ކުށްޔަށް ދީފައިވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނެރުން މަނާކުރާ ބިލެއް ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން މާލޭގައި ކުށްޔަށް ދިރިއުޅެމުން އައި ބަޔަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ކުރިން އެންގުމަކާ ނުލައި އެތައް އާއިލާއެއް ގެއިން ނެރެފައިވެއެވެ. މި މަހުގެ 29ވަނަ ދުވަހު ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދިރިއުޅުމަށް ކުށްޔަށް ދީފަިއވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނެރެގެން ނުވާނެކަމަށް ކަނޑައަޅަންވާނެއެވެ. އަދި ތަންދޫކޮށް ދިއުމަށް ނޯޓިސް ދޭންވާނީ ދެމަސްކުރިން ކަމަށް ލާޒިމުކޮށްފައިވެއެވެ. މިގޮތަށް ނޯޓިސް ދިނުން ލާޒިމުކޮށްފައިވަނީ ކުށްޔަށް ދޭ ފަރާތަށް ކުލި ދެއްކުމުން ބަރީއަނުވާ ގޮތަށެވެ.
އަދި ދިރިއުޅުމަށް ކުށްޔަށް ދީފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ކާބޯތަކެތި ނެތް ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭން ވާނެ ކަމަށް ބިލުގައި ހިމަނާފައިވެެއެވެ. އަދި ކޯވިޑާ ގުޅިގެން މުވައްޒަފުންނަށް ޚާއްސަ ސަލާމާއި އާއިލީ ޒިއްމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްސަ ޗުއްޓީ ދިނުން ލާޒިމުކުރުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
"އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި މަޖިލީހަށް ފޮނުވި ބިލަކީ ކޯވިޑް-19އާ ގުޅިގެން މެދުވެރިވެފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކިވަކި ފަރުދުންނާއި އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފޮނުވި ބިލެކެވެ. މީގެ އިތުރުން ދައުލަތް ހިންގުން މެދުކެނޑުމެއް ނެތި ކުރިައަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމާބެހެ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަސް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ބިލު އެކުލަވާފައިވަނި ކޯވިޑް-19އާ ގުޅިގެން ޒަރޫރީ ބޭނުންތައް ފުއްދުމަސް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި އާއިލލާތަކަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން އެފަރާތްތަކަށް ކުރިމަތިވެފައިވާ އިޖުތިމާއީ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ގާނޫން ފޯރުކޯށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އަދި ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަސް ޚާއްސަ ގާނޫނެއް މެދުވެރިކޮށް ވަގުތީ ހައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންނެެވެ.