ ރައީސް ބައްދަލުކުރެއްވި އިރު  ޚާރިޖީ ވަޒީރު މައިކް ޕޮމްޕިޔޯ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާއަށް ކުރު ނޯޓެއް ފޮނުއްވިކަމަށް ވެސް ބޯލްޓަން އޭނާގެ ފޮތުގައި ބަޔާންކުރައްވާފައި ވެއެވެ.

ބޯލްޓަން ލިއުއްވާފައިވާ ގޮތުގައި ޚާރިޖީ ވަޒީރުވެސް ހުންނެވީ ޓްރަމްޕުގެ ސިޔާސަތާމެދު ހިތްޕުޅާނުވެގެން އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަތުމުގެ ވިސްނުންފުޅުގައެވެ.

ރައީސް ޓްރަމްޕް، ޚާރިޖީ ވަޒީރު ޕޮމްޕިއޯ އަދި ބޯލްޓަން

ބޯލްޓަންގެ ފޮތުގައި ނޫސްވެރިންނަށް ޓްރަމްޕުގެ ހިތްޕުޅުގައި އެއްވެސް ގަދަރެއް އިހުތިރާމެއް ނެތްކަން ހާމަވާ އެތައް ވާހަކައެއްވެސް ހާމަކުރައްވާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ބޯލްޓަންގެ ފޮތަކީ ރައީސް ޓްރަމްޕަށް ބޮމެއްފަދަ އެއްޗެކެވެ. އެ ފޮތް ނެރުން ހުއްޓުވުމަށް ރައީސް ޓްރަމްޕް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެ "ބޮން" ގޮވައި އޭނާއަށް ސިޔާސީ ބޮޑު ގެއްލުމެއް ލިބިވަޑައިގެންފާނެތީއެވެ.

ބޯލްޓަންގެ ފޮތުން ރައީސް ޓްރަމްޕަކީ ސިޔާސީ ގޮތުން "ވަނދު ގޮބޮޅިއެއް"ކަން ވަރަށް ރަނގަޅަށް ދުނިޔެއަށް ހާމަވެގެންދާނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.