ޓްރީޓޮޕްގައި ކޮވިޑް ބަލީގެ ފަސް މީހަކަށް ފަރުވާ ދޭން ފަށައިފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްޗްގެ މެޑިކަލް ޑިރެކްޓަރ ޑރ ޢަލީ ނަޒީމް ވިދާޅުވީ ޓްރީޓޮޕްގައ މިހާރު ފަރުވާ ދެމުންދާ ކޮވިޑް ބަލީގެ ފަސް މީހުންނަކީ އައިޖީއެމްއެޗްއިން ގެންދެވިފައިވާ ބަލީ މީހުންކަމަށެވެ.
ޑރ ނަޒީމް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރަނީ އިތުރަށް ހާލު ބޮޑުވެ އިތުރު ފަރުވާ ދޭންޖެހޭ މީހުން ކަމަށެވެ. އެނޫން މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުލޭއައިލެންޑް ހޮޓަލުގައި ހަދާފައިވާ ފެސިލިޓީއާއި ފަރުކޮޅާއި އެނޫންވެސް އެފަދަ ފެސިލިޓީތަކުގައެވެ. އެތަންތަނުގައި ތިބޭ މީހުންގެ ތެރެއިންވެސް އިތުރު ފަރުވާ އަށް ބޭނުންވާ މީހުން ވެސް އޮންނަ އުޞޫލުގެ މަތިން ޓްރީޓޮޕަށް ބަދަލުކުރެވޭނެކަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެވޭ ހިސާބަށް ދާނީ ބެލިޖެހޭ މީހުންގެ 20 އިންސައްތަ ކަން ޑރ ނަޒީމް ފާހަގަ ކުރެއްވިއެވެ. ކޮވިޑް ބަލީގެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާ ނަމަ އެ ކަން ކުރާނީ އައިޖީއެމްއެޗުގައި އުފައްދާފައިވާ 10 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިންނެވެ. އެކޮމިޓީގައި ތިއްބަވަނީ ކްރިޓިކަލް ކެއާގެ ފަރުވާ ދެއްވާ ހަ ބޭފުޅުންނާއި އެނޫންވެސް ކަމާބެހޭ އައިޖީއެމްއެޗްގެ ފަންނީ ބޭފުޅުންނެވެ. ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދޭންފެށިކަމުގައިވިއަސް ކޮވިޑް ފަރުވާގެ ކަންކަން ރާއްޖޭގައި ކުރިއަށ ގެންދަވާނީ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންކަމަށް ޑރ ނަޒީމް ފާހަގަ ކުރެއްވިއެވެ.
ކޮވިޑް ބައްޔަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު ޚާއްސަ ކޮށްފައި ވަނީ 45 އެނދެވެ. އެއީ 15 އައިސީޔޫ އެނދާއި 30 އާންމު އެނދެވެ. ޓްރީޓޮޕްގައި އެޑްމިޓް ކުރެވޭ މީހުންގެ އަދަދު 60 އަށް އަރަންދެން އެހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ އެމެންނަށް ވެސް ފަރުވާ ދެމުން ދާނީ އެތަނުގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. ޓްރީޓޮޕްގައި މިހާރު 60 ޑޮކްޓަރުންނާއި 120 ނަރުހުން މަސައްކަތް ކުރަމުންދާނެ ކަމަށް އެތަނުގެ މެނޭޖް މަންޓުން ހާމަކުރައްވައެވެ.
ކޮވިޑް ބަލީގެ މީހުން ޕީކަށް ދާން ފަށާ ހިސާބުން ނުވަތަ ޓްރީޓޮޕްގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު 60 ށް ވުރެ މަތިން ވާން ފެށުމުން އައިޖީއެމްއެޗުގެ ގާތްގަނޑަކަށް 75 ޑޮކްޓަރުންނާއި 300 އެއްހާ ނަރުހުން ޓްރީޓޮޕަށް ބަދަލު ކުރުމަށް ހަމަޖައްސަވައިފައި ވާކަމަށް ޑޮކްޓަރ ނަޒީމްވިދާޅުވި އެވެ. އެހާލަތުގައި ޓްރީޓޮޕްގައި 100 އައިސީޔޫ އެނދާއި އާންމު 60 އެނދު ބޭނުން ކުރެވޭނެކަމަށް ވެސް ޑރ ނަޒީމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 766 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.