ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުން މަޤާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުއްވައިފިއެވެ.
ކޮމެޓީއަށް މައްސަލަ ފޮނުއްވައިފައި ވަނީ އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ގަވައިދުގެ 210 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން މަޖިލީހިގެ ރައީސް މަޖިލީހުގައި އިއުލާން ކުރެއްވުމަށްފަހުއެވެ. މަޖިލީހުގައި އެމައްސަލަ އިޢުލާންކުރުމަށް ފޮނުވައި ފައި ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.
ކޮވިޑާ ގުޅިގެން ސަރުކާރަށް ދެއްވާ ލަފަޔާ ގުޅެގޮތުން އެކޮމެޓީން އެކުލަވާލި ރިޕޯރޓްގައި އެޗްއާރްސީއެމްގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަ ކުރައްވައިފައެވެ. ކޮވިޑާ ގުޅިގެން މީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް އެކޮމިޝަނަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ވަނީ ފަހަގަކޮށްފައެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި ބިކަވެފައިވާ އިރު އެކަމާ ގުޅޭގޮތުން ކޮމިޝަނުން ދެކޭގޮތެއް އަދި އަޅާފައިވާ ފިޔަވަޅެއް ވެސް އެނގެން ނެތްކަމަށެވެ. ޖަލުތަކުގެ ހާލަތު ބަލައި ޖަލުތަކުގައި ތިބޭ މީހުންގެ މުއާމަލާތްތައް ހުއްޓިފައިވާ އިރު އެކަމާއި ގުޅޭ މައްސަލަތައް އެޗްއާރުސީއެމްއަށް ހުށަހެޅޭނެ ގޮތެއްވެސް ހަމަޖައްސާފައި ނުވާކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ މީހުންގެ ހާލަތު ބެލުމަށް، ކޮވިޑާ ގުޅިގެން 4 އެޕްރީލް 2020 ގައި އެކޮމިޓީން މަޢުލޫމާތު ސާފުކުރުމަށް އެދުމުގެ ކުރިން އެކޮމިޝަނުން އެއްވެސް ޒިޔާރަތެއް ކޮށްފައި ވެސް ނުވާކަން ފާހަގަ ކުރެވިފައިވާކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ. ނަމަވެސް އޭގެފަހުން މިފަދަ މަރުކަޒުތަކަށް ޒިޔާރަތްކޮށް ބައެއް ރިޕޯޓްތައް ކޮމިޓީއަށް ފޮނުވާފައިވާކަން ފާހަގަކުރައްވައިފައި ވެއެވެ.
އިންސާނީ ޙައްޤުތައް ނަގަހައްޓާ ދެމެހެއްޓުމަށް ޢަމަލުކުރަންޖެހޭގޮތުގެ ލަފާ ސަރުކާރަށް އެރުވުމަކީ އެކޮމިޝަންގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅާފައިވީނަމަވެސް، މި ނާޒުކު އަދި ނުރައްކާތެރި ޙާލަތާ ގުޅިގެން 4 އެޕްރީލް 2020 ގައި ކޮމިޓީން މަޢުލޫމާތު ސާފުކުރުމަށް އެދުމުގެ ކުރިން މިފަދަ އެއްވެސް ލަފައެއް އަދި އިރުޝާދެއްވެސް ކޮމިޝަނުން ދީފައެއްނުވާކަމަށް ވެސް ކޮމެޓީގެ ރިޕޯރޓްގައި ފާހަގަ ކުރައްވައިފައި ވެއެވެ
މި ޙާލަތުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގައި އެންމެ ޙަރަކާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ އެއް މުއައްސަސާއަކީ ހިއުމަން ރައިޓްސް ކޮމިޝަން ކަމަށްވީއިރު، މި ޙާލަތާގުޅިގެން އެތައް ބައެއްގެ ވަޒީފާއާއި އާމްދަނީ ގެއްލި، އިޖްތިމާޢީ ރައްކާތެރިކަން ނުރައްކަލަށް ހުށަހެޅި އެތައް ބައެއް މަރުކަޒުކުރެވި ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮމިޝަނުން ފާރަވެރިވުމުގެ ދައުރު ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި، އަދި އަވަސްމިނުގައި ކުރަންޖެހޭކަމަށް ކޮމިޓީން ދެކެއެވެ.
މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުން ވަކިކުރުމަށް ކޮމިޓިން ނިންމައިފިނަމަ މަޖިލީހުގެ އަޣުލަބިއްޔަތު އެކަން ފާސްކޮށްފިނަމަ މަޤާމުން ވަކިކުރެވޭނެއެވެ.